ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 10:47
އެރޭބިއަން ގަލްފް ކަޕަށް ތައްޔާރުވަނީ
އެރޭބިއަން ގަލްފް ކަޕަށް ތައްޔާރުވަނީ
ރޮއިޓާރސް
އެރޭބިއަން ގަލްފް ކަޕް
ޢަރަބި ގަލްފް ކަޕާއެކު ޢިރާޤުން ތަފާތު ރާގެއް
މިއީ 1979 ވަނަ އަހަރަށް ފަހު، ޢިރާޤުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރު
އެރޭބިއަން ގަލްފް ކަޕްއަކީ، އަރަބް ގަލްފް ކަޕް ފުޓުބޯލް ފެޑަރޭޝަންގެ މެންބަރު 8 ޤައުމުގެ މެދުގައި ކުޅޭ، ވާދަވެރި ފުޓުބޯޅަ މުބާރާތެއް
ގަލްފް ކަޕް ފަށަން ހަމަ ޖެހިފައިވަނީ ޖެނުއަރީ 6 ވަނަ ދުވަހު

1968 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ތެރެއިން އައި ޚިޔާލެއްގެ މައްޗަށް ބިނާކޮށް، 1970 ވަނަ އަހަރު އެންމެ ފުރަތަމަ މެޗު ކުޅުނު އެރޭބިއަން ގަލްފް ކަޕް ނުވަތަ އާންމު ބަހުން ނަމަ، ގަލްފްގެ ރިހި ޔޫބީލް މުބާރާތަށް، އެންމެ ފޯރީގައި ތައްޔާރު ވަމުން ދަނީ، މި ފަހަރުގެ މުބާރާތް ހޮސްޓް ކުރާ ޢިރާޤުގެ ޒުވާނުންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

25 ވަނަ އެރޭބިއަން ގަލްފް ކަޕަށް ޤައުމު ތައްޔާރު ކުރުމުގެ ގޮތުން، ޢިރާޤުގެ ޒުވާން ކުރެހުންތެރިން ދަނީ، ދެކުނުގެ ސިޓީއެއް ކަމަށް ވާ ބަޞްރާގައި، އެމީހުންގެ ފަންނުވެރިކަން ސާބިތު ކޮށްދެމުންނެވެ. މިއީ 1979 ވަނަ އަހަރަށް ފަހު، ޢިރާޤުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވުމުން، ފޯރި ވަކިން ގަދައެވެ.

ޖެނުއަރީ 6 ވަނަ ދުވަހު ފަށާ ގަލްފް ކަޕަށް މަރުޙަބާ ކިއުމުގެ ގޮތުން، ބަޞްރާގެ ސްޓޭޑިއަމްތަކުގެ ބޭރު ފާރުތަކުގައި މާ ސިންގާ ކުރެހުންތައް ފަރުމާ ކުރުމުގެ މަސައްކަތުގައި 25 ވޮލަންޓިއަރަކު ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންވެސް ހިމެނެއެވެ.

މީ ޚަލީޖު 25 ނުވަތަ އެރޭބިއަން ގަލްފް ކަޕްގެ ކާމިޔާބަށް އެދިގެން، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ 25 އަކަށް މީހުން އިސްނަގައިގެން ހިލޭ ސާބަހަށް ކުރަމުން ދާ މަސައްކަތެއް. އަހަރަމެން މަސައްކަތް ކުރަމުން މިދަނީ އަލް-މިނާ ސްޓޭޑިއަމްގެ ބޭރު ފާރުގައި ކުރަހަން. މި ކުރެހުންތަކުން ވަރަށް ގިނަ މެސެޖުތައް ދޭނެ. ބައެއް ކުރެހުންތަކުން ބަޞްރާގެ ޝަނާޝީލް ނޫނީ ތަރިކައިގެ ގޮތުގައި ބަލާ ގެތަކުގެ ވާހަކަ ގެނެސްދޭނެ. އަނެއް ބައި ކުރެހުންތަކުން ބަޞްރާއަށް ލިބިފައި އޮތް ޤުދުރަތީ މުއްސަނދިކަން ދައްކުވާދޭނެ. އަނެއްބައި ކުރެހުންތަކުން ބަޞްރާގެ ތަރިކައާއި ޢަދަބިއްޔާތު އަންގައިދޭނެ. އަހަރަމެންގެ އަމާޒަކީ، ޚަލީޖު 25 އަށް ބަޞްރާ ޒީނަތްތެރި ކުރުން.
ޑރ. ޑާލިއާ އަލް ހަމްދާނީ؛ ވޮލަންޓިއަރެއް

ކުރެހުންތެރިންގެ ކުރެހުންތަކާ އެއްވަރަށް، ބަޞްރާގެ ފިހާރަތަކުގެ އާބާތުރަ ފަޅުފިލުވާލާފައިވަނީ، މެޗު ކުޅޭ ޤައުމުތަކުގެ ދިދަތަކުންނެވެ.

ގަލްފް ކަޕަށް ބަޞްރާ ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވަމުން ދިޔަ، މުޙައްމަދު ރާދު ބުނި ގޮތުގައި، މިކަން މި ގޮތަށް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ޢިރާޤުގައި އޮތް ހަމައެކަނި ކަމަކީ ހަނގުރާމަ ނޫން ކަމަށާ، އެއީ ރީތި ދިރިއުޅުމެއް އުޅޭ ބަޔަކު ދިރިއުޅެމުންދާ މަންޒިލެއްކަން އަންގައި ދިނުން ކަމަށެވެ.

މީ 2000ގެ އަހަރުތަކުގައި އުފަންވި، އަހަރަމެންގެ ޖީލަށް، އެރޭބިއަން ގަލްފް ކަޕް ކަހަލަ ބޮޑު މުބާރާތެއް ޢިރާޤުގައި ބާއްވާތީ ފެންނަ ފުރަތަމަ ފަހަރު. ތެދަށް ބުނަންޏާ، މިއީ ހަމަ ޤައުމީ ރޫޙު އެކުލެވޭ ކަމެއް. ދެން އެހެން ނޫނަސް، އަހަރަމެންނަކީ ކުރެހުމަށް ވަރަށް ލޯބިކުރާ ދަރިވަރުންތަކެއް، އާންމު ދިރިއުޅުމުގަ މިހެން އުޅޭ އިރުވެސް. މުޅި ދުނިޔެއަށް އަހަރަމެން އަންގައިދޭން ބޭނުންވަނީ، އަހަރަމެންނަކީ ހަމައެކަނި ހަނގުރާމައެއްގެ ތެރޭގަ ދިރިއުޅޭ ބައެއް ނޫން ކަން. އަހަރަމެންގެ ދިރިއުޅުމަކީ އެ ހީކުރާހާ ހިތްދަތި ދިރިއުޅުމެއް ނޫންކަން އަންގައިދޭން ބޭނުން ވަނީ. އަހަރަމެންގެ ދިރިއުޅުމަކީވެސް ރީތި ދިރިއުޅުމެއްކަން އަންގައިދޭން ބޭނުން ވަނީ. މީ ދިރިއުޅުމުގެ އަނެއް ބައި. ލޯތްބާއި، އުފާވެރިކަމާ އެދެވޭ ކަންކަމުން ފުރިގެންވާ ބައި. އެންމެ މުހިންމު ބައި.
މުޙައްމަދު ރާދު؛ ދަތުގެ ޑޮކްޓަރީ ކަން އުނގެނެމުންދާ ވޮލަންޓިއަރެއް

ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ 1990ގެ އަހަރުތަކުން ފެށިގެން ޢިރާޤުގައި މެޗުތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އަޅާފައެވެ. ނަމަވެސް 2018 ވަނަ އަހަރުން ފަށައިގެން، އެ ފިޔަވަޅުތަކަށް ލުއި ދޭން ފެށިކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

މިތަނުގަ މުބާރާތް ކުޅުން ހުއްޓާލީމަ ވަރަށް ދެރަވި. އަހަރަމެންގެ އަމިއްލަ ބިމުގަ، އަހަރަމެންގެ ޤައުމީ ޓީމަށް ނުކުޅެވޭ ގޮތް ހެދި. އަހަރަމެންގެ އަމިއްލަ ބިމުގަ، އަހަރަމެންގެ އަމިއްލަ ޤައުމީ ޓީމު ކުޅޭ މަންޒަރު، އަމިއްލަ މީހުންނަށް ބަލާނުލެވޭ ގޮތް ހެދި. އެރޭބިއަން ގަލްފް ކަޕަކީ، އެދެވޭ އެތައް ކަމެއްގެ ފެށުމަށް ވުން، އުއްމީދަކީ.
ކާމިލް އުވައިދު؛ ބަޞްރާގެ ރަށްވެއްސެއް

މީގެ އަހަރުތަކެއް ކުރިން މުޅި ޢިރާޤު ގުގުމަމުން ދިޔައީ ބޮމާއި ބަޑީގެ ހަމަލާތަކުން ކަމުގައި ވީ ނަމަވެސް، މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. ގަލްފް ކަޕާއެކު މުޅި ބަޞްރާއަށްވެސް ވެރިވެފައި ވަނީ އުފާވެރިކަމާއި އުޖާލާ ކަމެވެ.

ޚަލީޖު 25 އާއެކު ބަޞްރާއަށް އައިސްފައިވާ ބަދަލާ ވަރަށް ގަޔާވޭ. 40 އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިކަން މިއައީ. އެންމެ ފަހުން މިތާ މި މުބާރާތް ކުޅުނީ 1979 ގަ. އިރާޤު އަނެއްކާވެސް މިއޮތީ މުބާރާތް ހޮސްޓް ކުރާ ހިސާބަށް ދަތުރު ކޮށްފަ. މިއީ ހަމަ ޔަޤީނުންވެސް ޢިރާޤުގައި ސަލާމަތްތެރިކަމާއި، އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުން އޮތްކަން އަންގައިދޭ ކަމެއް. އަދި މި ކަހަލަ މުބާރާތެއް ހޮސްޓް ކުރަން، ޢިރާޤު، އަދި ވަކީން ހާއްސަކޮށް ބަޞްރާ ތައްޔާރުކަން އަންގައިދޭ ހެއްކެއް.
ހައިދަރު ދިއާ؛ ބަޞްރާގެ ރަށްވެއްސެއް

ޢިރާޤުގައި ގަލްފް ކަޕްގެ މެޗެއް އެންމެ ފަހުން ހޮސްޓް ކޮށްފައި ވަނީ 1979 ވަނަ އަހަރު ކަމަށް ވާ އިރު، އެ ފަހަރުގެ މުބާރާތް ކާމިޔާބު ކުރީވެސް ޢިރާޤުންނެވެ. އެރޭބިއަން ގަލްފް ކަޕްއަކީ ކޮންމެ 2 އަހަރަކުން ބާއްވާ ގޮތަށް ރާވާފައި އޮންނަ މުބާރާތެއް ކަމުގައި ވީ ނަމަވެސް، ސިޔާސީ އެކިއެކި ދެބަސްވުންތަކާއި އިންތިޒާމީ މައްސަލަތަކާ ގުޅިގެން ބައެއް ފަހަރު، 2 މުބާރާތުގެ ދެމެދުގައި 3 އަހަރު ނުވަތަ 4 އަހަރުވެސް ފާއިތުވެގެން ގޮސްފައި އެބަ ހުއްޓެވެ.

އެރޭބިއަން ގަލްފް ކަޕްއަކީ، އަރަބް ގަލްފް ކަޕް ފުޓުބޯލް ފެޑަރޭޝަންގެ މެންބަރު 8 ޤައުމުގެ މެދުގައި ކުޅޭ، ވާދަވެރި ފުޓުބޯޅަ މުބާރާތެކެވެ.  އެ ޤައުމުތަކަކީ ބަޙްރައިން، ޢިރާޤު، ކުވައިތު، އޮމާން، ޤަޠަރު، ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަދި ޔަމަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް