"ފިނި ހަނގުރާމަ" އޭ ބުނެފިނަމަ އެކަމުގެ މާ ބޮޑު ތަފްސީލަކަށް ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. ޚުލާޞާ ގޮތެއްގައި ދަންނަވާނަމަ އެއީ 1947 ވަނަ އަހަރުން 1991 އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް، އެމެރިކާއާއި އޭރުގެ ސޯވިއެޓް ޔޫނިއަން (އަދުގެ ރަޝިއާ) އިސްކޮށް އޮވެ، ދުނިޔޭގެ ހުޅަނގާއި އިރުމަތީ ބިތުގެ ބައިވެރިންގެ މެދުގައި "ބަހުގެ ހަމަލާ"ތައް ބަދަލުކޮށް ބިރު ދެއްކި ހަނގުރާމައަކަށް ދެވިފައިވާ ނަމެކެވެ. ކަން މިހެން އޮތް، ދެވަނަ ފިނި ހަނގުރާމައެއްގެ ވާހަކަ އަނެއްކާވެސް މި ވަނީ ފެންމަތިވެފައެވެ. އެއްކޮޅުގައި އޮތީ ހަމަ އެމެރިކާއެވެ. ނަމަވެސް އަނެއް ކޮޅުން މި ފަހަރު ނުކުންނަނީ ރަޝިއާއެއް ނޫނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ އަދި ހަތުރުގެ ގޮތުގައި އޮތް ޗައިނާއެވެ.
އެމެރިކާގެ ޕޮލިޓިކަލް ސައެންޓިސްޓެއް ކަމަށްވާ ޕްރޮފެސަރ ޖޯން މަރޝެއިމަރ ވިދާޅުވާ ގޮތުގައި، އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރަމުން އެދަނީ "އާ ފިނި ހަނގުރާމަ"އެކެވެ. ހަނގުރާމައިގެ ދަރަކީ ޒަމާނީ ޓެކްނޮލޮޖީގެ މައިދާނުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކަށް ހުރަސް އެޅުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ކަމަށްވެސް ޕްރޮފެސަރ މަރޝެއިމަރ ވަނީ ވިދާޅުވެފައެވެ.
ޔުނިވަރސިޓީ އޮފް ޝިކާގޯއިން އިންޓަރނޭޝަނަލްސް ރިލޭޝަންސްގެ ދާއިރާއިން މަތީ ތަޢުލީމު ފުރިހަމަ ކުރެއްވި ޕްރޮފެސަރ ޕްރޮފެސަރ މަރޝެއިމަރ، ޗައިނާ ގްލޯބަލް ޓެލެވިޜަން (ސީޖީޓީއެން)އަށް ދާދި ފަހުން ދެއްވި އިންޓަރވިއުއެއްގައި ވަނީ، ޗައިނާއާއެކު "އާ ފިނިހަނގުރާމަ"އަކަށް އެމެރިކާއިން ނުދާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަޢުދުވެ ވަޑައިގެންނެވި ވަޢުދުވުން މުރާޖާ ކުރައްވާފައެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހު، އިންޑޮނޭޝިއާގެ ބާލީގައި، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ބައްދަލު ކުރައްވާ، ބައިޑަން ވަނީ ބައެއް ކަހަލަ ސިޔާސީ ފިކުރުތަކަށް ބައިޢަތު ހިއްޕަވާފައެވެ. އެގޮތުން ޗައިނާގެ ވެރިކަން ބަދަލު ކުރަން އެމެރިކާއިން ނުއުޅޭނެ ކަމާއި، އާ ފިނި ހަނގުރާމައެއް ނުކުރާނެ ކަމާއި، ޗައިނާއާ ދެކޮޅަށް އެމެރިކާއިން ގޭންގު ނުހަދާނެ ކަމާއި، ޓައިވާންގެ މިނިވަން ކަމަށް އެމެރިކާއިން ތާޢީދު ނުކުރުމާ، ދެ ޗައިނާއެއްގެ ފަލްސާފައަށް އެމެރިކާއިން ތާޢީދު ނުކުރުމާއި، ޗައިނާއާ ޖައްސާލައިގެން އެމެރިކާއިން ނުއުޅުމާއި، ޗައިނާއާ ފޭ އަށް ނުޖެހުމާއި، ޗައިނާގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅުމުގެ ނިޔަތެއް އެމެރިކާއިން ނުގެންގުޅުމާއި، ޗައިނާ ފިއްތާލުމުގެ ފަލްސަފާއެއް އެމެރިކާއިން ނުގެންގުޅުމަށް ބައިޑަން ވަނީ ވަޢުދުވެވަޑައިގެންފައެވެ.
ނަމަވެސް، އުފެދޭ ސުވާލަކީ، ބައިޑަންގެ ވަޢުދުފުޅާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެމެރިކާ ފެއިލްވެއްޖެތޯ ކުރެވޭ ސުވާލެވެ.
ޕްރޮފެސަރ މަރޝެއިމަރ ވިދާޅުވާ ގޮތުގައި، "އާ ފިނި ހަނގުރާމަ"އިގެ އިލްޒާމު، ޗައިނާގެ ބޮލުގައި އެޅުއްވުމަށް ބައިޑަން ގަސްތު ކުރައްވައެވެ. ޔޫކްރައިން ހަނގުރާމާގައި ރަޝިއާއަށް އިލްޒާމު އަމާޒު ކުރި ބީދައިންނެވެ.
ސުވާލެއްވެސް އުފައްދާނެ ކަމެއް ނެތް. އަހަރަމެންނަށް މިހާރު މި ތިބެވެނީ އާ، ފިނި ހަނގުރާމައެއްގެ ތެރޭގަ. އާ، ފިނި ހަނގުރާމައެއް ނުކުރައްވާނެ ކަމަށް ބައިޑަން ވިދާޅުވާ ވިދާޅުވުމުގެ އަސްލު މާނައަކީ، އާ ފިނި ހަނގުރާމައަށް އެމަނިކުފާނު ޒިންމާވެވަޑައި ނުގަންނަވާނަމޭ. އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ބަޔަކީ ޗައިނާއޭ. ރަޝިއާއާއި ޔޫކްރައިންގެ މައްސަލާގަވެސް ކަންވީ ހަމަ މިހެން. ޔޫކްރައިން ހަނގުރާމާގައި އެމެރިކާއިން ދަނީ ރަޝިއާގެ ބޮލުގައި އިލްޒާމް އަޅުވަމުން. އާ، ފިނި ހަނގުރާމައިގެ އަސްލު ޒިންމާ އުފުލަން ޖެހޭނެ ބަޔަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން ނޫންކަން ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭ ވަރު ކަށަވަރު ކުރަމުން އެ ދަނީ.ޕްރޮފެސަރ މަރޝެއިމަރ؛ އެމެރިކާގެ ޕޮލިޓިކަލް ސައެންޓިސްޓެއް
ކަން މިހެން އޮތް އިރު، އިޤްތިޞާދީ ގޮތުން ޗައިނާއާއި އެމެރިކާއާ ދެމެދު ގުޅުންތަކެއް ބަދަހި ވާތީ ފެނުނު ކަމުގައި ވީ ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީއާ ބެހޭ ހިސާބުން، ހުރިހާ ކަމެއް ބަދަލު ވާކަމަށް ޕްރޮފެސަރ މަރޝެއިމަރ ވިދާޅުވިއެވެ.
ކުރިއަށް ޖެހިލާއިރު، ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ޗައިނާގެ ވިޔަފާރީގެ މުޢާމަލާތްތަކަށް އެމެރިކާއިން ހުރަސް އަޅާނެ، އެހެން ކަހަލަ މުދާ އެކުލެވޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ހުރަސް ނޭޅި ނަމަވެސް. ވަކިން ހާއްސަކޮށް، ވިލާތާއި ޗައިނާއާ ދެމެދު ކުރާ މުޢާމަލާތްތަކަށް އެމެރިކާއިން ހުރަސް އަޅާތަން ފެނިގެންދާނެ. ޗައިނާއާއި ވިލާތާ ދެމެދު ޓެކްނޮލޮޖީގެ ރޮނގުން ވިޔަފާރި ކުރާނަމަ، އެކަމާ ދެކޮޅަށް އެމެރިކާއިން ތެދުވާ މަންޒަރު ފެންނާނެ.ޕްރޮފެސަރ މަރޝެއިމަރ؛ އެމެރިކާގެ ޕޮލިޓިކަލް ސައެންޓިސްޓެއް
އެހެން ކަމުން، ޓެކްނޮލޮޖީގެ މައިދާނުގައި "އާ ފިނި ހަނގުރާމަ"އެއް ކޮށްގެންވެސް، ޗައިނާއަށް ކުރި ނުލިބޭނެކަން ކަށަވަރު ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުން ދާނެ ކަމަށް ޕްރޮފެސަރ މަރޝެއިމަރ ވަކާލާތު ކުރައްވައެވެ. އެ ފިނި ހަނގުރާމަ ދެމިގެން ދާނީ ކިހާ ދުވަހަކަށް ކަމެއް، އަދި ބައިވެރިންނަކީ ކޮބައިކަމެއް ބުނާކަށް ނޭނގެއެވެ.