Advertisement
ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 14:32
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
ޓެކްސް ބޮޑުކުރުން
ޓެކްސް ބޮޑު ކުރީ ކުއްލިޔަކަށް ނޫން، އިމްޕެކްޓް އެސެސްމަންޓްތަކަކަށްފަހު: މިއުވާން
ރާއްޖޭގެ ފަތުރުވެރިކަމަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެ

ސަރުކާރުން ޓެކްސް ބޮޑުކުރީ ކުއްލިޔަކަށް ނޫން ކަމަށާއި ޓެކްސް ބޮޑުކުރީ އިމްޕެކްޓް އެސެސްމަންޓްތަކަކަށްފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ ދަށްވާނެ ކަމަށް ބުނެ ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ވަނީ ބަޔާނެއް ނެރެފައެވެ.

Advertisement

ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން ލިބެން އޮތް އާމްދަނީގެ ތެރެއިން އެކަނިވެސް 50 މިލިއަން ޑޮލަރު މަދުވާނެ ކަމަށާއި ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން އަލުން މުރާޖައާކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑުކޮށްފައިވަނީ އިމްޕެކްޓް އެސްސްމަންޓްތަކެއް ހެދުމަށްފަހު ކަމަށެވެ. އަދި ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ ވެސް ދިރާސާކޮށްފައިވާ ކަމަށެވެ.

ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެ. ޓެކްސް ރޭޓަށް ބަދަލު ގެންނަން ޖެހޭކަން އައިއެމްއެފްގެ ރިޕޯޓުން ވެސް އެނގެން އެބައޮތް. ފިޔަވަޅުތައް އަޅަނީ އިޤްތިސާދު މެނޭޖްކުރަން
މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ފަތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އޭރު ދިން އެއްބާރުލުން، މި ދަނޑިވަޅުގައި ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ވެސް ބޭނުންވާ ކަމަށެވެ. އަދި އެ އެއްބާރުލުން ހުރިހާ ފަރާތްތަކުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މިއުވާން ވިދާޅުވީ ދައުލަތުގެ ރިޒަރވް ރަނގަޅުކުރުމަށް މިވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކޮށް ބޭރު ފައިސާގެ ރިޒަރވް ރަނގަޅުވެގެން ދިއުން ކަމަށެވެ. މި ދަނޑިވަޅުގައި ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމަކީ ރިޒަރވްއަށް ވެސް އޭގެ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށާއި، އަންނަ އަހަރު އެ ބަދަލުތައް ފެނިގެންދާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ޖީއެސްޓިއަށް ގެނެވޭ ބަދަލާއެކު އިންފްލޭޝަން 5.5 އިންސައްތައިގައި ހުންނަ އިރު އަވަށްޓެރި އެހެނިހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ދަށް ކަމަށެވެ.

ޓެކްސް އަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް