ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 14:53
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ރާއްޖެއެމްވީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު
"މީހަކު ވިހެއުމުގެ ކުރިންވެސް ވިހެއުމަށް ފަހުވެސް، މި އޮންނަނީ ޤާނޫނުގެ ދަލެއްގެ ތެރޭގައި"
ކުރިން ފަދައިން ވަކި މީހެއްގެ ގާތަށް ގޮސް މުޖުތަމައުގެ މައްސަލަތައް ޙައްލު ކުރުމުގައި މިހާރު ގޮންޖެހުންތައް ހުންނާނެ
ކޯޓުތަކާއި ފުލުހުންނާއި، އެފަދަ މުއައްސަސާތައް ނެތްނަމަ، ލޭއޮހޮރުވުން ފަދަ ކަންކަން ގިނަވާނެ

މީހަކު ވިހެއުމުގެ ކުރިންވެސް އަދި ވިހެއުމަށް ފަހުވެސް، އޮންނަނީ ޤާނޫނުގެ ދަލެއްގެ ތެރޭގައިކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

"ޖުޑީޝަރީ ފޯރ ޖޫނިއަރ" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސްނުއްސުއޫދު ވިދާޅުވީ، ކޯޓުތަކާއި ފުލުހުންނާއި، އެފަދަ މުއައްސަސާތައް ނެތްނަމަ، ލޭއޮހޮރުވުން ފަދަ ކަންކަން ގިނަވާނެ ކަމަށެވެ. ނޫން ނަމަ ދެން ވާނެ ގޮތަކީ ވަކި ބަޔަކު ޤަބޫލު ކުރާ ބައެއްގެ ކައިރިއަށް މައްސަލަ ޙައްލު ކުރަން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެގޮތް އޮންނާނީ، ޚިލާފުތައް ޙައްލު ކުރުމަށްޓަކައި އެކަކު އަނެކަކަށް އަތް އިސްކުރުން، ނުވަތަ، އެ މައްސަލައެއް ޙައްލު ކުރުމަށްޓަކައި މީހެއްގެ ގާތަށް ދިއުން، އެ ދެ ޗޮއިސް އޮންނާނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

މިހާރު ޒަމާން ބަދަލުވެ، މައްސަލަތައް ގިނަވެ، އާބާދީވެސް އިތުރުވެފައިވާއިރު، ކުރިން ފަދައިން ވަކި މީހެއްގެ ގާތަށް ގޮސް މުޖުތަމައުގެ މައްސަލަތައް ޙައްލު ކުރުމުގައި މިހާރު ގޮންޖެހުންތައް ހުންނާނެކަން ފާހަގަ ކުރައްވައި ހުސްނުއްސުއޫދު ވިދާޅުވީ، ކޯޓުތައް އެކުލަވާލެވިފައިވަނީ އެ މަޤްސަދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ކޯޓުތަކުން ކުރާ މަސައްކަތާއި، އެ މަސައްކަތްތަކުގެ ފެންވަރަށްވެސް ބޮޑެތި ބަދަލުތަކެއް މިހާރު އައިސްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފަރުދެއްގެ ޙައިސިއްޔަތުން ޤާނޫނަށް ބޯލަނބަން ޖެހޭ ސަބަބުތަކަށްވެސް ސުއޫދުގެ ވާހަަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މީހަކު އުފަންވުމާއި، މަރުވުމާއި ހިސާބަށްވެސް އެމީހަކު ހުންނަނީ "ޤާނޫނީ ދަލެއްެގެ ތެރޭގައި" ކަމަށް ސުއޫދު ވިދާޅުވިއެވެ. އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުން އޭގެ މިސާލެއްގެ ގޮތުގައި ސުއޫދު ފާހަގަ ކުރެއްވިއެވެ.

"މަރު ސާބިތު ކުރަންޖެހޭ، ކޯޓަށް ދާންޖެހޭ، ތަރިކަ ބަހަން ޖެހޭ، އެހެންވީމާ އެމީހާ ވިހެއުމުގެ ކުރިންވެސް ވިހެއުމަށް ފަހުވެސް، މި އޮންނަނީ ޤާނޫނުގެ ދަލެއްގެ ތެރޭގައި"
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ޝަރުއީ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް އެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު އިތުރުކުރުމަށް ކުރިއަށްގެންދިޔަ "ޖުޑީޝަރީ ފޯރ ޖޫނިއަރ" ޕްރޮގްރާމް ނިންމާލާފައިވާއިރު، މި ޕްރޮގްރާމުގައި ޒުވާނުން ޖުޑީޝަލް ދާއިރާއަށް ޝައުގުވެރިވާ މިންވަރު އިތުރުކޮށް، އެ ދާއިރާގެ ތެރެއަށް ވެއްދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއީ ޖޭއެސްސީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ބްރިޓިޝް ހައިކޮމިޝަނުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް