ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 02:38
ކްރޮއޭޝިއާ ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށްފަހު މެސީ
ކްރޮއޭޝިއާ ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށްފަހު މެސީ
ރޮއިޓަސް
ފީފާ ވޯލްޑް ކަޕް 2022
ރެކޯޑަކާއެކު މެސީ، އާޖެންޓީނާ ގޮވައިގެން ފައިނަލަށް
އާޖެންޓީނާ މޮޅުވީ 3-1ން

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކްރޮއޭޝިޔާ ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-0ންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި، އެންމެ ފަހުގެ ރަނަރއަޕް ކްރޮއޭޝިޔާއިން މަސައްކަތްކުރީ ޑިފެންސް ކުރުމަށްފަހު ލިބޭ ފުރުސަތެއްގައި ލަނޑު ޖެހުމަށެވެ. ނަމަވެސް ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ.

ދެވަނަ ހާފުގައި އާޖެންޓީނާގެ ފަހު ލަނޑުވެސް ޖެހީ އަލްވަރޭޒްއެވެ. މިއީ މެސީ ދިން ހިތްގައިމު ޕާހެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 10 ލަނޑު ޖަހާފައިވާ އާޖެންޓީނާގެ ގަބްރިއެލް ބަޓިސްޓޫޓާ އަތުގައެވެ. މީގެ އިތުރުން މި ލަނޑާއެކު މެސީ ވަނީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފަައެވެ. މެސީގެ އިތުރުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭވެސް ވަނީ މިފަހަރުގެ މުބާރާތުގައި ފަސް ލަނޑު ޖަހާފައެވެ.

މިއީ އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ހަވަނަ ފަހަރެވެ. އަދި މެސީ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެ ދެވަނަ ފަހަރެވެ. ފައިނަލުގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޯކޯ ބައްދަލުކުރާ ދެވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ.

- ކޮމެންޓް