ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ ސަރަޙައްދުގައި ވަރަށް ބޮޑަށް ރޯވެފައިވާއިރު، މި ޙާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 5:45 ހާއިރުއެވެ.
މީގެ އިތުރުން، މި ޙާދިސާގައި މާލެ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކެއްގައިވެސް ރޯވެފައިވާއިރު، މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އެހެންނަމަވެސް، އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މި ޙާދިސާއާ ގުޅޭގޮތުން ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މި ފަހަކަށް އައިސް ގިނަ އަލިފާނުގެ ޙާދިސާތައް ހިނގާ ކަމަށާއި، މީގެ ކުރިންވެސް ނީލަން ފިހާރަ ސަރަޙައްދުގައި އަލިފާނުގެ ޙާދިސާތައް ހިނގާފައިވާ ކަމަށެވެ.

މި ޙާދިސާ ހިނގި ސަރަޙައްދުގައި ސިފައިންނާއި ފުލުހުން މިހާރު ގެންދަނީ ޙަރަކާތްތެރި ވަމުންނެވެ. ފުލުހުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

މި ޙާދިސާގެ ސަބަބުން އެ ސަރަޙައްދުގައި ހުންނަ ބައެއް ސުކޫލުތަކުގެ ކިޔެވުން ފަސްކޮށްފައިވާއިރު، ބައެއް ސުކޫލުގެ ހެނދުނު ސެޝަންގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ.
މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް މިހާރު ސިފައިންނާއި ފުލުހުން ކުރަމުންދާއިރު، އެ ސަރަޙައްދުގައި ގިނަ އަދަދަކަށް ދަނީ ދުން ބޯވަމުންނެވެ.