ރައްޔިތުންގެ މަޖިލީހުގެ 20 މެމްބަރުން ބަޑި ޖަހައިގެން މެރިޔަސް މެޖޯރިޓީއާއި އެކު ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
ކާނަލް ނާޒިމްއާއި ޝެއިޙް އިމްރާން އަނބުރާ ޖަލަށް ގެންދިއުމާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޙްލޫފު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ބިރު ދައްކާ މަޖިލިސް މެމްބަރުން ދަމާ ކޫއްތާ މަޖިލީހުން ނެރެ ރޯލް ކޯލް ވޯޓް ނެގިޔަސް މެމްބަރުން ތިބީ އިދިކޮޅު ފަރާތްތަކާ އެކީގައި ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، މަޖިލީހުގެ އަޣުލަބިއްޔަތުކަމުގައިވާ 432 މެމްބަރުން ސަރުކާރަށް ލިބިފައި ނުވާ ކަމަށާއި އިދިކޮޅު މެމްބަރުން ގަޔަށް ބަޑި ޖަހައިގެން މެރިޔަސް މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މަޤާމުން ބޭރުކުރުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަކީ މިހާތަނަށް ގެނެވުނު އެންމެ ތާކުން ތާކު ނުޖެހޭ އިސްލާޙް ކަމަށާއި 42 މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ހިސާބަކީ މަސީހް މަޤާމުން ދުރުވާނެ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމިންއަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވާ މެމްބަރުންނަކީ ވަކި ގޮތެއް ނެތިގެން ތިބި ބައެއް ކަމަށާއި ގާފިލްކަމުގައި ނުތިއްބަވާ ރައްޔިތުން ބަލައި އަދި ނުގަންނަ މެމްބަރުންގެ ގޮތުގައި ނުތިއްބެވުމަށް މަހްލޫފު ގޮވާލެއްވި އެވެ.
ސިޔާސީ އެކި ބޭނުންތަކުގައި ޖަލަށްލައި އަނިޔާ ކުރަމުންދާ ފަރާތްތަށް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާ ކަމަށާއި ރައްޔިތުންގެ އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާނަލް ނާޒިމާއި ޝެއިޙް އިމްރާން މިފަދަ ގޮތަކަށް ފްރޭމްކުރެވި ނުހައްގުން ދައުވާކޮށް ޖަލަށް ގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.