ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަޕާނާ ދެކޮޅަށް ނުކުތުމަކީ ކްރޮއޭޝިއާ އިން މާކުރިން ވެސް ދެކެމުން އައި ހުވަފެނެކެވެ. ކޯޗު ލަޓްކޯ ޑަލިކް މުބާރާތުގެ ގުރު ނެގި ހިސާބުން މި ހުވަފެން ކަޅާއި ހުދުން ދެކެމުން އައީ މިކަން ހަގީގަތަކަށްވެއްޖެނަމަ، މިއީ އޭނާގެ ޓީމަށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދާން ލިބޭ ރަނުގެ ފުރުސަތެއްކަމަށް ދެކިގެންނެވެ. ކޯޗު ޑަލިކަށް ވިސްނުނު ގޮތުގައި ޖަޕާނަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި މާ ދުރަށް ދަތުރުކުރާނެ ގައުމެއް ނޫނެވެ. އެމީހުންގެ ފެންވަރާއި ކެރުމެއް ވެސް ނުހުންނާނެއެވެ. އަމުދުން އޭނާ އަށް އެގޮތަށް ވިސްނުނީ ޖަޕާން ހިމެނުނު ގްރޫޕުގައި ސްޕޭނާއި ޖަރުމަނު އޮތުމުން އެ ދެ ގައުމުގެ ތެރެއިން ގައުމަކާ ދެކޮޅަށް ކުޅެން ޖެހިދާނެ ކަމުގެ ބިރުހީވުމުންނެވެ. ނަމަވެސް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ ކްރޮއޭޝިޔާ އަށް ޖަޕާނާ ވާދަކުރަން ޖެހުނުއިރު އެއީ މިހާރު މުބާރާތުގައި އޮތް އެންމެ ގޮތްދޫނުކުރާ ޓީމު ކަމަށެވެ. އެންމެ ޖެހިލުންކުޑަ ޓީމު ކަމަށެވެ. އެންމެ އަވަސް ހަރަކާތްތަކާއެކު ކުއްލި ހަމަލާދޭ ޓީމު ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ވެސް ކްރޮއޭޝިޔާ ޓީމުގައި މާގިނަ އޮޕްޝަންތަކެއް ނެތެވެ. ޓީމުގެ އެތުރުން މާގިނަ ގޮތްތަކަކަށް ބަދަލު ކުރެވޭކަށް ވެސް ނެތެވެ. ޖަޕާނަކީ ނުހަނު ފަސޭހައިން ޓީމުގެ ރޭވުންތެރިކަމާއި ފޯމޭޝަން ބަދަލުކޮށްލާ ޓީމަކަށްވުމުން، ކްރޮއޭޝިޔާ އަށް އޮތީ އެމީހުން މުބާރާތަށް އެންމެ ފުރަތަމަ ވެސް ތައްޔާރުވީ ބީދައިން މިރޭގެ މެޗުގައި ވެސް އަމަލުކުރުމެވެ. އެއީ ތިން ޑިފެންޑަރުންނާއެކު ކުޅުމުގެ ބަދަލުގައި ފަހަތުގައި ހަތަރު މީހުން ބައިތިއްބައިއގެން ކުރީގައި އެންމެ ކުޅުންތެރިއަކު ބަހައްޓައިގެން ޓީމުގެ އިންޖީނު ލޫކާ މޮޑްރިޗަށް ދިނުމެވެ. މި ފޯމޭޝަންގައި މިޑްފީލްޑް އެތުރޭނީ ޑައިމަންޑް ޝޭޕަށެވެ. ކުރިއާއި ފަހަތް ގުޅުވައިދޭނީ ވެސް މޮޑްރިޗްއެވެ.
ހަގީގަތުގައި ވެސް އެންމެ ފަހުގެ ރަނަރ އަޕް ޓީމު މި ފަހަރުގެ މުބާރާތަށް އައީ މާބޮޑު އުއްމީދެއްގައެއް ނޫނެވެ. ކްރޮއޭޝިޔާގެ ފުރަތަމަ ބޭނުމަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުމެވެ. މިއަށްވުރެ ދުރަށް އެގައުމު ދިއުން އޮތީ ނޮކްއައުޓް މެޗުތަކުގައި ޖެހޭ ޓީމެއްގެ ގޮތުން ކަމަށް ހުދު އެމީހުން ވެސް ގަބޫލުކުރެއެވެ. ސަބަބަކީ ކޯޗަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހާސްކަމަކީ އޭނާގެ ކުޅުންތެރިންގެ ޖިސްމާނީ ދުޅެހެޔޮކަން ކަމަށްވާތީއެވެ. ޓީމުގެ ގިނަ ކުޅުންތެރިންނަކީ އުމުރުން ދޮށީ ކުޅުންތެރިންނަށްވުމުން އެމީހުންގެ ފިޓްނަސްއާ މެދު އޭނާގެ ހުރި ކަންބޮޑުވުންތައް ގިނައެވެ. ހާއްސަކޮށް އަވަސް އަވަހަށް މެޗުތައް ކުޅެން ޖެހޭ ދަނޑިވަޅުތަކުގައި ހެދޭނެ ގޮތަކާމެދު މިހާޜު ވެސް އޭނާ ހުރީ ގޮތްހުސްވެފައެވެ،
ޖަޕާނަކީ ކްރޮއޭޝިޔާ އަށް ކުރިން ފަސޭހަ ޓީމަކަށް ވެދާނެ ކަމަށް ހީކުރެވުނަސް އެއީ މުޅީން ކުށްހީއެކެވެ. މިރޭގެ މެޗަށް ނުކުންނައިރު ކޯޗު ލަޓްކޯ ޑަލިކް އެކަން ތަކުރާރުކޮށް ފާހަގަކޮށްފައިވާއިރު މި ދެ ޓީމަކީ ވެސް ވަރަށް އެއްގޮތް ފުޓްބޯޅައެއް ކުޅޭ ދެ ގައުމެވެ. ތިރިން ޕާސްކޮށްގެން އަވަސް ބޯޅަތަކެއް ކުޅެން މަސައްކަތް ކުރާތީވެ މި މެޗަކީ ބަލާލަން ރީތި މެޗަކަށްވާނެއެވެ. ނަމަވެސް ދެ ޓީމުގެ ތަފާތަކީ އުމުރާއި އިސްކޮޅާއި ސްޕީޑްއެވެ. ކްރޮއޭޝިޔާގެ ބައެއް ކުޅުންތެރިންނަކީ ދިގު ކުޅުންތެރިން ކަމުން އެމީހުންގެ ކުރިމަތީގައި ޖަޕާން އިސްކުރާނީ އެމީހުންގެ ސްޕީޑްއެެވެ. މިކަމާހެދި މެޗު ހިނގަމުންދާ ވަރަކަށް ކްރޮއޭޝިޔާ އަށް މޮޅުވާން ދަތިވާނެ ކަމަށް ދެކޭ މީހުން ގަބޫލުކުރަނީ މިރޭ އެމީހުންނަށް މަގު އަމާން ކުރެވޭނީ އަވަހަށް ގޯލެއް ޖަހައިގެން އެކަނި ކަމަށެވެ. މިނޫން ގޮތަކަށް މެޗުގެ އޮއިވަރު އެނބުރިއްޖެނަމަ ހާއްސަކޮށް ޖަޕާނަށް މެޗު ލީޑް ލިބިއްޖެނަމަ އެއީ ހެދޭ އެންމެ ބޮޑު ގޯސްކަމަށް ކްރޮއޭޝިޔާ ކޯޗު ވެސް ހުރީ ގަބޫލުކޮށްގެންނެވެ.