ތިލަމާލެ ބްރިޖުގެ މަސައްކަތް ފަށާފައިވާއިރު ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވެފައި އޮތީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދިޔައިރު ކަނޑުމަތީގައި އެ މަސައްކަތް ފެނުނު ގޮތަށް މިހާރު ބްރިޖުގެ މަސައްކަތް ނުފެންނާތީއެވެ. ދައްކަނީ ބްރިޖު މައްޗަށް ނާރާ ވާހަކައެވެ. ނަމަވެސް ތިލަމާލެ ބްރިޖު ހަދަމުންދަނީ ސިނަމާލެ ބްރިޖާ ތަފާތު ކޮންސެޕްޓަކަށެވެ.
ތިލަމާލެ ބްރިޖާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ޕްރޮޖެކްޓާ ހަވާލުވެހުންނެވި މެނޭޖަރު މުޙައްމަދު ޖިނާން ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުގެ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން، މަލޭގެ އެއްގަމުގައި އަށް ތަނބު ޖަހަން ޕްލޭން ކޮށްފައިވާއިރު އެ ހުރިހާ ތަނބެއްގެ ވެސް ޕައިލިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އެ ޕައިލްތަކުގައި ޕައިލް ކެޕް އެޅުމުގެ މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު ވަނީ ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ވެސް ފަށައިފައެވެ. މިހާތަނަށް ހަތަރު ތަނެއްގައި ޕައިލިންގެ މަސައްކަތް އެފްކޮންސް އިން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން ވިލިމާލޭގައި ބްރިޖު ގުޅާލާ ސަރަހައްދުގައި ތަނބު ޖަހަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން، އެ ސަރަހައްދުގެ ބަންޑްވޯލް ގެ މަސައްކަތް ނިމިފައިވާއިރު ދެން ކުރިއަށްދާނީ އެ ސަރަހައްދަށް ފަސް އަޅައި ހިއްކުމުގެ މަސައްކަތެވެ.
ތަނބުތަކުގެ މަސައްކަތް އެފްކޮންސްއިން ކުރަމުން އަންނަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ލޭންޑް ނުވަތަ އެއްގަމުގައި ޖަހާ ތަނބާއި ޝެލޯ ވޯޓާ އާއި މީޑިއަމް ވޯޓާ އަދި ޑީޕް ވޯޓާ ތަނބުތަކެވެ. މި ތަނބުތައް ޖެހުމަށް އެފްކޮންސް އިން ބޭނުން ކުރަނީ ތަފާތު އުކުޅުތަކެވެ. އެގޮތުން ޝެލޯ ވޯޓާ ތަނބުތައް ޖަހާއިރު ވަގުތީ ބްރިޖުތަކެއް ބޭނުންކުރާއިރު އެހެން ސަރަހައްދުތަކުގައި ތަނބުތައް ޖަހާނީ ޕްލެޓްފޯމުތަކެއް ހަދައިގެންނެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްދާއިރު މުހިންމު ބޮޑެތި މަސައްކަތްތައް ކުރިއަށްދަނީ އެފްކޮންސްގެ މެއިން ސައިޓު ކަމަށްވާ ގުޅީފަޅުގައެވެ. ގުޅީފަޅުގައި ކުރިއަށްދާ މަސައްކަތްތައް އަންގާރަ ދުވަހު ނޫސްވެެރިންނަށް ދައްކާލާފައިވާއިރު އެ ސަރަހައްދުގައި ތަނބުތަކުގެ ލައިނަރސް ފެބްރިކޭޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު ތަނބުތައް ގުޅުވާލާ ސެގްމަންޓުތަކާއި ސުޕަ ސްޓްރަކްޗަރގެ މަސައްކަތް ކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
ގުޅީފަޅުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް މަސައްކަތަކަށްވާނީ ތަނބުތައް ގުޅާލާ ސެގްމަންޓްތައް ވަކިން ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެކަމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މި މަސައްކަތް ފެށި ސެގްމަންތުތައް ތައްޔާރުުރަން ފެށުމުން ތަނބުތަކުގެ މަސައްކަތް ނިމޭވަރަކުން ބްރިޖު ގުޅާލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެއެވެ. ހުރިހާ ތަނބެއްގެ މަސައްކަތް ނިމެންދެން މަޑުކުރަން ނުޖެހޭނެއެވެ.
ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތުން މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް މާލެ އިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެފްކޮންސް އިން ވަނީ ދީފައެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި މާލެއާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅާލެވޭނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދެއެވެ.
މި މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހަދާނެއެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.