ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 09:05
އައްމާރު އަލް-ހަޔާނީ؛ ބަޣްދާދްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރ
ދަނޑުވެރިކަން
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
 
ޕްރޮފެސަރ އައްމާރު ބުނާ ގޮތުގައި، އޭނާގެ ދަނޑުގައި ބޭނުން ކުރަނީ، އާންމު ދަނޑެއްގައި ފެން ބޭނުން ކުރާ މިންވަރުގެ އެންމެ 10 ޕަސެންޓް
 
އައްމާރުގެ ދަނޑުން، 2 ބާވަތެއްގެ ދަނޑުވެރިކަން ފެނޭ، އެއީ ވެލިގަނޑުގައި އިންދައިގެން ކުރާ ދަނޑުވެރިކަމާއި، ހޮޅިހޮޅީގައި ޖަހައިގެން ކުރާ ދަނޑުވެރިކަން
 
އެކި ޒާތްޒާތުގެ ފަތްކާނާގެ ބާވަތްތަކާއި، ތަރުކާރީގެ ބާވަތްތައް އެ ދަނޑުން ފަސޭހަކަމާއެކީ ލިބެން ހުރޭ

ހިތް އެދޭ ކަމެއް ކުރަން ފަށާކަށް ވަކި ޢުމުރެއް، ވަކި ވަގުތެއް، ވަކި ޙާލަތެއް ނޫނީ ތަނެއް ނޯވެއެވެ. ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި ހިންގާ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ އައްމާރު އަލް-ހަޔާނީއަކީ މި ދެންނެވި ފަދަ އެއް މިސާލެވެ. ޕްރޮފެސަރ އައްމާރަކީ ޢިލްމީ، ޤާބިލު، ތަޖުރިބާކާރެކެވެ. ސާފު ހަކަތައަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ވެރިޔާއެވެ. މިއަދު އޭނާ މަސައްކަތް ކުރަމުން އެ ދަނީ، ފެނަށް ޖެހިފައި އޮތް ޢިރާޤުގައި، ވީހާވެސް މަދު ފެންފޮދެއް ބޭނުން ކޮށްގެން ދަނޑުގޮވާމުގެ ސިނާޢަތް ކުރިއެރުވޭނެ ދިރާސާތަކާއި ތަޖުރިބާތައް ކުރިއަށް ގެންދިއުމަށެވެ.

އެކި ކަހަލަ ގަސްގަހާގެހި އިންސާ، ދަނޑުވެރިކަން ކުރާނެ ބިންކޮޅެއް، ބަޣްދާދުން ގަތުމަކީ ޕްރޮފެސަރ އައްމާރުގެ ޅަ ދުވަހުގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހުން ފަދަ ކަމަކަށް ވިއެވެ. ނަމަވެސް ޢިރާޤަށް މިއަދު ކުރިމަތިވެފައި އޮތް ފެނުގެ ދަތިކަމު އަސަރު، ފިސާރި އަވަހަށް އެ ދަނޑަށް ފޯރައިފިއެވެ. އެ ދަނޑުގައި ހުރި ގަސްތައް ހައްދާ، ބެލެހެއްޓުމުގައި ޕްރޮފެސަރ އައްމާރަށް ކުރިކުރިމަތިލާން ޖެހުނު ތަކުލީފުތައް އިތުރުވަމުން ދިޔައެވެ. އެހެން ގޮސް، މުޅި ދަނޑުގެ ދިރުން ގެއްލި، ހުރިހާ ގަހެއް މަރުވެ ހިނގައްޖެއެވެ.

އަމިއްލަ ދަނޑެއް ހެއްދުމަކީ އެންމެ ކުޑަދުވަހުއްސުރެ އަހަރެން ދެކެމުން އަންނަ ހުވަފެނެއް. ދަނޑުތަކުގެ ހިތްގައިމުކަމާއި، ދަނޑުވެރި ދިރިއުޅުމުގެ ހިތްގައިމުކަން ޓީވީތަކުން ބަލަން. އެހެން އުޅެމުން ގޮސް ދަނޑެއް ގަނެ، އެކި ކަހަލަ ގަސްގަހާގެހި ގެނެސްގެން އިންދާ ހައްދާނެ ފުރުޞަތު ލިބުނީ އަހަންނަށްވެސް. ދުވަސްތައް ފާއިތުވަމުން ގޮސް، ބިރުވެރި ހުވަފެނެއް ކަހަލަ ތަނަކަށް މި ތަން ބަދަލުވެއްޖެ. ފެނުގެ ދަތިކަމާ ހެދި ފެންކަނޑާލީމަ ވީ ގޮތް. ފެން ކަނޑާލީ މޫސުމީ ނޭދެވޭ ބަދަލުތަކާ ހެދި ތިމާވެއްޓަށް ލިބެމުން ދިޔަ ގެއްލުންތަކާ ހެދި. ދަނޑު ހައްދަން ފެން ނުލިބޭތީ، އަހަރެން ފެށީ ފެން ގަންނަން. އެކަމަކު ދެކޮޅު ޖައްސާލެވޭ ވަރު ނުވި އަހަންނަކަށް. ދުވަހުން ދުވަހަށް ގަސްތައް މަރުވާން ފެށީ. އެންމެ ހިތްގައިމު ވަރަށް ދަނޑު ހެދި، އޮރެންޖާއި، ލުނބޮޔާ، މޭބިސްކަދުރުތައްވެސް އަޅާފަ އޮއްވާ، އެހެން ދަމުންދަމުން ގޮސް މުޅި ދަނޑު އެއްކޮށް މަރުވީ.
އައްމާރު އަލް-ހަޔާނީ؛ ބަޣްދާދްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރ

ކަން އެހެން އޮތް ނަމަވެސް، ދަނޑުވެރިކަމައިގެން ކުރިއަށް ދިއުމަށް އޭނާގެ ހިތުގައި އުފެދިފައި އޮތް ޝަޢުޤުވެރިކަމަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. ހައިޑްރޮޕޯނިކްސްއާއި އަކުއަޕޯނިކްސްއާ ބެހޭ އިތުރު މައުލޫމާތު އުނގެނި، ޢިރާޤުގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެހެން ރާސްތާތަކުން ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވިދާނެ ގޮތްތައް ހޯދަން ފެށިއެވެ.

އަހަރެން ދެން ފެށީ އިންޓަރނެޓްގަ ދިރާސާކުރަން. ޒަމާނީ ދަނޑުވެރިކަމާ ބެހޭ މައުލޫމާތު އެއްކޮށް، ސައެންސް ފިކްޝަން ފިލްމުތަކުގަ، ޖައްވުތެރޭގައި ދަނޑުވެރިކަން ކުރާ މަންޒަރުތައް ބަލާ، އެތަނަށް ފެންގެންދާ ގޮތް ބަލާ ހެދީ. ހައިޑްރޮޕޯނިކްސްއާއި އަކުއާޕޯނިކްސްއޭ މިކިޔާ ދާއިރާތަކުން ކިޔަވަމުން ދިޔައީ. ދަނޑުވެރިކަމުގެ ސިނާޢަތުން އަހަންނަށް ގޮވަމުން ދިޔަ ގޮވުންތައް، އަހަރެން ގެންގޮސްދިނީ އެކިއެކި ޤައުމުތަކަށް. އެކި ޤައުމުތަކަށް ދަތުރުކޮށް، ދަނޑުވެރިކަމުގެ ތަޖުރިބާކާރުންނާ ބައްދަލުކުރިން. އަނބުރާ ޤައުމަށް އައިސް، ވީ އެންމެ މަދު މިންވަރެއްގެ ފެން ބޭނުންކޮށްގެން މި ދަނޑު ހައްދަނީ މިހާރު. މި ގަހަށްވެސް ފެންފޮދެއް ނުދޭތާ މިހާރު ވެދާނެ 6 މަހަށް ވުރެ ގިނަ ދުވަސް. ހަމަ އެއް ފެނެއް މި ބޭނުން ކުރަނީ، އެތައް ފަހަރަކު.
އައްމާރު އަލް-ހަޔާނީ؛ ބަޣްދާދްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރ

ޕްރޮފެސަރ އައްމާރު ވަނީ އޭނާގެ އުންމީދީ ދަތުރުގައި ކާމިޔާބުތަކެއްވެސް ހޯދާފައެވެ. ޕްރޮފެސަރ އައްމާރު ބުނާ ގޮތުގައި، އޭނާގެ ދަނޑުގައި ބޭނުން ކުރަނީ، އާންމު ދަނޑެއްގައި ފެން ބޭނުން ކުރާ މިންވަރުގެ އެންމެ 10 ޕަސެންޓްއެވެ. އެއީ ދަނޑުގޮވާން ކުރުމަށް އޭނާ ބޭނުންކުރާ ވެލިގަނޑުގެ ސަބަބުން ކަމަށްވެސް ޕްރޮފެސަރ އައްމާރު ތަފްސީލުކޮށްދިނެވެ.

މިއަދު، މި ބާވަތުގެ ދަނޑުވެރިކަމަށް މި ބޭނުން ކުރަނީ އާންމުކޮށް ބޭނުން ކުރާ މިންވަރު އެންމެ 10 ވަރަކަށް ޕަސެންޓް. ސަބަބަކީ، މި ވެލިގަނޑު ހަދާފަ މި ހުންނަނީ ސިލިކާ ވެލިން ކަމަށް ވީމަ. މި ވެލިގަނޑު މުއްސަނދި ކޮށްފަ މި ހުންނަނީ ޢިރާޤުން ފަސޭހައިން ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން. ދަނޑު ހައްދާފަ މި އޮންނަނީ އޭގެ ޒާތުގަ، ފެނުން ފެން ދެވޭ ގޮތަށް. އަދި ފެނާ އެކީ އަންނަ މުހިންމު މާއްދާތައް ގަސްތަކަށް ދައިމަގަންނަ ގޮތަށް. ގަސްތަކަށް އެ ނިއުޓްރިއަންޓްސްތައް ދަމައިގަތީމާ، ބާކީ ހުންނަ ފެންގަނޑޫ މި ދަނީ އަނެއްކާވެސް ރިޒާވަށް. އަނެއްކާވެސް އެ ފެން ސްޓެރެލައިޒްކޮށްގެން 2 ވަނަ ފަހަރަށް ބޭނުން ކުރަނީ. އެންމެ ބުރަކަށް ފެންޖަހަން ޖެހޭ ވަރަށް ފެން ޖަހައިގެން އަނެއް 6 މަސްދުވަހު ފެން ނުދީ އެބަ ހިފަހައްޓާލެވޭ. އިތުރުކޮށްލަނީ އާންމު އުސޫލުން އާތްވަށް ވެގެން އަރައިގެންދާ ބަޔަށް ބޭނުންވާ 7 ވަރަކަށް ޕަސެންޓް އެކަނި.
އައްމާރު އަލް-ހަޔާނީ؛ ބަޣްދާދްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރ

ޕްރޮފެސަރ އައްމާރުގެ ދަނޑުން، 2 ބާވަތެއްގެ ދަނޑުވެރިކަން ފެނެއެވެ. އެއީ ވެލިގަނޑުގައި އިންދައިގެން ކުރާ ދަނޑުވެރިކަމާއި، ހޮޅިހޮޅީގައި ޖަހައިގެން ކުރާ ދަނޑުވެރިކަމެވެ. ނަތީޖާ ވަރަށްވެސް ފޮންޏެވެ. އެކި ޒާތްޒާތުގެ ފަތްކާނާގެ ބާވަތްތަކާއި، ތަރުކާރީގެ ބާވަތްތައް އެ ދަނޑުން ފަސޭހަކަމާއެކީ ލިބެން ހުރެއެވެ.

ޕްރޮފެސަރ އައްމާރު ޤަބޫލު ކުރާ ގޮތުގައި އޭނާ އާއި އެ ސިނާޢަތުގައި މަސައްކަތްކުރާ އެހެން މީހުންނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް މިފަދަ ދަނޑުވެރިކަމުގެ އުސޫލުތަކުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ހޯދުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް