އެއީ އަދާ ޖެހުނުއިރުވެސް ދާއިމީ ފަރުވާއެއް ކަނޑައެޅިގެން ހޯދިފައި ނެތް ކެންސަރު ބަލީގެ ޕޭޝަންޓެއްކަން ސަބްރީން ޢަބްދު އައްޒަހްރާ ޙުސައިނަށް އެނގުނީ އޭނާގެ އުމުރުން އެންމެ 11 އަހަރުގައެވެ. މިއަދު އޭނާގެ އުމުރަކީ 26 އަހަރެވެ. މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު ހެޔޮ ހާލުގައެވެ.
ކެންސަރުގެ ވޭނީ ދަތުރަށް ލުއިލިބި، ކާމިޔާބުގެ މަންޒިލަށް ދެވުނުނަމަވެސް ފަހަރެއްގައިވެސް އެ ދުވަސްތައް މަތިން ސަބްރީން ހަނދާން ނައްތައެއްނުލައެވެ. މިއަދު އޭނާއަކީ، ކުޑަކުއްޖެއްގެ ގޮތުގައި ޚުދު އޭނާވެސް ފަރުވާ ހޯދި ހޮސްޕިޓަލުގައި، ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައި ތިބި ކުދިންނަށް ހިތްވަރު ދިނުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ ދަރުމަވެރިއެކެވެ.
އަހަރެން އެންމެ ފުރަތަމަ ބަލިވިއިރު... މިތަނަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ލިބޭނީ ޝޮކެއް. ކުދިން ތިބޭ ގޮތް ފެނިފަ، ސިހުމެއްގަ ތިބޭނީ. ބޮލުގަ އިސްތައްޓެއް ނުހުންނާނެ. އެތައް ބައިވަރު ބޭހަކާ ފަރުވާގެ އެތައް މަރުހަލާއަކާ، އެކިއެކި ތަހްލީލުތަކާއި، ޑޮކްޓަރުންނާއި މި ހުރިހާ ކަމަކުން ޝޮކެއް ޖެހިފަ ތިބޭނީ... އެއީ އާންމު ދިރިއުޅުމެއްގަ ކުރިމަތިލާން ޖެހޭނެ ކަންތައްތައް ނޫންތާ ދޯ! އެހެންވެ. އެންމެ ފުރަތަމަ އަހަރެން މިކޮޅަށް އައިއިރު އަދިވެސް ހަނދާން އެބަހުރި. ފާރާ ކައިރިއަށް ހުރި އެނދެއްގަ އަހަރެން އޮތީ. މަންމައަށްވެސް އެތެރެއަކަށް ނުވަދެވޭ. އެހެން ކުދިންނާ އެކުދިންގެ ބެލެނިވެރިންނަކާވެސް ވާހަކައެއް ނުދެއްކޭ. ދެން، ބޮލުން އިސްތަށިތައްވެސް ފައިބަން ފަށައިފި. ދުވަސްކޮޅެއް ފަހުން، އަހަރެންގެ ޒަމީރު ގަބޫލުކޮށްފި، އަހަންނަކީވެސް އެކުދިންގެ ތެރޭ ހިމެނޭ ކުއްޖެއްކަން.ސަބްރީން ޢަބްދު އައްޒަހްރާ ޙުސައިން؛ ހަގު ޢުމުރެއްގައި ކެންސަރު ޖެހި، ރަނގަޅުވެފައިވާ ޒުވާނެއް
އިންތިހާ ޅަ އުމުރެއްގައި ކެންސަރު ޖެހި، ފަރުވާގެ މުއްދަތުގައި ހޭދަވި ވޭނީ ދުވަސްތަކުގެ ހަނދާން އައުކުރުމަކީ ސަބްރީން އެންމެ ފުރަތަމަ ކުރާހިތްވި ކަމެއް ނޫނެވެ. އެ ދުވަސްތަކުގެ އެއްވެސް ހަނދާނެއް، ސިކުނޑީގައި ރައްކައުކޮށް، އައުކުރާކަށްވެސް އޭނާގެ ހިތެއް ނުރުހުނެވެ. ނަމަވެސް، ކުޑަކުދިންނާއެކު އެ މާހައުލުގައި މަސައްކަތް ކުރަން ފެށި ހިސާބުން އެ ވިސްނުން ބަދަލުވާންފެށި ކަމަށް ސަބްރީން ކިޔައިދިނެވެ.
ބަލި ފަސޭހަވެ، ފުރާނަ ސަލާމަތްވި ހިސާބުން ހޮސްޕިޓަލުގެ މީހުން އަހަރެން ގާތަށް އައިސް އެދުނީ، މިތާ މަސައްކަތްކުރަން. އަހަރެން އެންމެ ފުރަތަމަ ކުރީ އިންކާރު. އެއީ، ކުރީގެ އެ ބަލި ހާލަތުގެ ހަނދާންތަކަކީ އަހަރެންގެ ސިކުނޑިން ފޮހެލާފަ ހުރި ހަނދާންތަކަކަށް ވީމަ. ހަނދާން ކުރާކަށްވެސް ބޭނުމެއްނުވި، އެ ކަމާ ގުޅޭ އެއްވެސް ކަމެއް. މިތާ މަސައްކަތް ކުރަން ފަށައިގަތް ފުރަތަމަ ހަފުތާގަ ވަރަށް އުނދަގޫވި. ދެވަނަ ހަފުތާގަ އަމިއްލަ ނަފުސަށް ބުނެފިން، މަސައްކަތްކޮށްލަން ހިނގާށޭ. ތިންވަނަ ހަފުތާގަ ހަމަ ކުދިންނާއެކީ އުޅެން ފެށިއްޖެ.ސަބްރީން ޢަބްދު އައްޒަހްރާ ޙުސައިން؛ ހަގު ޢުމުރެއްގައި ކެންސަރު ޖެހި، ރަނގަޅުވެފައިވާ ޒުވާނެއް
ކެންސަރު ބަލީގެ ވޭން އުފުލަމުންދާ ކުދިންނަށް ހިތްވަރު ދިނުމުގައި ދެމިހުރުން ވެފައި ވަނީ، ސަބްރީންގެ ދިރިއުޅުމުގެ ދަތުރަށް ލިބޭ ތަސައްލީއަކަށެވެ.
16، 14، ނޫނީ 13 ވަރަކަށް އަހަރުގެ ކުދިން... އެ ކުދިން ބޭނުމެއްނުވޭ ސައިކޯތެރަޕިސްޓެއް، ނޫނީ ކުޅެލާނެ ބައިވެރިއެއް. އެ ކުދިން ބޭނުންވާ ހުރިހާވެސް މީހަކީ އެކުވެރިއެއް. ބައެއް މައިންބަފައިން އެބައުޅޭ، ދަރިފުޅަށް ޖެހިފަ ހުރީ ކޮން ކަހަލަ ބައްޔެއްކަންވެސް އެކުދިންނަށް ސިއްރުކޮށްގެން. ކުދިންނަށް ދޮގުހަދައިގެން. މިތާ އުޅޭ ކުދިންނަށް އެނގޭނެ ކެންސަރުގެ މާނަ. ކެމިކަލް، ކީމޯތެރަޕީއަކީ ކޯޗެއްކަން. އިންޓަނެޓުންވެސް މައުލޫމާތު ހޯދޭނެ މި ކުދިންނަށް. އެކުދިންނަށް ޖެހިފަ ހުރީ ކެންސަރުގެ ކޮން ބާވަތެއްކަންވެސް ހޯދޭނެ. މީ ވަރަށް ދައްކަން އުނދަގޫ ވާހަކަތަކެއް. މި އުމުރުފުރާގަ އަހަރެމެންނަށް ކޮށްދެވޭނެ އެންމެ ބޮޑުވަރަކީވެސް އެކުދިންގެ އެކުވެރިއަކަށް ވުން. އެކުދިންނާ ގާތްވުން. އާއިލާތަކަށްވުރެވެސް ބޮޑަށް. ދުވާލެއްގެ 24 ގަޑިއިރުވެސް، އެކުދިންނާ މުއާމަލާތު ކޮށްލަކޮށްލާ ތިބުން.ސަބްރީން ޢަބްދު އައްޒަހްރާ ޙުސައިން؛ ހަގު ޢުމުރެއްގައި ކެންސަރު ޖެހި، ރަނގަޅުވެފައިވާ ޒުވާނެއް
ސަބްރީން ބުނާގޮތުގައި، ކެންސަރު ބަލީގައި އޭނާ ކުރި ތަޖުރިބާތަކަކީ، އުމުރުން ހަގު އެތައް ޕޭޝަންޓުންނެއް އަޑުއަހަން ބޭނުންވެފައި ތިބި އެތައް ވާހަކައެއް ހިއްސާކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ކަމެކެވެ. ދާއިރާއިން ތަޖުރިބާއާއި ޢިލްމު ހާސިލުކޮށްގެން ތިބި ޞިއްޙީ ޚިދުމަތްތެރިންނަކީ ފަހަރެއްގައިވެސް ދެރަ ބައެކޭ ދަންނަވަނީއެއް ނޫނެވެ.
ބައެއް ފަހަރު އަހަންނަށް އާދެވޭއިރު ކުދިން އެބަތިބޭ ގުޅާފަ ހުންނަ މެޝިންތަކާ ހެދި ގުޑާނުލެވިފަ. ކޮންމެވެސް ދެ އެއްޗެއްގެ މެދުގަ ތާއްޓެއް އަރައިގެން. މި ހުރިހާ ކަމެއްވެސް އަހަންނަށް ހަނދާންކޮށްދޭ، އަހަރެން އުޅުނު ހާލު. ފަހުން އެކަމަށް ނަފުރަތު ކުރެވުނު މިންވަރު. މިތާ މަސައްކަތްކުރަން ފަށާފަ ކުދިންނަށް ވީހާވެސް ފަސޭހަ ކޮށްދެވޭތޯ އަހަރެން ބަލަނީ. އަހަންނެއް ނުބުނަން އެ ކުދިން ގާތަކު ތީ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ، ރޯކަށް ނުވާނެއެކޭ ނުބުނަން، ބިރުނުގަންނާށެކޭވެސް ނުބުނަން. އަހަރެން ބުނަނީ ތަދުވާނެއޭ، އެކަމަކުވެސް އަހަރެމެން ކެތްކުރާނީއޭ. އެންމެ ގިނަވެގެންވެސް ވާނީ 24 ގަޑިއިރޭ، އެހިސާބުން އެ ނިމުނީއޭ. މި ކަންކަމަކީ، އަހަރެން ބަލިވެ އުޅުނުއިރު، ކޮންމެވެސް މީހަކު އަހަންނަށް ކިޔައިދިން ކަންކަން ނަމައޭ ވަރަށް ހިތަށްއަރާ. އަހަރެން އެ ކުދިންނަށް ކިޔައިދެން އެކަން ތަހައްމަލު ކުރާނެ ގޮތްވެސް.ސަބްރީން ޢަބްދު އައްޒަހްރާ ޙުސައިން؛ ހަގު ޢުމުރެއްގައި ކެންސަރު ޖެހި، ރަނގަޅުވެފައިވާ ޒުވާނެއް
ޅައުމުރުގައި ކެންސަރު ބަލީގެ ބިރާއި ވޭން ތަހައްމަލުކުރި ދުވަސްވަރު، އެހެން މީހަކު އޭނައަށް އެ ވާހަކަތައް ކިޔައިދިން ނަމައޭ ހިތަށް އެރި އެތައް ވާހަކައެއް، މިއަދު އެ ހާލުގައި ތިބި ކުދިންނަށް ސަބްރީން ކިޔައިދެއެވެ.
ފޮޓޯގަ މި ތިބީ، ހޮސްޕިޓަލުގަ މިހާރު ތިބި ކުދިންނަށް ނަމޫނާ ޝަޚްޞުން. ފޮޓޯގަ ތިބި ހުރިހާ ކުދިންނަށްވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފަ. އެއީ ރަނގަޅުވާނެކަމުގެ އުންމީދުގަ ތިބި ކުދިން. މި އުންމީދުގަ އަހަރެމެންގެ ހިއްސާވެސް އޮވޭ. މިތަނުން ފަރުވާ ހޯދާ، ރަނގަޅުވީމަ މިތާ ފޮޓޯ ހަރުކޮށްލަނީ. މި ގަހަށް ކިޔަނީ އުންމީދުގެ ގަސް. މިތަނަށް އަންނަ ހުރިހާ ކުދިންވެސް ގަސް ކައިރިއަށް އައިސް، ވަރަށް އިންތިޒާރުކުރާނެ އެ ދުވަހަކަށް. ބައެއް ކުދިން ހުންނާނެ، ގަހުގެ ބައެއް ހިސާބުތައް އެކުދިންނަށް ރިޒަރވްކޮށްފަވެސް، ބަލި ފަސޭހަވާ ދުވަހަކުން އެތާ ފޮޓޯ ޖަހާލަންވެގެން.ސަބްރީން ޢަބްދު އައްޒަހްރާ ޙުސައިން؛ ހަގު ޢުމުރެއްގައި ކެންސަރު ޖެހި، ރަނގަޅުވެފައިވާ ޒުވާނެއް
ޢިރާޤުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ކުދިންނާއެކު ސަބްރީން ހޭދަ ކުރަމުން ދަނީ އުފާވެރި ވަގުތުތަކެކެވެ. އެކިއެކި ހަރަކާތްތަކުގައި އެ ކުދިންނާއެކު ސަބްރީން ބައިވެރިވެ، ކުޅެހަދައެވެ. ކެންސަރު ބައްޔާބެހޭ އެތައް މަޢުލޫމާތެއް ފޯރުކޮށްދެއެވެ. އެ ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް، ބަލިން ރަނގަޅުވާނެ ކަމުގެ އުންމީދު ކަނޑާނުލުމަށް ކެނޑިނޭޅި ހިތްވަރު ދެއެވެ.