ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 19:08
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
2023ގެ ރިޔާސީ އިންތިޚާބު
2023ގެ ރިޔާސީ އިންތިޚާބު: "ބަންގްލަދޭޝް، އެމިރޭޓްސް އަދި ތައިލޭންޑުގައި ވެސް 2023ގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް ބެލެވޭ"
ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ ޤައުމެއްގެ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް
ވޯޓުފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ޤައުމުތަކުގައި އެކަނި

2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާއިރު ބަންގްލަދޭޝް، އެމިރޭޓްސް އަދި ތައިލޭންޑުގައި 2023ގައި ވޯޓުފޮށި ބެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން ފުއާދު ވިދާޅުވީ ވޯޓުފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ޤައުމުތަކުގައި އެކަނިކަމަށެވެ. ފޮރިން މިނިސްޓްރީ އާއި އެކު މަޝްވަރާކޮށްގެން ދިވެހިން ގިނައިން އުޅޭ ގައުމުތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ފުއާދު ވިދާޅުވީ ކުރިން ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ލަންކާ، ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. ނަމަވެސް ވޯޓު ފޮށި ބަހައްޓާ ޤައުމުތަކުގެ ޖުމުލަ އަދަދު އެނގޭނީ ރެޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތް އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކާ އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ އެޤައުމެއްގެ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ކަމަށް ވާއިރު ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބެހެއްޓުމާއި މެދު އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީ އާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓީ 200 މީހުން ރެޖިސްޓްރީވުމުންނެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި އެ އަދަދު 150 އަށް ވަނީ މަދުކޮށްފައެވެ. ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން، ރާއްޖޭގެ އެމްބަސީ ހުރި ހުރިހާ ގައުމެއްގައި ވެސް 150 މީހުން ރެޖިސްޓްރީ ވާނަމަ ވޯޓު ފޮށި ބަހައްޓާނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށް، ބަޖެޓުގައި ހިމަނާފައި ވަނީ 90 މިލިއަން ރުފިޔާއެވެ. ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޔާންކޮށްފައި ވަނީ، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންގ އަށް ވެސް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ކޮމިޝަނުން އަންދާޒާކުރެއެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރުމަށް ވެސް ބޮޑު ޚަރަދެއް ހިނގާނެ އެވެ.

އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިފާގޮތުގައި އެ ބަޖެޓުން ބޭއްވޭނީ އިންތިޚާބުގެ އެންމެ ބުރެކެވެ. ދެވަނަ ބުރަކަށް ހިނގައްޖެނަމަ އިތުރު ފައިސާ ބޭނުންވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް