ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 07:35
އަބްދުލް ފައްތާހް އައްސީސީއާއި މޯދީ
އަބްދުލް ފައްތާހް އައްސީސީއާއި މޯދީ
ވަޔަން
އިންޑިޔާއާއި މިސްރުގެ ގުޅުން
މިސްރުގެ ރައީސް އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެ
މިއީ ސީސީ އިންޑިޔާއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު

މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 24ން 26ށް ކުރައްވާގޮތަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ އިޙްތިފާލްތަކުގައި ސީސީ ޚާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ސީސީ އަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ޖަނަވަރީ 25 ވަނަ ދުވަހު ރިޔާސީ ގަނޑުވަރު ރަޝްތުރަޕަތީ ބަވަން ގައެވެ. ހަމަ އެދުވަހު ބޮޑުވަޒީރު ނަރެންދުރަމޯދީއާ ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ ވާހަކަފުޅުތަކަށްފަހު ދެގައުމުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ދެގައުމުން އެއްބާރުލުން އިތުރު ކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި އެގްރިކަލްޗަރ، ޑިފެންސް، އެޑިޔުކޭޝަން، އަދި ކައުންޓަރ ޓެރަރިޒަމް ހިމެނެއެވެ.

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ އިހްތިފާލްތައް އޮންނާނީ ޖެނުއަރީ 26 ވަނަ ދުވަހު ވެރިރަށް ޑެއްލީގައެވެ. އޭގެ ފަހުން ބޭންގަލޫރުގައި އޮންނަ އެއިރޯ އިންޑިޔާ 2023 އެއާފޯސް ޝޯއެއްވެސް ސީސީ ބައްލަވާލައްވާނެއެވެ.

މިފަހަރުގެ ދަތުރުފުޅަކީ މިސްރުގެ ރައީސް އަލްސީސީ 2014 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާއަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅު 2015 ވަނަ އަހަރު ކުރައްވާފައިވަނީ ނިއުޑެއްލީގައި އޮތް ތިންވަނަ އިންޑިޔާ-އެފްރިކާ ފޯރަމް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރުވެސް ސީސީ އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާފައިވެއެވެ.

މިފަހަރުގެ ދަތުރުފުޅުގައި މަޝްވަރާކުރެވޭނެ މުހިންމު އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. އިންޑިޔާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައި.އައި.ޓީ) ތައް ފަދަ ހަޔަރ އެޑިއުކޭޝަން ބިނާއެއް އިންޑިޔާއިން މިސްރުގައި އެޅުމަށް މިސްރުން ބޭނުން ވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް