ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 13:04
މަސްތުވާތަކެތި ނައްތާލުން
މަސްތުވާތަކެތި ނައްތާލުން
ޕޮލިސް މީޑިޔާ
ހުކުރު ޚުތުބާ
މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި ވިޔަފާރި ކުރާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅަން ޖެހޭ: ޚުތުބާ
މަސްތުވާތަކެތި ބޭނުންކޮށްގެން ލިބޭ ގެއްލުންތަކަކީ އަލުން ފޫބެއްދޭ ވަރުގެ ގެއްލުންތަކެއް ނޫން
ރަލަކީ ވެސް ނުރައްކާތެރި އެއްޗަކަށްވާއިރު މަސްތުވާ ހިކިތަކެއްޗާއި އޮލަ ތަކެއްޗަކީ އެއަށްވުރެ ނުރައްކާތެރިކަން ބޮޑު ތަކެތި
މުސްލިމް އަދި ޣައިރު މުސްލިމް ޤައުމުތަކުން މިއަދު މަސްތުވާތަކެއްޗާ ދެކޮޅަށް މަރުގެ އަދަބުވެސް ދޭ

މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު ރާއްޖޭގައި އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މަސްތުވާތަކެތީގެ ނުރައްކަލާ ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދިއާއި ހެޔޮ ވިސްނުމުން އެއްކިބާކޮށްލާ އެެއްޗެއްކަން މިޒަމާނުގެ ދިރާސާތަކުން ވެސް ދައްކާއިރު އެފަދަ ތަކެތި ބޭނުންކޮށްގެން ލިބޭ ގެއްލުންތަކަކީ އަލުން ފޫބެއްދޭ ވަރުގެ ގެއްލުންތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ތަކެއްޗަކީ އެއަށް އިންސާނާ އަޅުވެތިވެ، ދެވިހިފާ އެއްޗެއް ކަމަށާއި ސިކުނޑީގެ އެންމެ ކުދި ނާރުތަކަށް އަސަރު ކުރުމުގެ ސަބަބުން އެއިން ދުރަށްދާން ބޭނުން ނަމަވެސް އެތައް އަހަރެއް ފަހުން ވެސް އެނބުރި ބޭނުން ކުރުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ރަލަކީ ވެސް ނުރައްކާތެރި އެއްޗަކަށްވާއިރު މަސްތުވާ ހިކިތަކެއްޗާއި އޮލަ ތަކެއްޗަކީ އެއަށްވުރެ ނުރައްކާތެރިކަން ބޮޑު ތަކެތިކަން ޚުތުބާގައި ފާހަގަކުރިއެވެ. އެގޮތުން، އެފަދަ މަސްތުވާތަކެއްޗަށް ދެވިހިފައި މަހެއްގެ މައްޗަށް މީހަކަށް ލިބޭ އެވްރެޖު މުސާރައަށްވުރެ ބޮޑު އެއްޗެއް މަސްތުވާތަކެއްޗަށް ހޭދަ ކުރަން ޖެހޭ ކަމަށާއި މީގެ ސަބަބުން އެ ގަންނަން ބޭނުންވާ ފައިސާ ހޯދަން މަޖުބޫރުވެ، އެހެނިހެން މުންކަރާތްތަކަށް އަރައިގަންނަކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ގިނަ ފަހަރަށް ވަޒީފާއެއް އަދާކުރެވޭވަރުގެ ސިއްޙަތެއް ހުންނަ ބަޔަކަށް ނުވެފައި، މިފަދަ މީހުންގެ އަމަލުތައް ހުންނަގޮތުން އެ މީހުންނަށް ވަޒީފާ ދިނުމަށް ވަޒީފާ ދޭ ފަރާތްތަކުން ވެސް ފަސްޖެހޭ. މިކަމުގެ ސަބަބުން މުޖުތަމަޢުގައި ވަޒީފާނެތް މީހުންގެ އަދަދު އިތުރުވެ، ނޭދެވޭ އެތައް މައްސަލަތަކެއް ކުރިމަތިވޭ. އަދި އެއިން މީހަކު މަސައްކަތެއް ކޮށްގެން ވެސް އެއްޗެއް ލިބިއްޖެނަމަ އެ އެއްޗެއްވެސް ހޭދަކުރަން ޖެހެނީ ތިމާގެ ބޭނުންތަކަށާއި ކެއުންބުއިމާއި އަނބިދަރިންގެ ބޭނުންތަކަށް ހޭދަކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ހަށިގަނޑު ނައްތާލުމަށް.
ޚުތުބާ

ރާއްޖޭގައި ވެސް މަސްތުވާތަކެތީގެ ވަބާގައި ގިނަ ޒުވާނުން ޖެހެމުން އަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެފަދަތަކެތި ބޭނުން ކުރާ މީހުން ގެންދަނީ އަމިއްލައަތުން އަމިއްލަ ހަޑިގަނޑު ހަލާކު ކުރަމުން ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގައި ވެސް ހަރާމް ކުރައްވާފައިވާ ކަމެއް ކަން ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ މުސްލިމް އަދި ޣައިރު މުސްލިމް ޤައުމުތަކުން މިއަދު މަސްތުވާތަކެއްޗާ ދެކޮޅަށް މަރުގެ އަދަބުވެސް ދެމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ރާއްޖޭގައި ވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮތް އަދަބަށްވުރެ ހަރުކަށި އަދަބެއް ދޭން ޖެހޭ ކަމަށެވެ. އަދި މި ވަބާއިން ސަލާމަތްވުމަށް އެންމެން އެކުވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގައި މިއާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމް ޤައުމުތަކެއް އެކަންޏެއް ނޫން. ވަރަށް ގިނަ ޣައިރު މުސްލިމް ޤައުމުތަކުގައި ވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ ޢުޤޫބާތް ދޭ.
ޚުތުބާ

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކު އަމިއްލައަށް އެއާ ދުރަށްދާން އުޅޭކަން އޭގެ ވިޔަފާރި ކުރާ މީހަކަށް އެނގުމުން އެކަން ވިޔަ ނުދިނުމަށް ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ. އަދި އެފަދަ މީހަކު، މީހަކު މަރާލަން ވެސް ފަސްނުޖެހޭނެކަމަށާއި އެހެންވެ އެ ވަބާގައި ޖެހިއްޖެ މީހަކަށް އެއިން ސަލާމަތްވުން ވެފައި އޮންނަނީ ވަރަށް ދަތި އަދި އުނދަގޫ ކަމަކަށް ވެފައިކަން ވެސް ވަނީ ބުނެފައެވެ.

ރަހުމަތްތެރިންނަކީ ތިމާއަށް ހެޔޮ ނަސޭހަތްދޭ މީހުންކަން ފާހަގަކޮށް ޚުތުބާގައި ވަނީ ކޮންމެ މީހަކީ ރަހުމަތްތެރިއަކު ކަމުގައި ނުބެލުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް