ކ. މާލެ
|
2 މެއި 2023 | އަންގާރަ 10:20
ލަޔޮނަލް މެސީ: ބާސެލޯނާ އަށް އެނބުރި އަންނާނީ ގިނަ ޝަރުތުތަކަކާއެކު
ލަޔޮނަލް މެސީ: ބާސެލޯނާ އަށް އެނބުރި އަންނާނީ ގިނަ ޝަރުތުތަކަކާއެކު
ޑެއިލީ މެއިލް
ބާސެލޯނާ
މެސީ އަލުން ގެނައުމަށް ބާސެލޯނާއިން ފަސް ކުޅުންތެރިން ބޭރުކުރަންޖެހޭ!
ޕީކޭ، ޓާސްޓެގަން، އަންސޫ ފަޓީ، ގްރިއެޒްމަން އަދި ރިކީ ޕުއިޖާއެކު ކުޅެން އޭނާ ބޭނުމެއްނުވޭ

ކުރިއަށް އޮތް ފުޓްބޯޅަ މޫސުމަށް ސްޕޭނުގެ ބާސެލޯނާގެ އެންމެ ބޮޑު އުއްމީދަކީ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ އަލުން ޓީމަށް ގެނައުމެވެ. އެއް ސަބަބަކީ ސަޕޯޓަރުންނާއި މެސީއާ އޮތް ގުޅުމެވެ. ދެ ވަނަ ސަބަބަކީ ދަނޑުމަތީގަ އާއި ދަނޑުބޭރުން ޓީމަށް އަންނާނެ ކުރިއެރުންތަކެވެ. ތިން ވަނަ ސަބަބަކީ ބާސެލޯނާގެ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އައު ދައުރަކަށް ހޮވެން ބޭނުންނަމަ މެސީއާ ނުލައި އެކަން ކުރަން އުނދަގޫވާނެތީ އެވެ. ސަބަބަކީ އޭނާ ވަނީ ކުލަބުން މެސީ ފޮނުވާލި ރައީސަށް ކަމަށްވާނެތީ އެވެ. އިދިކޮޅު ވާދަވެރީން މިޕޮއިންޓުގައި ލަޕޯޓާ ބަލިކުރާނެ އެވެ. މީގެ އިތުރުން ކުލަބުގެ ތާރީހާއި ކުރިއެރުމާއި މެސީއާ ގުޅިފައިވާ މިންވަރަކީ ވެސް އާޖެންޓީނާގެ ކެޕްޓަން އަލުން ޓީމަށް ގެންނަން ގަދައަޅައި މަސައްކަތް ކުރަންޖެހޭ ސަބަބެކެވެ.

މީގެ ދެ އަހަރު ކުރިން މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ ކުއްލި ސިހުމަކާއެކުގަ އެވެ. ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާ އަށް ހޯދައިދިނުމަށްފަހު އޭނާ އެނބުރި ސްޕޭނަށް ދިޔައީ އާކޮންޓްރެކްޓެއްގައި ސޮއިކުރަން ތައްޔާރުވެގެންނެވެ. ނަމަވެސް ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ނުކުރެވޭނެކަން ސްޕެނިޝް ލީގުން ބާސެލޯނާއަށް އެންގި އެވެ. މިކަން ކުލަބުން މެސީއަށް އެންގުމާއެކު ލަޕޯޓާ އާއި މެސީގެ ގުޅުން ގޯސްވި އެވެ. ބައެއް ކުޅުންތެރިންނާ ވެސް މައްސަލަ ޖެހުނެވެ.

ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ކުޅުންތެރިޔާ އެކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ޖޫން މަހު ހަމަވާނެ އެވެ. ޕީއެސްޖީގައި ހުރުމާމެދު މެސީ ވަކިގޮތެއް ނުނިންމަ އެވެ. ކުލަބު ބަދަލުކުރާނަމަ މެސީގެ ކުރިމަތީގައި ވަރަށް ގިނަ ހުށަހެޅުންތައް ހުންނާނެ އެވެ. އޭގެ ތެރޭގައި ބާސެލޯނާ އަށް އަލުން ބަދަލުވުން ވެސް ހިމެނެ އެވެ. މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖް މެސީ ދާދި ފަހުން ބުނެފައިވަނީ އޭނާގެ ދަރިފުޅު އަލުން ބާސެލޯނާ އަށް ދާނެހެން ހީނުވާ ކަމަށެވެ.

ބައްޕަ މި ގޮތަށް ވާހަކަ ދެއްކީ މެސީ އަލުން ބާސެލޯނާ އަށް ބަދަލުވާނަމަ ކުރަންޖެހޭ ކަންކަން މުޅިން ފުރިހަމަނުވާތީ ކަމަށް ސްޕޭނުގެ ނޫސްތަކުން މިހާރުވަނީ ތުހުމަތު ކުރަން ފަށާފައެވެ. މި ގޮތުން މުހިންމު ފަސްކަމެއް ކުރަންޖެހޭ ކަމަށްވެއެވެ. އެއީ:

(ކ-ވ) މެސީ، ޓާސްޓެގަން، ޕީކޭ: މި ދެ ކުޅުންތެރިންނާއެކު ކުޅެން މެސީ ބޭނުމެއްނުވޭ - ޑެއިލީ މެއިލް

1. ޖެރާޑް ޕީކޭ:

ކުޑައިރުއްސުރެ ގާތް ދެ ރަހުމަތްތެރިންގެ މެދުގައި މައްސަލަ ޖެހުނީ މެސީގެ ކޮންޓްރެކްޓް އާނުކޮށް ދޫކޮށްލައިފިނަމަ ބާސެލޯނާގެ މާލީ މައްސަލަތައް ހައްލުވާނެ ކަމަށް ބުނެ ޕީކޭ ކުލަބުގެ ބޯޑަށް ލަފާދިނުމުންނެވެ. އޭގެ ފަހުން ދެ ކުޅުންތެރިން ވާހަކަ ވެސް ނުދައްކަ އެވެ. ވަދާއީ ސައިފޮދަށް ވެސް ޕީކޭ އަށް މެސީ ދައުވަތު ނުދެ އެވެ. މެސީ ސިފަކުރާ ގޮތުގައި ޕީކޭ އަކީ ހަރާންކޯރުވި މީހެކެވެ. ބާސެލޯނާގެ ޗޭންޖިންރޫމުން އެންމެ ފަހު ފަހަރަށް ނުކުންނަމުން އޭނާ ލިޔެފައިވާ މެސެޖްގައި ޕީކޭ އަށް މުހާތަބްކުރީ ވެސް މަކަރުވެރިއެއްގެ ގޮތުގަ އެވެ. މެސީގެ މެސެޖްގައިވަނީ ކާކުގެ ވާހަކައެއްތޯ ޕީކޭ ސުވާލު ކުރުމުން ޖޯޑީގެ އަލްބާގެ ޖަވާބަކަށްވީ ވެސް އެމީހަކީ ޕީކޭ ކަމަށެވެ. ތިްނ އަހަރުގެ ކޮންޓްރެކްޓެއް އޮއްވައި ޕީކޭ ރިޓަކާކުރަން ބާސެލޯނާއިން މިދިޔަ އަހަރު ބާރުއެޅީ ވެސް މިހެންވެ އެވެ. އެންމެ ފަހުން އަމިއްލަ ޒާތީ މައްސަލަތަކާއެކު ޕީކޭ ކުޅުން ހުއްޓާލީ މިދިޔަ ވޯލްޑްކަޕުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.

2. މާކް އަންދްރޭ ޓާސްޓެގަން

2014 ވަނަ އަހަރުން ފެށިގެން ބާސެލޯނާ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ކީޕަރު ޓާސްޓެގަން އާއި މެސީއާ ގުޅުން ކުޑަވީ މެސީ އަކީ ކުލަބުގެ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް ނޫން ކަމަށާއި އެހެން މީހުންނަށް އިހްތިރާމްނުކުރާ ކަމަށް ސިފަކުރަން ފެށުމުންނެވެ. ކުރީގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ސޮއިކުރުވި ކޮންޓްރެކްޓްގެ ދަށުން ޓާސްޓެގަން 2025 ވަނަ އަހަރާ ހަމައަށް ކުލަބުގައި ހުންނާނެ އެވެ. އޭނާ ވިއްކާލުމުގެ ހިޔާލު މިހާރުގެ ރައީސް ލަޕޯޓާ ކުރިން ގެންގުޅުނު ނަމަވެސް ޓާސްޓެގަން ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އެކަންވަނީ ބަދަލުވެފަ އެވެ. ކޯޗު ޒަވީގެ އިތުބާރު ވެސް ޓާސްޓެގަން އަށް އެބައޮތެވެ. އަނެއްކޮޅުން އޭނާ ފެންވަރުގެ ދެވަނަ ކީޕަރަކު މިވަގުތު ކުލަބުގައި ނެތެވެ. ގަނެވޭކަށް ވެސް ނެތެވެ. މިހެންވެ ލަޕޯޓާ އާއި ޒަވީގ ޕްލޭނަކީ މެސީއާ ވާހަކަ ދައްކައިދެ ކުޅުންތެރިންގެ މައްސަލަތައް ހައްލުކުރުމެވެ. މިކަމަށް ޓާސްޓެގަން އާއި މެސީގެ ރުހުން ވެސް މިހާރު އޮތްކަމަށްވެ އެވެ.

3. ރިކީ ޕުއިޖް

ޕީކޭއާ ވަރަށް ގާތްގުޅުމެއް އޮންނަ ޒުވާން ކުޅުންތެރިޔާ މިވަގުތު ކުޅެމުންދަނީ ލޯނު އުސޫލުން އެމެރިކާ ލީގުގަ އެވެ. އޭނާ ބާސެލޯނާގައި ހުރުމަށް މެސީ ގަބޫލެއްނޫނެވެ. މިހެންވެ އަލުން އެނބުރި އޭނާ ބާސެލޯނާ އަށް ގެނައުން ގާތެއްނޫނެވެ. އެވަރުގެ ކުޅުމެއް ވެސް ޕުއިޖްގަ ފަރާތަކުން ނުފެނެ އެވެ.

މެސީ އާއ ޓާސްޓެގަން: އޭނާ ވިއްކާލަން މެސީ ބޭނުންވޭ - ޑެއިލީ މެއިލް

4. އެންޓޮއިން ގްރިއެޒްމަން

މެސީ އާއި ގްރިއެޒްމަންއާ ދެމެދު މައްސަލައެއްނެތެވެ. އެކަމަކު މި ދެ ކުޅުންތެރިންގެ ގުޅުން އެހާ ބަދަހިނޫންކަން ގްރިއެޒްމަން ވެސް ފާހަގަކުރެ އެވެ. މެސީ ގަބޫލުކުރާ ގޮތުގައި ފްރާންސްގެ ފޯވަޑަކީ ބާސެލޯނާ ސްޓައިލްގެ ކުޅުންތެރިއެއްނޫނެވެ. އޭނާ މިހާރު ވަނީ ކުރީގެ ކުލަބު އެތްލެޓިކޯ އަށް ދޫކޮށްލައިފަ އެވެ. އެނބުރި ނުގެންނާނެ އެވެ.

މެސީ އާއި އަންސޫ ފަޓީ: އޭނާ ވިއްކާލަން މެސީ ބޭނުންވޭ - ޑެއިލީ މެއިލް

5. އަންސޫ ފަޓީ

އުމުރުން 20 އަހަރުގެ ޒުވާން ފޯވަޑް އަންސޫ ފަޓީ އަކީ މެސީގެ 10 ނަންބަރުގައި ބާސެލޯނާއިން ދިން ކުޅުންތެރިޔާ އެވެ. އޭނާއާމެދު ކުލަބުން ފޮނި އުއްމީދުތަކެއްކުރި އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގަ އާއި މި ސީޒަނުގައި ވެސް ފަޓީ އަށް ރަނގަޅު ކުުޅުމެއް ނުދެއްކެ އެވެ. އަންސޫ ފަޓީ އަކީ މެސީގެ ބްލެކް ލިސްޓްގައި އޮތް ނަމެކެވެ. ސަބަބަކީ މެސީގެ އާއިލާ އަށް ފަޓީ މަލާމާތްކުރުމެވެ. މިއީ ކުޅުންތެރިޔާ ވިއްކާލުމުގެ ހިޔާލުތައް ބާސެލޯނާ ތެރޭގައި އެނބުރެން ފެށި އެއް ސަބަބެވެ. ކޯޗު ޒަވީ ހަނާންޑޭޒް ވެސް މާބޮޑަށް ފަޓީ އަށް ބަރޯސާވެ އިސްކަންދޭތަނެއް ނުފެނެ އެވެ. އޭނާގެ ސުޕަ އެޖެންޓް ޖޯޖް މެންޑޭޒްގެ އެހީގައި ގަވާއިދުން ކުޅެވޭނެ އާކުލަބެއް ހޯދުން ބުއްދިވެރިކަމަށް ބާސެލޯނާއިން ދަނީ ވިސްނައިދެމުންނެވެ. ދާދި ފަހުން ފަޓީގެ ބައްޕަ އޭނާގެ ދަރިފުޅަށް ކުޅެން ލިބޭ ވަގުތު މަދުކަމަށްބުނެ ބާސެލޯނާގެ ވެރިންނާ ވެސް ބައްދަލުކޮށް އެކަމާ ސުވާލުކުރި އެވެ. މިއާއެކު ބާސެލޯނާގައި ފަޓީގެ ކުރިމަގެއްނެތް ކަމަށް ހީވާން ފެށި ވަގުތުކޮޅެއް އައެވެ. އެކަމަކު ވެސް ފަޓީ ބުނަމުންދަނީ އޭނާ ބޭނުންވަނީ ބާސެލޯނާގައި މެސީ ފަދަ ކާމިޔާބު ކުޅުންތެރިއަކަށްވުމަށް ކަމަށެވެ. އެކަމަކު މެންޑޭޒް ރަނގަޅު އަގެއް ހޯދައިގެން އަތުވެއްޖެނަމަ މެސީ އަށްޓަކައި ފަޓީ ގުރުބާން ކުރަން ބާސެލޯނާ ފަހެއް ނުޖެހޭނެ އެވެ.

މީގެ އިތުރުން ކުރީގެ ކޯޗު ރޮނަލްޑް ކޮއެމަންގެ ސްޓައިލާމެދު ވެސް މެސީ މުޅިން ހިތްހަމަ ނުޖެހެ އެވެ. އޭނާ ވެސް މިހާރު ހުރީ ކުލަބުން ވަކިކޮށްފަ އެވެ.

މެސީއާ ގުޅުން ކުޑަ ކުޅުންތެރިންގެ ތެރެއިން މިވަގުތު ޓީމުގައި ތިބީ އަންސޫ ފަޓީ އާއި ކީޕަރު ޓާސްޓެގަން އެވެ. މީގެ ތެރެއިން ލަޕޯޓާ ވަނީ ވަރަށް ފަހުން އަންސޫ ފަޓީ ވިއްކާލާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި ޓާސްޓެގަންގެ ބަދަލުގައި ސްޕޭން ކީޕަރަކު ބާސެލޯނާގެ އަންގި ލައްވައިގެން ހުރުމަކީ ލަޕޯޓާގެ ބޮޑު ހުވަފެނެކެވެ. އެކަޑަމީއިން ތަމްރީނުވި ކީޕަރު އިނާކީ ޕެންޔާ ތުރުކީގެ ގަލަޓަސަރާއީގައި މޮޅަށް ކުޅުމާއެކު އަލުން ޓީމަށް ގެނައީ މިހެންވެ އެވެ.

- ކޮމެންޓް