ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 13:16
ހުކުރު ނަމާދު
ހުކުރު ނަމާދު
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
މާތްﷲ އަށް އީމާންވާންވީ އަމިއްލަ އިޚްތިޔާރުން، ފައިދާ ހުރީ ހަމަ އެމީހަކަށް: ޚުތުބާ
މާތްﷲ ވަނީ ހެޔޮ މަގާއި ނުބައި މަގު ބަޔާންކޮށްދެއްވާފައި
ދުނިޔޭގެ ކެހިވެރިކަމުގެ ތެރެއަށްވަދެ އާޚިރަތް އަބާއްޖަވެރި ނުކުރޭ
ކަށްވަޅުގައި އެކަނިވެރިކަން ފިލުވައިދޭނީ އެމީހަކު ކޮށްފައިވާ ހެޔޮ އަމަލުތައް

އިންސާނާ ﷲ އަށް އީމާންވާންވީ އޭނާގެ އަމިއްލަ އިޚްތިޔާރުން ކަމަށާއި، އީމާންވުމުގެ ފައިދާ ހުރީ ހަމަ އެމީހަކަށް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އަޅުތަކުން ރުޖޫއަވާހުށީ ﷲގެ ހަޒުރަތަށް" މި މައުޟޫއަށް އިއްވި ޚުތުބާގައި ބުނީ މާތްﷲ އެކަލާންގެ އަޅުތަކުންނަށް ހެޔޮ މަގާއި ނުބައިކަމުގެ މަގު ބަޔާންކޮށްދެއްވާފައިވާކަމަށެވެ. މި ދެމަގުންކުރެ ކޮންމެ މަގެއްވެސް އިންސާނާއަށް އިޚްތިޔާރު ކުރެވޭނެ ކަމަށާއި، ވަކި މަގެއް އިޚްތިޔާރުކުރުމަށް އިންސާނުންނަށް މަޖުބޫރެއް ނުކުރައްވާ ކަމަށެވެ.

ކީރިތި ގުރުއާނުގައި އެތައް ފަހަރެއްގެ މަތިން ތަކުރާރު ކުރައްވައި، ތެދުމަގު ބަޔާންކޮށްދެއްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހަމަ އެފަދައިން ނުބައި މަގު އިޚްތިޔާރު ނުކުރުމަށާއި، އެމަގު އިޚްތިޔާރުކޮށްފިި ބަޔަކަށް ކުރިމަތިވެދާނެ އަޒާބަކަށް ތަކުރާރުކޮށް އިންޒާރުކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ބޭނުންމީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ އަޒާބު އެބަޔަކަށް ހުރިކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެއްކަމަށް ޚުތުބާގައި ބެނެފައިވެއެވެ. އިންސާނާ މާތްﷲ އަށް އީމާންވާންވީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުން ކަމަށާއި، އީމާންވުމުގެ ފައިދާ ހުރީ ހަމަ އެމީހަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހެޔޮމަގު އިޚްތިޔާރުކޮށް، ހެޔޮމަގުގައި ސާބިތުވެ ތިބެ، ހެޔޮ ކަންތައް ކުރާ މީހުންނަށް ހުރި ހެޔޮކަމުގެ ބޮޑުކަމާއެވެ!
ހުކުރު ޚުތުބާ

ޚުތުބާގައި ވަނީ ދުނިޔެއަކީ ކެހިވެރި ތަނެއް ކަމަށާއި، މި ދުނިޔޭގެ ކެހިވެރިކަމުގެ ތެރެއަށް ވަދެ އާޚިރަތް އަބާއްޖަވެރި ނުކުރުމަށް ﷲ ތައާލާ އަންގަވާފައިވާކަން ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން އިންސާނާ މަރުވެ، ކަށްވަޅަށް ދިއުމާ ހަމައިން އޭނާގެ ގިޔާމަތުގެ މަރުހަލާ ފެށުނީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކަށްވަޅު ވެގެންދާނީ އާޚިރަތުގެ މަންޒިލުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށް ކަމަށާއި، އެމީހާ އެތަނުގައި އޮންނައިރު އެކަނިވެރިކަން ފިލުވައިދޭނެ ހަމައެކަނި އެއްޗަކީ ދުނިޔޭގައި ހުރިއިރު އޭނާ ކޮށްފައިވާ ހެޔޮ އަމަލުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ސުވަރުގޭގެ މަތިވެރި ދަރަޖަތައް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް