ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 16:42
ޕްލާސްޓިކް ކާ އެންޒައިމެއް ހޯދުމުގެ މަސައްކަތް ސައެންސްވެރިން ދަނީ ހޯދަމުން
ޕޮލިސްޓަރު ނައްތާލުން
ޕޮލިސްޓަރު ފޮތިން ވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރާނެ "ކަތުރެއް" ހޯދުމުގައި ސައެންސްވެރިން އަވަދިނެތި!
ލާ އުޅޭ އަންނައުނުގެ 60 ޕަސެންޓް ހިއްސާ ކުރަނީ ޕޮލިސްޓަރ
ސައެންސްވެރިން ދަނީ އަލުން ބޭނުން ކުރެވޭ ގޮތް މަގުފަހި ކުރުމަށް، އޭގެ ޒާތުގައި ޕްލާސްޓިކް ކާ އެންޒައިމެއް ހޯދުމުގެ މަސައްކަތް ކުރަމުން

އިންސާނީ އާދާކާދައިގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަދައްކާނަމަ ކޮންމެ މީހެއްގެ ޚިޔާލަށްވެސް އެންމެ ފުރަތަމަ އަންނާނީ ޕްލާސްޓިކް ކޮތަޅެއް ކަހަލަ އެއްޗެއްގެ ވާހަކައެވެ. ނަމަވެސް ލާ އުޅޭ ފޭރާމެއްގެ ސަބަބުންވެސް ވެއްޓަށް ގެއްލުން ދެވިދާނެ ކަމީ ނޭނގި އޮތް ކަމަކަށް ވެދާނެއެވެ. ދައްކަން މިއުޅެނީ ޕޮލީއެސްޓަރ ނުވަތަ ޒަމާނުއްސުރެ ދިވެހިން ކިއާ އުޅޭ ގޮތުން ނަމަ ޕޮލިސްޓަރު ފޮތީގެ ވާހަކައެވެ. އެކި ފޭރާމުގައި އެކި މިންވަރަށް ޕޮލިސްޓަރު އެކުލެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ އަންނައުނަކީ މިއަދު ބާޒާރުން އެންމެ އާންމުކޮށް ލިބެން ހުންނަ އަންނައުނެވެ. ޔޫރަޕިއަން އެންވައިރަމަންޓް އޭޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަހަރަމެން ލާ އުޅޭ އަންނައުނުގެ 60 ޕަސެންޓް ހިއްސާ ކުރަނީ ޕޮލިސްޓަރެވެ. ނަމަވެސް މިއީ ފޭރާމެއްގެ ގޮތުގައި ބޭނުން ކުރަން ދެމެހެއްޓެނިވި އިޚްތިޔާރެއް ނޫނެވެ.

ކަން މިހެން އޮތް އިރު، އިނގިރޭސިވިލާތުގެ ސައެންސްވެރިން ދަނީ، ޕޮލިސްޓަރު ރީސައިކަލް ކުރުމަށް ނުވަތަ އަލުން ބޭނުން ކުރެވޭ ގޮތް މަގުފަހި ކުރުމަށް، އޭގެ ޒާތުގައި ޕްލާސްޓިކް "ކާ" (ވިރުވާ ނެތިކޮށްލާނެ) އެންޒައިމެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކާމިޔާބު ކުރެވިއްޖެ ނަމަ، ކޮންމެ އަހަރަކުވެސް ގޮނޑަށް އުކާލާ އެތައް މިލިއަންޓަނެއްގެ ކުނީގެ މައްސަލައަށް ނުވަތަ ކުނީގެ ގޮތުގައި އަންދާ ޕޮލިސްޓަރުގެ މައްސަލައަށްވެސް ހައްލު ލިބުނީއެވެ.

އަހަރަމެން ބަލަން ބޭނުން ވަނީ ޕްލާސްޓިކް ފުޅިތައް ހަލާކު ކުރާ އެންޒައިމްތަކަށް، ޕޮލިސްޓަރު ފޮތި، މި ގޮތަށް ހަލާކު ކުރުމުގެ ޤާބިލުކަން ލިބިފައިވޭތޯ.
ޕްރޮފެސަރ އޭންޑީ ޕިކްފޯޑް؛ ޔުނިވަރސިޓީ އޮފް ޕޯރޓްސްމައުތު

އަސްލު މައްސަލައަކީ ފޭރާން ފަރުމާ ކުރުމުގައި ގިނަ ޢަދަދަކަށް ޑައި ބޭނުން ކޮށްފައި ހުރުމެވެ. އަދި ފަސޭހައިން އަލިފާން ނުހިފާ ގޮތަށް އެ ފޭރާން ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވާ ހުންނަ ކެމިކަލްތަކުގެ ސަބަބުން، ޕްލާސްޓިކް ފުޅި ނައްތާލަން ކުރާ މަސައްކަތައް ވުރެ، ޕޮލިސްޓަރު ކަހަލަ ފޭރާމުން ތައްޔާރު ކޮށްފައި ހުންނަ އަންނައުނު ނައްތާލަން އުނދަގޫވެއެވެ.

ސެންޓަރ ފޮރ އެންޒައިމް އިނޮވޭޝަން (ސީއީއައި)ގެ ޕްރޮފެސަރ އޭންޑީ ޕިކްފޯޑް ވިދާޅުވީ، ކުރިމަތިލާން ޖެހިފައި ވަނީ ބޮޑު ގޮންޖެހުމަކާ ކަމަށެވެ.

