ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 16:51
އިންޑިޔާގައި ކޮވިޑް ސާމްޕަލް ނަގަނީ
އިންޑިޔާގައި ކޮވިޑް ސާމްޕަލް ނަގަނީ
ގެޓީ އިމޭޖަސް
އިންޑިޔާގެ ކޮވިޑް
އިންޑިޔާގައި ކޮވިޑް ސަރވެލަންސް ވަރުގަދަކޮށްފި
އިންޑިޔާގައި ކޮވިޑް ޖެހިގެން މިހާތަނަށް 530،000 މީހުން މަރުވެފައިވޭ

އަވަށްޓެރި ޗައިނާގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރު ވެފައިވާތީ އިންޑިޔާއިން އެލަރޓަށް އައިސް, ކޮވިޑް ސަރވެލަންސްގެ ކަންތައް ވަރުގަދަކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ޕޮޒިޓިވްވާ ހުރިހާ ކޭސް ތަކެއްގެ ޖިނޯމް ސީކުއެންސް ޔަގީން ކުރުމަށް މައި ސަރުކާރުން ހުރިހާ ސްޓޭޓްތަކަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުރިޔަށް އޮތް ކްރިސްމަސް އަދި އައު އަހަރުގެ މުނާސަބަތާ ދިމާކޮށް ބަލި ފެތުރުން އިތުވެގެން ނުދާނެކަން ޔަގީން ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސްޓޭޓްތަކަށް ވަނީ އަންގާފައެވެ.

އިންޑިޔާއަށް ކޮވިޑްގެ ވަރަށް ވަރުގަދަ ދެ ރާޅު 2020 އަދި 2021 ގައި އައިސްފައި ވެއެވެ. ނަމަވެސް މިއަހަރު ބަލިޖެހޭ މީހުންގެ އަދަދު އެހާ މަތިވެގެން ނުދާކަމަށް ޚަބަރުތައް ބުނެއެވެ.

ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު ފައްސި ވަނީ ހަފުތާއަކު ބާރަސަތޭކައެއްހާ މީހުންނެވެ. އަދި މިހާތަނަށް 2.2 ބިލިއަން ކޮވިޑް ވެކްސިން ޖަހާފައިވާކަމަށް ސަރުކާރުން ބުނެއެވެ.

މިހާރު އަލަށް ފެށި ޚާއްސަ ފިޔަވަޅުތަކުގެ ދަށުން، ހުރިހާ ސްޓޭޓަކުން ޕޮޒިޓިވްވާ ސާމްޕަލްތައްވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ޚާސަ ލެބްތަކަށް ފޮނުވަމުން ގެންދިއުމަށް ދަނީ އަންގަމުންނެވެ. މިތަންތަނުގައި އިންޑިޔާއިން ފެންނަމުންދާ ކޮވިޑްގެ ތަފާތު ސްޓްރެއިންތައް ދެނެގަނެ، މޮނިޓަރ ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އަނެއްކޮޅުން ޚަބަރުލިބޭގޮތުގައި، ޖެހިގެން އޮތް ޗައިނާގައި ހިފަހައްޓަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލުމާ ގުޅިގެން ޗައިނާގައި އަންނަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުންނެވެ. އަދި ޖަނާޒާގެ ކަންތައް ކުރިއަށްގެންދާ ތަންތަނަށް އޮބި ނޯންނަ ވަރަށް މީހުން މަރުވަމުން ދާކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް ސަރުކާރުން ދަނީ އަދަދުތަކެއް ހާމަކުރަން ދެކޮޅު ހަދަމުންނެވެ.

ޗައިނާ ފިޔަވައި، އެމެރިކާ، ޖަޕާން، ދެކުނު ކޮރެޔާ އަދި ބްރެޒިލްގައިވެސް ކޮވިޑް 19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިޔާގައި ކޮވިޑް ޖެހިގެން މިހާތަނަށް 530،000 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް