Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 17:24
އޭސީސީގެ ރަސްމިއްޔާތެއްގެ ތެރެއިން
އޭސީސީގެ ރަސްމިއްޔާތެއްގެ ތެރެއިން
އޭސީސީ
ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް އަނބުރާ ހޯދުން
ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ފުރިހަމަ ނިޒާމެއް އަދިވެސް ނެތް - ރިޕޯޓް
އެސެޓް ރިކަވަރީ ނިޒާމް ބަލަހައްޓާނެ ބެލެނިވެރި މުއައްސަސާއެއް ނެތް
ހަރުދަނާ އެސެޓް އެންޑް ވެލްތު ޑިކްލެރޭޝަން ނިޒާމެއް ނެތް
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެން ހޯދާ މުއްސަނދިކަން ދައުލަތަށް އަނބުރާ ހޯދޭން ޤާނޫނެއް ވުޖޫދުކުރުމަށް ލަފާދީފަވޭ

ކޮރަޕްޝަންގެ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި އަދިވެސް ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި "ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" މި ރިޕޯޓްގައި ބުނެފިއެވެ.

އޭސީސީ އިން ވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެން ހޯދާ މުއްސަނދިކަން ދައުލަތަށް އަނބުރާ ހޯދޭން ޤާނޫނެއް ވުޖޫދުކުރުމަށް ލަފާދީފައެވެ. އެ ރިޕޯޓުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގުމަށް ހުރި ދަތިތަކާއި، ދިމާވާ ގޮންޖެހުންތަކަށް ވަރަށް ތަފްސީލްކޮށް ވަނީ އަލިއަޅުވާލާފައެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ހާމަކުރި ނަމަވެސް އެކަމުގެ އެންމެ އެދެވޭ ނަތީޖާ ނުނެރެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ބައެއް މަޤާމުތަކުގައި ތިއްބަވާ އިރު މުދަލާއި ފައިސާ އަދި އަރަންޏާއި ދަރަނީގެ ބަޔާން ހާމަކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް އެކަމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތަކެއް ނެތުމުގެ ކަންބޮޑުވުން އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެގޮތަށް ހާމަކުރާ މައުލޫމާތަކީ އޮޑިޓްކޮށް ތެދު ދޮގު ކަށަވަރު ކުރެވޭ މައުލޫމާތު ނޫންކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

Advertisement

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް އެސެޓް ޑެކްލެރޭޝަންއާ ގުޅޭ ބިލުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ކަންކަން ހިމެނުމަށް އޭސީސީ އިން ވަނީ ލަފާދީފައެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ހިނގާ ޚިޔާނާތާއި ގުޅުން ހުރި ފައިސާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ތުހުމަތުކުރެވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ގިނަ ދުވަސް ހޭދަވުމުން ހެކި ހޯދަން އުނދަނގޫވާކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

އެ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހަރުދަނާ އެސެޓް އެންޑް ވެލްތު ޑިކްލެރޭޝަން ނިޒާމެއް ނެތުމާއި ކޮރަޕްޝަންގެ ކުށްތަކުގައި ދައުވާ ކުރުމާއި ތަހުގީގު މަރުހަލާގައި ދިމާވާ ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލައްވަފައެވެ. ހަމައެހެންމެ އެސެޓް ރިކަވާ ކުރާނެ ވަށާޖެހޭ ގާނޫނެއް ނެތުމުން ތަންފީޒީ އިދާރާތަކަށް އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ދިމާވާ ކަމަށް ވަނީ ބުނެފައެވެ. އެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ އެސެޓް ރިކަވަރީ ނިޒާމް ބަލަހައްޓާނެ ބެލެނިވެރި މުއައްސަސާއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެފަދަ ކުށަކާއި ގުޅިގެން ނަގާ މުދަލާއި ފައިސާ މެނޭޖްކުރާނެ ގޮތެއް ވެސް ބަޔާންވެފައި ނެތް ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް