ދައްކަން މިއުޅެނީ މިދިޔަ އަހަރުތަކުގައި ކުރި ވަރުގަދަ ހަނގުރާމައިގެ ނާމާން ކަމާއި ބިރުވެރިކަމުގެ އަނދަވަޅުން ތެދުވުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންދާ ރައްޔިތުންތަކެއް ދިރިއުޅޭ ސޫރިޔާގައި ޒީނަތްތެރިވުމުގެ ޚިދުމަތް ދޭ ސެލޫންއަކުން ދޭ އާދަޔާ ޚިލާފު ތެރަޕީއެއްގެ ވާހަކައެވެ. މުޙައްމަދު އަލް-ހައްފާރްއާއި ރިހާމް އަލް-ހައްފާރްގެ ދެބެންގެ ބިއުޓީ ސެންޓަރުގައި ހަދާދޭ ފޭޝަލްއަކީ މިއަދު ސޫރިޔާގައި ވައިގައި ހިފަމުން އަންނަ ތެރަޕީއަކަށް ވަނީ ވެފައެވެ. މި ތެރަޕީގެ ސިއްރަކީ ފިނިހަކަ ނުވަތަ ސްނެއިލްއެވެ.
ޤުދުރަތީ މާއްދާތައް ބޭނުން ކޮށްގެން ޒީނަތްތެރިވުމާ ގުޅޭ އެކި ކަހަލަ އޯގޭނިކް ޚިދުމަތްތަކީ މިއަދު މެދުއިރުމަތީގެ ޤައުމުތަކުގައި އިންތިހާއަށް މަޤުބޫލު ކަމަކަށް ވަނީ ވެފައެވެ. އަވަށްޓެރި ޤައުމުތަކުން ހިތްވަރު ލިބިގެން އަލް-ހައްފާރުގެ ދެބެން، ފިނިހަކަ ތެރަޕީގެ މަޝްރޫޢު ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
ހަމުގެ ފަރުވާތަކަށް އެއްވެސް ވަރަކަށް ކެމިކަލް ބޭނުން ނުކުރާނެ ހިސާބަކަށް ވާސިލުވުން އަހަރަމެންގެ އަމާޒަކީ. ކެމިކަލް ބޭނުން ކޮށްފަ ހުންނަ ސަމާނަކީވެސް ނަތީޖާ ނުކުންނަ އުފެއްދުންތަކެއް. އެކަމަކު، ފިނިހަކަ ބޭނުން ކުރީމަ މި ފެންނަ ކަހަލަ ނަތީޖާތަކެއް ނޫން އެއީ. ސީދާ މިކަމަށް ހާއްސަކޮށްގެން ހިންގާ ސެންޓަރުތައް އެބަހުރި ބޭރު ޤައުމުތަކުގަ.މުޙައްމަދު އަލް-ހައްފާރް؛ ފިނިހަކަ ބަލަހައްޓާ މީހެއް
އަލްބައިނޯ ސްނެއިލްގެ ބިސް އެތެރެކޮށް، ތެތްފިނި ވެއްޓެއްގައި އެ ބިސްތައް ފީކޮށް، ފިނިހަކަ އާލާ ކުރުމުގެ މަސައްކަތް ކުރީ މުޙައްމަދުއެވެ. ރިހާމް އަކީ ހަމުގެ ފަރުވާއަށް ހާއްސަ ސްޕެޝަލިސްޓްއެކެވެ. މިއަދު އެ ދެބެންގެ މިލްކިއްޔާތުގައި ހުރި ފިނިހަކަތަކުގެ ޢަދަދު 1500 އަށް އަރައެވެ. ހަމުގެ ފަރުވާއާ ގުޅޭ ޚިދުމަތް ދޭ އެކިއެކި މަރުކަޒުތަކަށް އެ ފިނިހަކަތައް ކުއްޔަށްވެސް ދޫކުރެއެވެ.
ފިނިހަކަ މީ ވަރަށް ހާއްސަ އެއްޗެއް. ބައެއް ބިއުޓީ ސެންޓަރުތަކުން އަހަރަމެން ގާތު ބުނޭ ފިނިހަކަތައް ވިއްކަން. އެކަމަކު، އެމީހުންނަކަށް މި ފިނިހަކަތަކެއް ނުބެލެހެއްޓޭނެ. މީ ވަރަށް ފަރުވާތެރިކަމާއެކީ ބަލަހައްޓަން ޖެހޭ އެއްޗެއް. ކާންދޭން ޖެހޭނީވެސް ވަކި ގޮތަކަށް. އަހަރަމެން މި ފިނިހަކަތަކުން އެންޒައިމްތައް ނަގަނީ. އަހަރަމެންގެ ހާއްސަ ޓީމެއް ދާނެ ބިއުޓީ ސެންޓަރުތަކަށް ސެޝަންތައް ނަގައިދޭންވެސް."މުޙައްމަދު އަލް-ހައްފާރް؛ ފިނިހަކަ ބަލަހައްޓާ މީހެއް
ފިނިހަކަ ފޭޝަލް ސެޝަންއެއް 30 މިނެޓެއްހާއިރަށް ދެމިގެން ދާ އިރު، މިއިން ދަންފަޅިއެއްގެ އަގު އޫޅެނީ ގާތްގަނޑަކަށް 67 އެމެރިކާ ޑޮލަރަށެވެ. އިޤްތިޞާދީ ގޮތުން ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ސޫރިޔާގައި މި އަގަކީ، ކޮންމެ ކޮންމެ މީހަކަށް ދެއްކޭ ވަރަށް ވުރެ ބޮޑު އަގަކަށް ވީ ނަމަވެސް، އަލް-ހައްފާރްގެ ދެބެންގެ އާދަޔާ ޚިލާފު ފޭޝަލް ތެރަޕީ ހަދަން އަންނަ ކަސްޓަމަރުންގެ ޢަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ.
މަށަކީ ބޭރު ޤައުމެއްގަ ފިނިހަކަ ތެރަޕީ ނެގި މީހެއް. މަށަށް ވަރަށް ފައިދާކުރި. ހަނގަނޑު މަޑުވި. ހަމުގަ މިހުންނަ ލޯވަޅުތައްވެސް ކުޑަވި. މި ސެންޓަރުން ފިނިހަކަ ތެރަޕީ ދޭތަން ފެނުނީމަ ވަރަށް އުފާވި. އަހަރެން ޤަވައިދުން މި ތެރަޕީ ނަގާނަން.މާރޯ؛ ސޫރިޔާގެ ކަސްޓަމަރެއް
އަލްބައިނޯ ފިނިހަކައަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކެއް ލިއްބައިދޭ ލޮންޖެއް ދޫކުރާ ފިނިހަކައެކެވެ. ނަމަވެސް ޑޮކްޓަރުންނާއި ހަމުގެ ފަރުވާއާ ބެހޭ ސްޕެޝަލިސްޓުން ވިދާޅުވާ ގޮތުގައި، މި ލޮނދީގެ ސަބަބުން ހަންގަނޑަށް އިތުރު ފައިދާތަކެއް ވާ ކަމުގެ ސައެންޓިފިކް ދިރާސާ ހެކިތަކެއް ނެތެވެ.
މި ޓެކްނީކް ސޫރިޔާއަށް މި ތަޢާރަފު ކުރެވުނީ އަލަށް. ކެމިކަލް ބޭނުން ކުރީމަ އޭގެ ސައިޑްއިފެކްޓްތައް ހުންނާތީ، ޤުދުރަތީ ފަރުވާތަކަށް މީހުން ބޭނުންވެފަ ތިބީމަ، ޚިދުމަތް ހޯދަން އަންނަ މީހުންގެ ޢަދަދު ވަރަށް ގިނަ.ރިހާމް އަލް-ހައްފާރް؛ ސްކިންކެއަރ ސްޕެޝަލިސްޓް
އިހުގެ ގުރީކު މީހުންނަކީ، ފިނިހަކަ ފުނަޑައިގެން، ހަމުގައި ހުންނަ ފާރުގަނޑުތަކުގައި އަޅާ އުޅުނު ބައެއް ކަމަށްވެއެވެ. މި ފަހުގެ ތާރީޚަށް ބަލާއިރު، ފިނިހަކަ ލޮނދި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ޒީނަތްތެރިވުމާ ގުޅޭ ސާމާނުތަކަކީ، ފްރަންސޭސިވިލާތް، ތައިލޭންޑް، ޗިލީ އަދި އިޓަލީވިލާތް ފަދަ ޤައުމުތަކުގައި މަޤުބޫލުކަން އިތުރުވަމުން އަންނަ އުފެއްދުންތަކަށް ވަނީ ވެފައެވެ.