އެޗްޑީސީން ތިލަފުށީގެ ތަރައްގީގެ މާސްޓަރ ޕްލޭންގެ މަސައްކަތް ނިމޭއިރު, ސިނާއީގޮތުން މާލޭގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.
"ރާއްޖެ އެމްވީ"އަށް ދެއްވި ބަސްތީގަތުމެއްގައި، މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވަރަށް ބޮޑު އުންމީދެއްކަން އާތިފް ފާހަގަކުރެއްވިއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ތިލަފުށީގެ ތަރައްގީގެ މާސްޓަރ ޕްލޭން އިފްތިތާހްކޮށްފައިވަނީ، މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު މޯލްޑިވްސް ލިވިންގ އެކްސްޕޯގައެވެ. އެ މަޝްރޫއަކީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި، މި މައްސަލަތަކަށް ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ މަޝްރޫއެކެވެ. މި ޕްލޭން ނެރުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022ގައި މިފަހަރު އެޗްޑީސީގެ ފަރާތުން ތިލަފުށީގެ މާސްޓަރ ޕްލޭން އާންމުންނަށް ވަނީ ދައްކާލާފައެވެ.
އާތިފް ވަނީ މިހާރު ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު ކުރިމަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިންގުމަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވާކަން އާތިފް ފާހަގަކުރެއްވިއެވެ. އަދި އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއަރހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓްތައްވެސް ވަނީ މިހާރު އާއްމުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ކަންކަން ތަކުރާރުނުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމުގެގޮތުން، ޒަމާނީ ވަސީލަތްތަކާއެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީން ބުނީ ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކައި ތަރައްގީކުރުމަށް ނިންމާފައިވަނީ ހުޅުމާލެއާ އެއް ފެންވަރަކަށް ކަމަށެވެ. މިތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަރފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މީގެއިތުރުން، މިކަމަށް ޚާއްސަކޮށް ބިން ހިއްކާއިރު، ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީކުރެވިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.