ސެނެގާލްއާ ދެކޮޅަށް ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދުމަށް އިނގިރޭސިން މިރޭ ކުޅޭ މެޗަކީ އެތައް ގޮތަކުން ފޯރިގަދަވާނެ މެޗެކެވެ. މޮޅުވެއްޖެނަމަ އިނގިރޭސި ނޫސްވެރިންނަށް އެމީހުން ވަރެއް ނޯންނާނެއެވެ. ބަލިވެއްޖެނަމަ ކޯޗު ގެރެތު ސައުތުގޭޓް ފަދަ ނުބައި ނުލަފާ މީހެއް ނުހުންނާނެކަމީވެސް ޔަގީން ކަމެކެވެ. އޭނާ ވަނީވެސް ރޯނު އެދުރަކަށެވެ. މިއީ އިނގިރޭސި މީޑިއާއިން އަބަދުވެސް ކަންތައްކުރާ ގޮތެވެ.
މިރޭގެ މެޗަށް ނުކުންނައިރު ކޯޗު ޓީމު ނަގާ ގޮތާމެދު އިނގިރޭސި ނޫސްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަނެއްކޮޅުން މީޑިއާގެ ޕްރެޝަރާވެސް ހެދި ޓީމުގެ ފުރަތަމަ 11ން ޖާގަ ދޭ ވަރަކަށް ބައެއް ކުޅުންތެރިން އަންނަނީ މޮޅަށް ކުޅެމުންނެވެ. މީގެ ތެރޭގައި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެންއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަކީ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ. ސިޓީގެ ޖެކް ގްރީލިޝްވެސް ވަނީ ފުރުސަތު ދޭވަރަކުން އޭނާގެ މުހިންމުކަން ސާބިތުކޮށްދެމުންނެވެ. ލިވަރޕޫލްގެ ޓްރެންޓް އެލެގްޒެންޑާ އާނޮލްޑަށް ޖާގަ ނުދޭތީވެ ނޫސްވެރިން ދަނީ ތަކުރާރުކޮށް ސުވާލު ކުރަމުންނެވެ. މިހެންވެ ކޯޗު ހުރީ މިހާރުވެސް ހޫނުފެނުގައެވެ. އޭނާ ކޮންމެ ގޮތަކަށް ޓީމު ނެގިޔަސް އެކަމާމެދު ނޫސްވެރިން ފާޑުނުކިޔާނެ އެއްގޮތެއްވެސް މިހާރު ނެތެވެ.
އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ޑިފެންޑަރު ހެރީ މެގުއާއަކީ ޓީމުގައި ކުޅެން ޖެހޭހާ މޮޅު ކުޅުންތެރިއެއް ނޫނެވެ. އެމީހުން މިހެން ބުނަނީ މެންޗެސްޓަރ ޔުނައިޓެޑްގައި މެގުއާ ހެދި ގޯސްތަކަށް ބަލާފައެވެ. މިހެންވެ ގިނަ ބަޔަކު ބުނީ މެގުއާ ގައުމީ ޓީމުން ޖާގަ ދެނީ ސައުތުގޭޓްގެ މާ ގާތް ކުޅުންތެރިއަކަށްވާތީ ކަމަށެެވެ. ނަމަވެސް މިހާތަނަށް ވޯލްޑް ކަޕުގައި ކުޅުނު ތިން މެޗަށް ބަލާއިރު އިނގިރޭސި ޓީމުން އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއަކީވެސް މެގުއާއެވެ.
މިރޭ ސެނެގާލްއާ ދެކޮޅަށް އިނގިރޭސިން ނުކުންނައިރު އިދިކޮޅު ޓީމަކީ އިނގިރޭސި ކުޅުންތެރިންނާއި އިނގިރޭސި ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ ޓީމެކެވެ. ޕްރިމިއަރ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ސެނެގާލްގައި އެބަތިއްބެވެ. މީގެތެރެއިން ކީޕަރު މެންޑީއާއި ހާލިދޫ ކުލިބާލޭ އިސްވެ ބަލަހައްޓަމުން އަންނަ ފަހަތް ފޫ އަޅުވާލުމަށް ސައުތު ގޭޓަށް ލަފާ އަހަން ޖެހިފައިވަނީ މި ދެ މީހުންނާއެކު ޗެލްސީއަށް ކުޅޭ އިނގިރޭސި ކުޅުންތެރިންގެ ގާތުންނެވެ.
ކޯޗު އެންމެ ކަންބޮޑުވަނީ ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ، އިނގިރޭސި ކުޅުންތެރިންގެ ވިސްނުމާއި ވައްޓަފާޅިއާއި އެމީހުންގެ ޕްރެޝަރ ކީޕަރު މެންޑީއަށް ރަނގަޅަށް އެނގޭނެތީއެވެ. މިހެންވެ 90 މިނިޓް ތެރޭގައި މެޗު ނިންމާލުމަކީ އޭނާގެ އެއް އަމާޒެވެ. މިކަމަށް އޮތް ހުރަހަކީ ކެޕްޓަން ހެރީކޭން ގޯލު ޖަހާ ބޫޓަށް ނާރާތީއެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާއަކީ ކޭން ކަމުގައި ވިޔަސް އޭނާ ރަޝިޔާ ވޯލްޑް ކަޕް ނިންމާލީ ގްރޫޕް ސްޓޭޖުގައި ޖެހި ގޯލުތަކާއެކު އެކަންޏެވެ. މިހެންވެ މިފަހަރު އެކަން އެހެންވިޔަ ނުދިނުމަށް ކޭން ގަދައަޅައި މަސައްކަތް ކުރިނަމަވެސް އޭނާއަށްވުރެ ގޯލް ކުރިމަތީގައި ތޫނުފިލިކަން ދައްކަމުންދަނީ އިނގިރޭސި އެހެން ކުޅުންތެރިންނެވެ.
ޗެލްސީގެ ރަހީމް ސްޓަރލިންގެ ފަރާތުން މި ފަހަރު ގޯލުތަކެއް ފެނިގެން ނުދާތީ މާޔޫސްވަމުންދާ ސަޕޯޓަރުންގެ ހިތްތަކަށް ފިނިކަމެއް ގެނެސްދޭން އޭނާވެސް މިހާރު ހުރީ ކުރިއަށްވުރެ ގަދަ އަޒުމެއްގައެވެ.