ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 12:24
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުގެ ސަޤާފަތެއް އޮންނަ ތަނެއްގައި ޖަވާބުދާރީ ކުރުވުމުގެ ސަޤާފަތެއް ނުއުފެއްދޭނެ: ޕީޖީ
މަޤާމުތަކަށް އައްޔަނުކުރާ މީހުން ޖަވާބުދާރީ ކުރެވޭ ވަރަށް މައުލޫމާތުވެސް ފޯރުކޮށްދެވެން ޖެހޭ
ޕްރޮސެކިއުޝަންގެ ދާއިރާއަކީ ވަރަށް ގިނަ މީހުންގެ ޙަޔާތާ ގުޅުންހުރި ގިނަ ނިންމުންތަކެއް ނިންމަންޖެހޭ ދާއިރާއެއް
ޕީޖީ އޮފީހުގެ ތަސައްވުރަކީ އެ އޮފީހަށް މައުލޫމާތެއް ހޯދަން މީހަކަށް އަންނަން ނުޖެހޭ ވަރު ކުރުން

މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުގެ ސަޤާފަތެއް އޮންނަ ތަނެއްގައި، ޖަވާބުދާރީ ކުރުވުމުގެ ސަޤާފަތެއް ނުއުފެއްދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެފަދައިން ވިދާޅުވީ ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ލޯންޗު ކުރުމާއި، ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމުގެ ޑޭޓާބޭސް، "ލެތުން" އިނގެރޭސި ބަހުން ނެރުމަށް އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝަމީމް ވިދާޅުވީ، ޤާނޫނީ ދާއިރާ، އަދި ވަކިން ޚާއްސަކޮށް ޕްރޮސެކިއުޝަންގެ ދާއިރާއަކީ ވަރަށް ގިނަ މީހުންގެ ޙަޔާތާ ގުޅުންހުރި ގިނަ ނިންމުންތަކެއް ނިންމަންޖެހޭ ދާއިރާއެއް ކަމަށެވެ. އެކަންކަން ކުރާނެ ގޮތް ޤާނޫނުގައި އެބައޮތްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އެކަމާގުޅޭ ހޭލުންތެރިކަން އަދިވެސް އޮތީ އެންމެ ހިތްހަމަޖެހޭ މިންވަރަކަށް ނޫން ކަމަށެވެ.

ޕީޖީ އޮފީހުން އަންގާރަ ދުވަހު އާންމުކުރި ނިއުސްލެޓަރ "އުންސުރު" އަށް އަލިއަޅުވާލައްވާ ޝަމީމް ވިދާޅުވީ، މިއީ އެ ދާއިރާއިން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ރިހާކުރުފުޅިއެއް ވަގަށް ނެގި މައްސަލައިގައި ބޮޑު އަދަބެއް ލިބުނީ ކީއްވެގެންކަން، އަޅުގަނޑުމެން އެބަ ކިޔާދޭން ޖެހޭ، އާންމުންނަށް އެބަ އަންގަދޭން ޖެހޭ، އަދި އެކަންކަމާ މި ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، ހޯދާ ކުރިއެރުންތައް އާންމުންނާ ހިއްސާކޮށް، ތާރީޚަށް ދޫކުރުމަކީ އުންސުރުގެ އެންމެ ބޮޑު ބޭނުން
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އޭގެ އިތުރުން، މަޤާމުތަކަށް އައްޔަނުކުރާ މީހުން ޖަވާބުދާރީ ކުރުވާ ވާހަކަ ދައްކާއިރު، އެކަން ކުރެވޭ ވަރަށް މައުލޫމާތުވެސް ފޯރުކޮށްދެވެން ޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންނަމަވެސް، މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުގެ ސަޤާފަތެއް އޮންނަ ތަނެއްގައި، ޖަވާބުދާރީ ކުރުވުމުގެ ސަޤާފަތެއް ނުހިފެެހެއްޓޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ ތަސައްވުރަކީ އެ އޮފީހަށް މައުލޫމާތެއް ހޯދަން މީހަކަށް އަންނަން ނުޖެހޭ ވަރު ކުރުން ކަމަށެވެ. އޭގެ ބަދަލުގައި އިސްވެ މައުލޫމާތު ހާމަކުރުމަކީ ޕީޖީ އޮފީހުގެ ތަސައްވުރުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޕީޖީ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ، މައިގަނޑު ހުރިހާ މަސައްކަތަކާބެހޭ މަޢުލޫމާތުއާމަހިވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބެލޭނެއެވެ. ޕީޖީ އޮފީހުން ބުނީ މި މައުލޫމާތުތައް ކޮންމެ 6 ގަޑިއިރަކުން އެއްފަހަރު އަދާހަމަ ކުރެވެމުންދާނެ ކަމަށެވެ.

އޭގެ އިތުރުން، އުންސުރުނިއުސްލެޓަރގެ މަޤްސަދަކީ ކުށުގެ ޢަމަލު ހިނގާ ގޮތާއި، ތަންތަނާއި، ވަގުތާއި، ކުށުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތައް ކިޔައިދީ، ހޭލުންތެރިކަން އިތުރުކުރުމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ސުވާލު އުފެދޭ ކަންކަން ސާފުކޮށްދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް