ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 19:12
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
މާލޭގެ ކަރަންޓުގެ މައްސަލަ
މޭޔަރު ގޮތް ދޫނުކުރެއްވުމުގައި - ރައްޔިތުން ކަރަންޓް ކެނޑުމުގެ ތުންފަތްމަތީގައި!
ކަރަންޓް ކެނޑިދާނެ ތަންތަނުގެ ތެރޭގައި ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަން ހިމެނޭ

އަނެއްކާވެސް ދައްކަން މި ޖެހެނީ ސިޓީ ކައުންސިލްގެ ވާހަކައެވެ. އަނެއްކާވެސް ދައްކަން މި ޖެހެނީ ކުރީގެ ވަޒީރު މަނިކުފާނެއްގެ ވާހަކައެވެ. އަނެއްކާވެސް ދައްކަން މިޖެހެނީ މާލޭ ސިޓި ކައުންސިންގެ މޭޔަރ މަނިކުފާނުގެ ވާހަކައެވެ. ކޮންމެހެން މަނިކުފާނުގެ ވާހަކަ މާ ގިނައިން ދައްކަން ޝައުގުވެރިކަން ހުރީކީ ނޫނެވެ. އެކަމަކު ފަހަރަކު ޚިދުމަތަކުން ޚިދުމަތަކުން، ޚިދުމަތްތައް ތާށިވެގެން އެ ވާހަކަ ދައްކާ އިރު މަނިކުފާނުގެ ނަން އެ ދޭތެރެއަކަށް ނާންނަ ގޮތެއް ހަަމަ ނުވަނީއެވެ. ވާނީވެސް އެހެންތާއެވެ. ތިޔަ އިންނެވީ ލައްކަ ގިނަ ރައްޔިތުންގެ ޒިންމާ އާއި ހަވާލުވެލައްވައިގެން މޭޔަރުކަމުގެ ގޮނޑިކޮޅުގައެވެ. އެހެންވީމަ މަނިކުފާނާއި ގުޅުން ހުރި ވާހަކަތައް ފަލަ ސުރުހީގައި ވެސް ގިނައީއެވެ.

އިހަކަށް ދުވަހާއި ޖެހެންދެން މަނިކުފާނުގެ ވާހަކަދެކެވުނީ މާލޭގެ ކުނީގެ މައްސަލަ އާއި ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އާއި މެދު ހިނގި އަރާރުމުގެ ވާހަކައިގެ ތެރެއިންނެވެ. ދެން އާރްޑީސީ އާއި މެދު ހުރި ހިތްހަމަނުޖެހުމާއި އެ ހާސަރުތަކުގެ ވާހަކައެވެ. އެކަމަކު މިހާރު މި އޮތީ އަދި ވަކިން ވަރުގަދަ ވާހަކައެވެ. ފުރަ މާލޭގެ ކަރަންޓުގެ މައްސަލަ ހައްސާސް ހާލަތަކަށް ގޮސް ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމުގެ އިންޒާރު ސްޓެލްކޯ އިން ދީފައިވާ އިރު މަނިކުފާނަށް ހަމަ ކަމެއް ވާހެން ހީވެސް ނުވާ ވާހަކައެވެ.

މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމާއި، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައި ނުދީފި ނަމަ ކަރަންޓުގެ ޚިދުމަތް މެދު ކެނޑިދާނެ ކަން ލިއުމުން ސްޓެލްކޯ އިން މަނިކުފާނަށް ވަނީ އަންގާފައެވެ. މާލޭގެ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން އެދިފައިވާ ކަން އެ ސިޓީތަކުން އެނގެއެވެ. މި ތަންތަނުގެ ތެރޭގައި ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތަށް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ހިމެނެއެވެ. މިއީ ހައްތަހާވެސް އާއްމުން ގިނަ އަދަަދަކަށް ދިރިއުޅެމުންދާ ސަރަހައްދުތަކެވެ.

މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ސްޓެލްކޯ އިން އެތައް ސިޓީ އެއް ފޮނުވައިފިއެވެ. ސްޓެލްކޯ އިން ހާމަކުރި ލިޔުންތަކުން އެކަން ހާމަކޮށް އެނގެން އެބަހުއްޓެވެ. މަނިކުފާނުއެވެ. ތިޔަހެން ގޮތްދޫނުކުރައްވަން ހައްދަވައިގެން ޚިދުމަތަކަށް ބުރޫ އެރުމުން އެ ތަކުލީފު އުފުލަނީ އާއްމު ރައްޔިތު މީހާއެވެ. ސިޔާސީ ގޮތްދޫނުކުރުމާއި ބޯހަރުކަމުގައި ނަމަވެސް، އަރާރުމުގެ ތެރެއިން ނަމަވެސް އެ ދުއްތުރާލާއި ކުރިމަތިލާން ޖެހެނީ ހަމަ އެ އާއްމުންނަށެވެ. މަނިކުފާނަށް އެ ގޮތް ހަމަ ވަރިހަމައީތޯއެވެ. ނޫނީ ސިޔާސީ ގޮތުން ތުންދަމާފައި ތިޔަ ހުންނަވާ ހުންނެވުން މަނިކުފާނަށް އާއްމުންނަށް ލިބޭ ޚިދުމަތަކަށްވުރެ މުހިންމީ ކަމަށް ވެދާނެއެވެ.

މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން 2021 ވަނަ އަހަރުންފެށިގެން ތަކުރާރުކޮށް ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސް ޓްރާންސްފޯމަރު ބަހައްޓަދޭން ބިން ހަމަޖެއްސުމަށް އެދެމުންދިޔަ ދިއުމަށް ބީރުކަންފަތެއްދެމުން ދާއިރު އެ ވާހަކަ އަށް އެކަށީގެންވާ ޖަވާބެއް ދެއްވިފައެއް ނެތެވެ. ހައްތަހާވެސް ބަހަނާއެވެ.

އޭވާހަކަ އަދި އެ ގޮތަށް އޮއްވާ ރައީސް ޔާމީންގެ ގެކޮޅު ހަދާ ނިމެންވާއިރަށް އެ ގެ ހުންނަ ސަރަހައްދުގައި ޓްރާންސްފޯމަރެއް ބަހައްޓައިދޭން އެދުމަކީ ކަރަންޓުގެ ޚިދުމަތުގެ ޔަގީންކަން ގެއްލިފައިވާ އާއްމުންނަށް ކުރި މަލާމާތަކަށް ނުވޭތޯއެވެ. މަނިކުފާނުއެވެ. މިފަދަ ކަންކަން ކުރެއްވީމަ ސިޓީކައުންސިލުން މާލޭގެ އެ ރައްޔިތުންނާއި މެދު އިހުލާސްތެރި ކަމެއް ނެތް ކަމަށް ނުވާނެތޯއެވެ؟ މަނިކުފާނު ތިޔަ ވިދާޅުވާ ހެޔޮ ނިޔަތް ކަންކަމުގައި ނެތްކަން ހާމަނުވޭތޯއެވެ؟

މި ދައްކަނީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައި ހުންނަ ކަންކަމުގެ ވާހަކައެވެ. އެކަމަކު މިފަދަ ކަންކަން ސިޔާސީ ކުރުމަކީ ކިހާ ދެރަ ކަމެއްތޯއެވެ؟ މިއަށްވެސް ކިޔަންވީ ޒިންމާދާރުކަމޭތޯއެވެ؟މާލޭސިޓީގެ ބިން މާލޭސިޓީގެ ރައްޔަިތުންގެ އާންމު ބޭނުމަށް ދޫ ނުކުރައްވާ ހިހައްޓަވަނީ ކޮންސަބަބަކާ ހެދިތޯ ސުވާލު ކުރަން އެބެޖެހެއެވެ.

- ކޮމެންޓް