މިކަން މުހިންމުވާ އެންމެ ބޮޑު ސަބަބަށް ބަލާއިރު... ޕްލާސްޓިކް ބޭނުންކޮށް ނިމުމުން ނައްތާލާ ރޭޓަށް ރިޢާޔަތް ކުރާ އިރު، މިކަހަލަ ފޮތި އަލުން ބޭނުން މިންވަރު މިއުޅެނީ ވަރަށް ދަށްކޮށް. 10 ޕަސެންޓަށް ވުރެވެސް ދަށުގަ އުޅެނީ. އެހެންވީމަ، އެކަމަކާ އަހަރަމެންނަށް ކުރިމަތިލާން ޖެހިފައި އޮތް ގޮންޖެހުމަކީ ބޮޑު ގޮންޖެހުމެއް.
ޕްރޮފެސަރ އޭންޑީ ޕިކްފޯޑް؛ ޔުނިވަރސިޓީ އޮފް ޕޯރޓްސްމައުތު

ޕޮލިސްޓަރު ފޮތި ތައްޔާރު ކުރަނީ އެންމެ އާންމުކޮށް ބޭނުން ކުރާ ޕްލާސްޓިކްގެ ބާވަތެއް ކަމަށްވާ ޕޮލީއެތުލީން ޓެރެފްތަލޭޓް ނުވަތަ ޕެޓް ފައިބަރ ބޭނުން ކޮށްގެންނެވެ.

ޔުނިވަރސިޓީ އޮފް ޕޯރޓްސްމައުތުގެ ޓީމުން މިހާރުވެސް ވަނީ ޕެޓްވެސް ހިމެނޭހެން ޕްލާސްޓިކް "ކާ" 70 އަށް ވުރެ ގިނަ އެންޒައިމްސް ދެނެގަނެފައެވެ. މި އެންޒައިމްތަކުގެ އެހީގައި ޕްލާސްޓިކް ކުދިކޮށް، އެހެން އުފެއްދުންތައް ތައްޔާރު ކުރަން ބޭނުން ކުރާ ރޯމެޓީރިއަލްތަކަށް ބަދަލު ކުރެއެވެ. އެގޮތުން އިމާރާތް ކުރަން ބޭނުން ކުރާ ގާ އެޅުމުގެ މަސައްކަތަށްވެސް މިފަދަ މާއްދާތައް ބޭނުން ކުރާ އިރު، ސައެންސްވެރިން ދަނީ އެންމެ ކާމިޔާބު ގޮތަކީ ކޮބައިތޯ ބަލަމުންނެވެ.

މި މަސައްކަތް ކުރަނީ ޕޮލިސްޓަރު ފޮތި، ދިޔާ ނައިޓްރޮޖަންގައި ގަނޑުކޮށް، ކުދިކުދި ފުއްފުކަށް އެ މުގުރައިގެންނެވެ. އެއަށްފަހު ބައޮރިއެކްޓަރެއްގެ ތެރޭގައި އެންޒައިމް އަޅާފައިވާ ފެންގަނޑަކަށް، އެ ކުނޑިތައް އޮއްސާލައެވެ. ފެންގަނޑު ތެރޭގައި ހުރި އެންޒައިމްތައް، އެ ކުނޑިތައް "ހަޖަމު" ކުރެއެވެ. އަދި ރޯ މެޓީރިއަލްއަށް ބަދަލު ކުރެއެވެ. އަނެއްކާވެސް ފޭރާން ތައްޔާރު ކުރުމަށް ނުވަތަ ޕްލާސްޓިކް ނުވަތަ ކެމިކަލް އުފެއްދުމެއް އުފައްދަން، އެ ރޯ މެޓީރިއަލް ބޭނުން ކުރެވެއެވެ.

އެންޒައިމްތަކާ މެދު ވިސްނަންވީ ކަތުރެއް ކަހަލަ އެއްޗެއްގެ ގޮތަށް. ޕްލާސްޓިކްތަކަކީ ދިގު ދެމިގެންދާ މޮލެކިއުލްތަކެއް. މި އެންޒައިމްތައް އަހަރަމެން މި ބޭނުން ކުރަނީ އެ ޕްލާސްޓިކްގެ ވަކި ހިސާބުތަކުން ބުރިބުރިކޮށްލަން. އެގޮތަށް ބުރިކޮށް ނިމޭއިރު މި އޮންނަނީ ބޮޑު ސޫޕްގަނޑެއްހެން. ދެން އެކި ބައިބަޔަށް މި ބައިކޮށްލެވޭނެ. އާ ޕްލާސްޓިކް އުފައްދަން ނޫނީ، ކެމިކަލް ސިނާޢަތްތަކުގެ ބޭނުމަށްވެސް ބޭނުން ކުރެވޭނެ.
ޑރ ވިކްޓޯރިއާ ބެމަރ؛ ޔުނިވަރސިޓީ އޮފް ޕޯރޓްސްމައުތު

ބައެއް ކަހަލަ ތެލުގެ މާއްދާތައް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ފޭރާމަށް ބަދަލު ގެނެސް، ކާޕެޓް ކަހަލަ ބައެއް އުފެއްދުންތައް އުފެއްދޭނެ މަގު މިހާރުވެސް ތަނަވަސްވެފައި އޮތް ނަމަވެސް، އެއީ ހަކަތައިގެ އިސްރާފު ބޮޑު ގޮތެކެވެ. އެހެން ކަމުން، އެންޒައިމްތަކުގެ އެހީގައި ވެއްޓާއި އިޤްތިޞާދާވެސް ދޯޅާ ހައްލެއް ހޯދުމަކީ ސައެންސްވެރިންގެ ޢުއްމީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް