ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 09:59
ބީވީމާގެ ތަރިން
ބީވީމާގެ ތަރިން
ރާއްޖެއެމްވީ
ބީވީމާ
ރެޑްކާޕެޓް އިވެންޓަކާއެކު ބީވީމާގެ ފުރަތަމަ ޝޯ އަޅުވައިފި
"ބީވީމާ" ގެ މައިގަނޑު ތަރިންނަކީ ކޮޕީ އިއްސެ، މަރިޔަމް އަޝްފާ، އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ)

ރެޑްކާޕެޓް އިވެންޓަކާއެކު ބީވީމާގެ ފުރަތަމަ ޝޯ ހޯމަ ދުވަހުގެ ރޭ އޮލިމްޕަހުގައި އަޅުވައިފިއެވެ.

މިއީ އޮލިމްޕަސް މަރާމާތު ކުރި ފަހުން އެޅުވި ފުރަތަމަ ފިލްމެވެ. "ބީވީމާ" ގެ މައިގަނޑު ތަރިންނަކީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ، އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

ފިލްމު "ބީވީމާ" ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހެދީ ކެމެރާމަން، ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދާފައިވަނީ ޙުސައިން ތަޢުފީޤް އެވެ. ކޮސްޓިއުމް ޑިޒައިނިންގ އާއި މޭކަޕް ހެދީ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

ރާއްޖެއެމްވީއިން ސުވާލުކުރުމުން ކޮޕީ އިއްސެ ބުނީ ފިލްމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފިލްމަކީ ބެލުންތެރިންނަށް ރީތި ފިލްމަކަށްވާނެ ކަމަށް ޝައްކު ނުކުރުމަކީ އުންމީދީ ފެށުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ވަރަށް ހިތްހަމަޖެހޭ ތަޖުރިބާއެއް ކުރެވުނުކަން ފާހަގަކޮށް އަޝްފާ ބުނީ މިގޮތަށް އަލަށް ފިލްމީ ދާއިރާއަށް ނުކުތީ ލިބުނު އޮފާތަކަށް ބަލާފައި އަމިއްލަ ނަފްސަށް ޗެލެންޖްކޮށްލުމުގެ ގޮތުން ކަމަށެވެ.

މީގެއިތުރުން އާޝާ ބުނީ މިއީ ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށްވާނެ ކަމަށާއި މިއީ މިހާތަނަށް ޝޫޓް ކުރި އެންމެ އުނދަގޫ ފިލްމު ކަމަށެވެ.

މި ފިލްމަކީ ވަރަށް ރީތި ފިލްމެއް ކަމަށާއި ލޯބީގައި ޖެހިފައި ތިބި މީހުންނަށް ފިލްމު ކަމުދާނެ ކަމަށް އާދަމް ޒިދާން (ނާނަ) ވެސް ބުންޏެވެ.

ފިލްމު "ބީވީމާ" އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ތިން ޝޯ މިހާރު ފުލްވެފައިވާއިރު ފިލްމު ބަލަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ހެނދުނު 10ން ރޭގަނޑު 10ށް އޮލިމްޕަހުން ޓިކެޓް ވިއްކަން ހުންނާނެކަމަށް ޑާކް ރެއިނުން ބުނެއެވެ.

"ބީވީމާ" އަކީ ޑާކްރެއިނުން ސްކްރީނަށް ގެނައި ތައްޔާރުވާ 13 ވަނަ ފީޗަރ ފިލްމެވެ. ކޯވިޑްގެ ތެރޭގައި ޝޫޓިންގެ މަސައްކަތްތައް ވެސް ކުރިއަށްގެންދިޔަ މި ފިލްމަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު އަދި ބުރަ މަސައްކަތްތަކެއް ވެސް ކުރަންޖެހުނު ފިލްމެއްގެ ގޮތުގައި ޑާކް ރެއިނުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް