ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 13:42
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު
ބަނގުއާވި ގެންގުޅުނު މީހަކަށް ޖޫރިމަނާގެ އަދަބެއް
ދައުވާއަށް އިއުތިރާފުވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި
މި މައްސަލައިގައި އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ

ބަނގުއާވި ގެންގުޅުނު މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މިއީ 2022 އޮކްްޓޯބަރު 13 ވަނަ ދުވަހު ހިނގި ޙާދިސާއަކާ ގުޅޭ ދައުވާއެކެވެ. އެގޮތުން ދައުވާގައި ބުނެފައިވަނީ، ދައުވާލިބޭ ފަރާތް ދުއްވި ސައިކަލުގެ މަޑިދަށުގައި އޮތް ކަޅު ކުލައިގެ ޕްލާސްޓިކް ކޮތަޅު ތެރޭގައި ހުރި 24 ދަޅުގައި ހުރި ދިޔާތަކެތި ތަހުލީލުކުރިއިރު، އެތަކެތި ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އެއީ އެ ދުވަހު ހުޅުމާލޭގައި އުޅެނިކޮށް ރައްޓެހިންތަކެއް ދިން އެއްޗެއް ކަމަށާއި، އެތަކެތި ސައިކަލު މަޑިދަށުގައި ބެހެއްޓުނީ ރަނގަޅަށް ބަލާނުލައިކަމަށް އޭނާ ބުނެފައިވެއެވެ.

ދައުވާއަށް އިއުތިރާފުވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ކުށަށް އިއުތިރާފުވުމުން ކްރިމިނަލް ކޯޓުން ވަނީ އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައިވެސް ދައުވާލިބޭ ފަރާތުން ވަނީ އޭނާގެ އިއުތިރާފު ދަމަހައްޓާފައެވެ.

ވުމާއެކު، އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވައި، އޭނާގެ މައްޗަށް ދައުވާ ސާބިތުވާކަަމަށް މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވާ ކުށަކީ ޖުނަޙުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.

މި މައްސަލައިގެ އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދައުލަތުން ވަނީ، 1 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. އަދި އޭނާ ތަހުގީގުގައި ހުރި 5 ދުވަސް އެއިން އުނި ކޮށްދިނުމަށް ދައުލަތުން އެދުނެވެ.

މި މައްސަލަ ނިންމެވި ގާޒީ ވިދާޅުވީ، އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު، މިއީ މިފަދަ ފުރަތަަމަ މައްސަލަކަން އެނގެން އޮންނަ ކަމަށާއި، އޭނާއަކީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތެއްކަން އޭނާ ހުށައެޅި ލިއެކިއުންތަކުން އެނގޭ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ޙުކުމުން އުނި ކުރުމުން ތަންފީޒު ކުރަން ޖެހެނީ 1 މަހާއި 19 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް އޭނަ މުޖުތަމައުން އެކަހެރި ކުރުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާ ކުރަނިވި މީހަކަށްވުމުގެ ފުރުސަތު ލިބޭފަދަ އަދަބެއް އޭނާގެ މައްޗަށް ކަނޑައެޅުމަކީ އެންމެ މަސްލަހަތު އޮތް ގޮތްކަމަށް ފެނިލައްވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު ގާޒީ ވަނީ އޭނާގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް، 9800 ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފައެވެ. އެ ފައިސާ 2 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް