ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް މިއަހަރު ވެގެންދާނީ އުއްމީދީ އަހަރެއްގެ ގޮތުގައި އެ ދާއިރާގެ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރެއެވެ. މިކަން މިހާރު ވެސް ދަނީ ފެންނަމުންނެވެ. އަހަރު ފަށައިފައި މިވަނީ ވެސް ވަރަށް އުއްމީދާއެކުގައެވެ. އަހަރުގެ ފުރަތަމަ މަހު ވެސް ރާއްޖެއަށް މިވަނީ ރެކޯޑު އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު 178،159 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 30.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ މިހާތަނަށް ވެސް ޖެނުއަރީ މަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އަހަރު ކަން ވެސް ފާހަގަކުރެވެއެވެ.
ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ 2019 ވަނަ އަހަރުއެވެ. އެ އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ޒިޔާރަތް ކުރީ 151،552 ފަތުރުވެރިންނެވެ. މިއަހަރު ޒިޔާރަތް ކުރި އަދަދު މިވަނީ އެއަށްވުރެ 13.8 އިންސައްތަ އިތުރުވެފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މި މަހު އިތުރުވެފައިވަނީ ތިން އަހަރު ދުވަހަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އައި ޗައިނާގެ ފަތުރުވެރިން އަނެއްކާވެސް ރާއްޖެއަށް އަންނަން ފެށުމުންނެވެ. އެ ޤައުމުން މިދިޔަ މަހު އެކަނިވެސް 5،985 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ ޖުމަލް ފަތުރުވެރިންގެ 3.4 އިންސައްތައެވެ.
ރާއްޖެއަށް މިއަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެ ޤައުމުން 24،154 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ޖުމްލަ ފަތުރުވެރިންގެ 13.6 އިންސައްތައެވެ. އަވައްޓެރި އިންޑިއާގެ ފަތުރުވެރިން ހިއްސާ ކުރަނީ ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތައެވެ. އެއީ 19،390 ފަތުރުވެރިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިއަހަރު ރަނގަޅު ފެށުމަކުން ފަށާފައިވާއިރު މިހާރު އުފެދޭ ސުވާލަކީ މިގޮތުގައި ކުރިއަށްދާނެ ކަމާމެދު އުފެދޭ ސުވާލެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ދުވަސްވަރު ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނައީ ޕީކް ސީޒަނާ ދިމާވާތީއެވެ. އަދި މިއަހަރު ފަހުކޮޅު ވެސް ޕީކް ސީޒަންގައި ގިނަ ބަޔަކު ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް މެދުތެރެއިން ކުޑަ ވެއްޓުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.
މިއަހަރަކީ ސިޔާސީ ގޮތުން ވެސް ރާއްޖެއަށް ބޮޑު އަހަރެކެވެ. ނަމަވެސް އޭގެ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ވިޔަ ނުދިނުމަށް ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު ދާއިރާއަށްވާއިރު ސިޔާސީ ގޮތުން ހަމަނުޖެހުންތައް އުފައްދައި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އޭގެ އަސަރު ފޯރުނަނުދިނުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ވާނެއެވެ.
މިއަހަރު ރާއްޖެއިން ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭއިރު އަދިވެސް ދަތުރުފަތުރުގެ ދަތިކަމަކީ ގިނަ ފަތުރުވެރިންގެ ޝަކުވާއެކެވެ. ނަމަވެސް ރާއްޖޭގެ ދެ ބިތުގެ ދެ އަރޕޯޓު ތަރައްގީކޮށް އެކި ސަރަހައްދުތަކުގައި އެއަރޕޯޓުތައް ހުޅުވިގެންދިއުމަކީ މިކަމަށް ލިބޭނެ ވަރަށް ބޮޑު ހައްލެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެ ދުވަހަށެވެ.
ރާއްޖެ ފަތުރުވެރިކަމުގެ ކާމިޔާބު ޤައުމެއްގެ ގޮތުގައި މިއަދު މުޅި ދުނިޔެ ގަބޫލު ކުރަނީ ކޮވިޑުގެ ތެރޭގައި އެ ދާއިރާ ހިފެހެއްޓުމަށް ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، ރާއްޖެއަކީ ކޮވިޑު ފަދަ ހާލަތްތަކުގައި ވެސް ރައްކާތެރި މަންޒިލެއްކަން ހުރިހާ ޤައުމަކަށް ވެސް ރާއްޖޭން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވެފައިވާއިރު މިއަހަރު ވެގެންދާނީ އެ ދާއިރާގެ ތާރީހުގައި ވެސް ރާއްޖެއަށް އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދެކެއެވެ.