ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 15:54
ޔާމީނު ސަރުކާރުގައި ފުށިދިއްގަރު ހިއްކައިގެން ގޯތި ދޫކުރުމަށް ދޫކުރި ލިޔުން
ޔާމީނު ސަރުކާރުގައި ފުށިދިއްގަރު ހިއްކައިގެން ގޯތި ދޫކުރުމަށް ދޫކުރި ލިޔުން
ރާއްޖެއެމްވީ
ޔާމީނު ގޯތި ދޫކުރެއްވުން
ނުހިއްކާ ފަޅަކުން، ނުއުފަންނަ ބިމަކުން ދޫކުރެއްވި ގޯތިތައް
ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ކަށަވަރު ވެގެންދާނެ ކަމަށް އޭރު ބުނެފައިވޭ
18 އަހަރުވާ ކޮންމެ ދިވެހި ކުއްޖަކަށް، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ލިބޭނެކަމަށް ބުނި
1،000 އަކަފޫޓުގެ ބިމެއް ނެތް ކޮންމެ މީހަކަށް ވެސް ފްލެޓް ޔަގީން ވެގެންދާނެކަމަށް އޭރު ބުނި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލޭ ކައިރީގައި އިތުރު ފަޅެއް ހިއްކައިގެން ގޯތި ދޫކުރުމުގެ މަޝްރޫއެއް އިއުލާނުކޮށް، އެތަނުން ގޯތި ލިބުނުކަމުގެ ލިއުންވެސް ދޫކުރިއެވެ. ނުލިބެނީ ހަމައެކަނި ގޯއްޗެވެ.

ފަސް އަހަރުގެ ތެރޭގައި 82000 ފްލެޓް އަޅާނެކަމަށް ބަޔާންކޮށް، "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ތައާރަފު ކުރިއެވެ. އެއީ 2018 ވަނަ އަހަރުއެވެ. އެގޮތުން ގެދޮރު ވެރިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮތުގައި ނިމިދިޔަ ސަރުކާރުން ޕްރޮމޯޓު ކުރި " ހިޔާ އެކޮމްޕްލިޝްޑް" ޕްރޮޖެކްޓުގެ ދިރާސާ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން 2030 އާ ހަމަޔަށް 18 އަހަރުފުރޭ ކޮންމެ ކުއްޖަކަށް ގެދޮރުވެރިކަން ފުރިހަމަވާނޭ ކަމުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެފައިވެއެވެ.

އޭރު ޔާމީނު ވިދާޅުވީ 18 އަހަރުވާ ކޮންމެ ދިވެހި ކުއްޖަކަށް، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބިދެވޭނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފޯމު ދޫކުރަން ފަށައި ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ކަށަވަރު ވެގެންދާނެ ކަމަށް އޭރުގެ ހައުސިންގ މިނިސްޓަރު، މިހާރު މާލޭ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

އޭރު ވިދާޅުވަމުން ގެންދެވީ ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުން މަތީގެ މީހެއް ކަމުގައިވެ، 1،000 އަކަފޫޓުގެ ބިމެއް ނެތް ކޮންމެ މީހަކަށް ވެސް ފްލެޓް ޔަގީން ވެގެންދާނެ ކަމަށެވެ.

އެގޮތުގެ މަތިން ހިޔާ އެކޮމްޕްލިޝްޑް ގެ ނަމުގައި ބިން ލިބުނު ކަމުގެ ލިއުންތަކެއްވެސް ދޫކުރިއެވެ. އޭގެ ތެރޭގައި ފުށިދިއްގަރުގެ ހިއްކި ބިމުން ދޫކޮށްފައިވާ 1000 އަކަފޫޓުގެ ބިންވެސް ހުއްޓެވެ.

އޭރު ސަރުކާރުން ބުނަމުން ދިޔައީ ފަސް އަހަރުގެ ތެރޭގައި ހުރިހާ ފްލެޓްތަކެއް ނިމިގެންދާއިރުގައި މިއީ ކުރިއަށް އޮތް 30 އަދި 40 އަހަރުގެ ތެރޭގެ ބޯހިޔާކަމުގެ މަޝްރޫއު އެއްކޮށް ހައްލުވެގެންދާނެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް، ގޯއްޗާއި ފްލެޓު ލިބުނުކަމަށް ބުނެ އޭރު ދޫކުރި ލިޔުންކޮޅު ފިޔަވައި މާ ބޮޑު ހިތްހަމަޖެހުމެއް އާންމު ރައްޔިތުންނަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

އެ މަޝްރޫއު އޮތީ ރައްޔިތުންގެ ލޮލުގައި އެޅުއްވި އަނދުނަކަށް ވެ ނިމިފައެވެ. އަތުގައި އޮތް ލިޔުންކޮޅަށް ބަލާލުމަށްފަހު، ބިން ދޫކުރި ސަރަޙައްދަށް ބަލާލުމުން މިއަދުވެސް ފެންނަން އޮތީ ފުން ފަޅެކެވެ.

- ކޮމެންޓް