ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 08:48
ވެލާނާގެ ކައިރީގައި ހުރި ސައިކަލުތަކުގައި ސްޓިކާ ޖަހައިފައި --
ވެލާނާގެ ކައިރީގައި ހުރި ސައިކަލުތަކުގައި ސްޓިކާ ޖަހައިފައި --
ސްޓިކާޖެހުން
މިދިޔަ ދެ ދުވަހު މާ ގިނައިން ސްޓިކާ ޖެހުމުން އާންމުން ރަތަށް!
ސްޓިކާ ޖެހުމަކީ މައްސަލައެއް ނޫންކަމަަށް ވެސް ބައެއް އާންމުން ބުނެފައިވޭ

މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކު ކުރާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާ ގިނަ ދުވަސްތަކެއް ވީ ފަހުން ފާއިތުވެދިޔަ ދެ ދުވަހު ގިނަ އަދަދެއްގެ ވެހިކަލުގައި ސްޓިކާ ޖެހުމުން އާންމުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެއެވެ.

ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ ވެލާނާގެ ކުރިމައްޗަށް އޮންނަ ދެ މަގުގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި ހުރިހާ ސައިކަލެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހައިފައެވެ. އެ ދެ މަގުގައި ވެސް ޕާކުކުރުން މަަނާ ނަމަވެސް ވެލާނާގެއަށް އޮފީހަށް ދާ މީހުން އާންމުކޮށް އެ ތަނުގައި ޕާކުކުރެއެެވެ. މީގެ ކުރިން އެ ކަމަށް ފުލުހުންގެ މާ ބޮޑު ފަރުވާލެއް ނުހުންނައިރު މިދިޔަ ދެ ދުވަހު ކުއްލިއަކަަށް "މާ ގިނައިން" ސްޓިކާ ޖަހައިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވެލާނާގެ ކައިރީގައި ނޫނަސް، މާލޭގެ އެކި ހިސާބުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ފުލުހުން މިދިޔަ ދެ ދުވަހު ވަނީ ސްޓިކާ ޖަހައިފައެވެ. އެ ގޮތުން މަޖީދީމަގުގައި ނުގަވާއިދުން ހުރި ވެހިކަލްތަކުގައި ވެސް ވަނީ ޖަހައިފައެވެ. މަޖީދީމަގުގެ އެއްވެސް ފަޅިއެއްގައި މިހާރު ޕާކުނުކުރެވޭނެއެވެ.

ސްޓިކާ ޖެހުމަށް ފާޑުކިޔައި ބައެއް އާންމުން ބުނެފައިވަނީ ވެލާނާގެ ކައިރީގައި ވެސް ޕާކުކުރާނޭ މާ ބޮޑު ޖާގައެއް ނޯންނަ ކަމަށެވެ. އަދި އެހާ ގިނަ ބަޔަކު ހިދުމަތް ހޯދަން ދާ ތަނެއް ކައިރީގައި ޕާކުކުރާނެ ޖާގަ ނެތުމުން އެ ދެ މަގުގައި ޕާކުކުރަން ޖެހެނީ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. އެކަމަކު، މިކަމަކާ ވެސް އެންމެން އެއްބަހެއް ނޫނެވެ.

"ޖެހޭހާ ތާކަށް ސައިކަލު އެއްލައިލައިފައި ދަންޏާ ސްޓިކާ އެކަންޏެއް ނޫން، އެހެން އެއްޗެހި ވެސް ޖަހާނެ،" ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެއެވެ.

ސްޓިކާ ޖަހަނީ ނުގަވާއިދުން ޕާކުކުރުމުން ކަމަށާއި ރަނގަޅު ތަންތަނުގައި ޕާކުކުރުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. އަދި ފުލުހުން އެ އަދާ ކުރަނީ ފުލުހުންގެ ޒިންމާކަމަށާއި އެ ކަމަށް ފާޑުކިޔޭނެ ޖާގައެއް ނެތްކަމަށް ވެސް މީހުން ބުނެފައިވެއެވެ.

މާލޭގައި ދުއްވާ އެއްޗެހި ގިނަވެ ޕާކްކުރާނެ ޖާގައެއް ނެތުމަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އަދި ޕާކްކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖަހަނީ ކަމަށް ބުނެ ފުލުހުންނަށް ފާޑު ކިޔައެވެ.

އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ޖޫރިމަނާއަކީ 250 ރުފިޔާއެވެ. ދެވަނަ ފަަހަރު 500 ރުފިޔާއެވެ. ތިން ވަނަ ފަހަރާއި އޭގެ ފަހުން ކޮންމެ ފަހަރަކު 750 ރުފިޔާއެވެ.

މިދިޔަ ދެ ދުވަހު ގިނަ އަދަދަކަށް ސްޓިކާ ޖަހައިފައި ވީ ނަމަވެސް ފުލުހުން އެކަމާ ބަހެއް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
13 ފެބްރުއަރީ 2023 | ހޯމަ 09:36
ހަސަން
ސްޓިކާ ޖަހަނީ ނުގަވާއިދުން ޕާކުކުރުމުން