ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 18:04
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް މާމެންދޫގެ އައު އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް މާމެންދޫގެ އައު އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
ގއ. މާމެންދޫ
މާމެންދޫ އައު އިންޖީނުގެއާއި އޮފީސް ހުޅުވައިފި
އައު އިންޖީނުގެ ޑިޒައިންކޮށްފައިވަނީ 6000 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް

ފެނަކަ ކޯޕަރޭޝަނުން ގއ. މާމެންދޫގައި އަލަށް ތަރަައްގީކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހު މާމެންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކައިގެ އައު އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ފެނަކަ ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މާމެންދޫގައި އަލުން އިންޖީނުގެއެއް ހަދާފައިވަނީ އެ ރަށުގައި މީގެ 23 އަހަރު ކުރިން ހަދާފައިވާ އިންޖީނުގެ ބާވެ, އެ އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ. ކުރީގެ އިންޖީނުގޭގައި 89 އަކަމީޓަރު ހުރިއިރު އަލަށް އިމާރާތް ކުރި އިންޖީނު ގޭގައި 206 އަކަމީޓަރު ހުރެއެވެ.

އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް އިމާރާތުގައި މީޓިންގ ރޫމަކާއި މެނޭޖަރުގެ ރޫމައި ރިސެޕްޝަން އަދި ލޮބީ އާއި ޖެނެރަލް އޮފީހާއި ސްޓޯރޫމާއި ޕެންޓްރީ އާއި ޓެކްނިކަލް ސްޓާފް ރޫމުގެ އިތުރުން ފާހާނާ ވަނީ ގާއިމުކޮށްފައެވެ. އަދި އިންޖީނު ގޭގައި ޑެގް ރޫމާއި ކޮންޓްރޯލް ރޫމާއި ވޯކް ޝޮޕްއާއި ޑޭ ޓޭންކާއި ޑީސަލް ޓޭންކް ވަނީ ގާއިމް ކޮށްފައެވެ.

މާމެންދޫގައި މީގެ ކުރިން ކަރަންޓު ދެމުން އައީ 1000 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް މިހާރު 1400 ކިލޯވޮޓުގެ ކެޕޭސިޓީގެ ޖަނަރޭޓަރު ސެޓު ބަހައްޓާފައިވާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އެ ކުންފުނިން ބުނިގޮތުގައި މާމެންދޫގެ އައު އިންޖީނުގެ ޑިޒައިންކޮށްފައިވަނީ 6000 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށެވެ.

ފެނަކައިން އަންނަނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގައި ހުރި ކުރީގެ އިންޖީނުގެތައް ނިއްވާލައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަލަށް އަޅާ މި އިންޖީނުގެތަކަކީ ޒަމާނީ ފެންވަރަށް އަޅާ ތަންތަނަށްވުމުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިއާ އަޅާބަލާއިރު ގިނަ ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން މާމެންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި ހަތަރު މުވައްޒަފުންނަށް މަސައްކަތް ކުރެވޭއިރު އޮފީހުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

އަލަށް ހުޅުވި އިންޖީނުގެއާއެކު ފެނަކައިން ވަނީ އެ ކުންފުނީގެ ސްމަރޓް މީޓަރު ގެ ޚިދުމަތް ވެސް ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. މި ސްމަރޓް މީޓަރަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިޖިޓަލްކޮށް ޚިދުމަތްތައް ފޯރުކޮށްދީ ކަސްޓަމަރުންނާއި ކުންފުންޏަށް ވެސް ލުއިފަސޭހަތައް ހޯދައިދިނުމުގެ ބޭނުމުގައި ތައާރަފު ކޮށްފައިވާ މީޓަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް