ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 16:24
ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން
ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން
ޕޮލިސް
ބަދުއަޚުލާގީ އަމަލު ހިންގުން
ބަދުއަޚުލާގީ އަމަލު ހިންގި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލަ ފައިލްކޮށްފި
ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ މި މައްސަލަ ފައިލްކޮށް އެ ފަރާތްތައް ދޫކޮށްލާފައި
އައު ހެކި ލިބިއްޖެނަމަ، މައްސަލަ އަލުން ހުޅުވުމުގެ ފުރުސަތު އެބައޮތް

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރާއެކު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލަ ފައިލްކޮށްފިއެވެ.

ބަދުއަޚުލާގީ މަންޒަރުތައް ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކުކޮށްލާނެކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލްކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑްކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން އޭރު ފަސް މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި، ކޯޓުން ދޫކޮށްލީއެވެ.

ދެން ތިބި 3 މީހުންގެ ވަނަވަރު އޭރު ފުލުހުން ހާމަކުރިއެވެ. އެއީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ)އެވެ. 

އެހެންނަމަވެސް މިހާރު އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.

އަދި އެ މައްސަލަ ފައިލް ކޮށްފައިވާއިރު، ފުލުހުން މައުލޫމާތު ދޭ ގޮތުގައި މައްސަލަ ފައިލްކުރީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު މަޝްވަރާ ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތަކުން ޖިނާއީ ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ވުމާއެކު، މި މައްސަލަ ފައިލްކޮށް އެ ފަރާތްތައް ވަނީ ދޫކޮށްލާފައެވެ.

އެހެންނަމަވެސް މި މައްސަލައާ ގުޅޭ އައު ހެކި ލިބިއްޖެނަމަ، މައްސަލަ އަލުން ހުޅުވުމުގެ ފުރުސަތު އެބައޮތްކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ އަލަމްގީރު ވަނީ ދިވެހި ފިރިހެނުންތަކަކާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް އިިއުތިރާފުވެފައެވެ. އަދި އެ މަންޒަރުތައް ވީޑިއޯކުރިކަމަށް ބުނެ ދައުލަތުން އުފުލާފައިވާ 40 ދައުވާއަށްވެސް މިހާރު އޭނާ ވަނީ އިއުތިރާފުވެފައެވެ.

މި މައްސަލައިގައި ވީޑިއޯތަކުން އަލަމްގީރާއެކު ފެންނަ ދިވެހިންތަކެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެއްބައި މީހުންގެ ޝަރީއަތްވެސް ވަނީ ނިމިފައެވެ. އެ ގޮތުން މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއުއަށް އިއްވާފައިވަނީ 1 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް