ގެއްލިގެން ހޯދަމުން އަންނަ މުޙައްމަދު އާސިރު އިސްމާއީލް 10 ދުވަސްފަހުން ފެނިއްޖެއެވެ.
އޭނާ ފެނުނުކަން ހާމަކޮށް ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އާސިރު ފެނިފައިވާކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ. އޭނާ ފެނުނުކަން ހާމަކުރައްވާ ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި މިނިސްޓަރު ވަނީ އާސިރު ހޯދުމަށް ފުލުހުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
އާސިރު ފެނުނީ ކޮންތާކުން ކިހިނެއް ލިބުނު މައުލޫމާތަކުންކަމެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.
ސ.މަރަދޫ، ގަސްކަރަ މުހައްމަދު އާސިރު އިސްމާއީލް (31 އަހަރު) ވީނުވީއެއް ނޭނގިގެން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހު 5 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު 19:30ހާއިރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށް ބުނެއެވެ. ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާސިރު ހޯދުމުގެ މަސައްކަތުގައި ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ، ހ. އަލްޝާވިލާ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި، ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި، ޓީއެމްއޭގެ ކެމެރާތަކާއި، އެއަރޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައި ކަމަށެވެ.
އެގޮތުން، މާލެއާއި އެއަރޕޯޓްގެ ފުޓޭޖްތަކުން އާސިރުގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކެއް ވަނީ ހޯދާފައެވެ. މިވީޑިއޯތަކުން ފެންނަނީ 4 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ 19:20 ހާއިރު، ބޮޑުތަކުރުފާނު މަގު ހުޅުލޭ ފެރީ ޓަރމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އޭނާ އަރާ މަންޒަރެވެ. އަދި އެ ޓެކްސީ ގޮސް އެއަރޕޯޓް ޓަރމިނަލަށް މަޑުކުރުމުން އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓަރމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އާސިރު އެއަރޕޯޓަށް ވަންނަ ސަހަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް އެހާތަނަށް ދެނެގަނެވިފައެއްނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުުހުން ބުނީ އޭނާ އެއަރޕޯޓަށް ދިޔަ ޓެކްސީގެ ޑްރައިވަރާވެސް ތަހުގީގު ޓީމުން ސުވާލުކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމަށް އެއަރޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗްތައް ބަލައި އެސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް ފޮޓޯ ދައްކައިގެން އޭނާ ފެނިފައިވޭތޯ ބަލާފައިވެއެވެ. އަދި އެއަރޕޯޓްގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންގއެއް ހަދާފައިވޭތޯވެސް ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ކުރެވުނު މަސައްކަތުން، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާކަމާއި އެއްވެސް އެއަރލައިނަކުން ރާއްޖޭގެ އެއްވެސް ރަށަށް ނުދާކަން ޔަގީންކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާ ހޯދުމަށްޓަކައި މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓްހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ޚިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.