ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 12:42
ކްރޮއޭޝިއާ ޓީމު ޓްރެއިނިންގައި
ކްރޮއޭޝިއާ ޓީމު ޓްރެއިނިންގައި
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ބެލްޖިއަމް ހުއްޓުވަން ކްރޮއޭޝިއާ އިން ނުކުންނާނީ މޮޅު "ފަންޑިތަ"އަކާ އެކު
ދެ ޓީމުގެ ތެރެއިން މެޗު އެއްވަރުކޮށްގެން ކުރި ލިބެން އޮތީ ކްރޮއޭޝިއާ އަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅޭއިރު ކްރޮއޭޝިއާ އިން ވަރަށް ގިނަ ކަންކަމަށް ފާރަވެރިވާނެއެވެ. ބެލްޖިއަމަކީ ވަރަށް ހަލުވި، އަދި މޮޅު ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނޭ ޓީމަކަށްވުމާއެކު، އެމީހުން އޮބަހެއްޓޭނެ ހުރިހާ ފަންޑިތައެއް ކްރޮއޭޝިޔާއިން ހަދާނެއެވެ. އެއީ ފަހަތުގައި ކޭމްޕް ޖަހައިގެން ތިބެގެން ކުރަންޖެހޭ ކަމަކަށްވާނަމަ، އެކަން ކުރަން ވެސް ކްރޮއޭޝިއާ އޮތީ ތައްޔާރަށެވެ. ސަބަބަކީ މެޗުން ބަލިވެއްޖެނަމަ ކްރޮއޭޝިޔާ އަށް ވެސް މުބާރާތާ އަލްވަދާއު ކިޔަންޖެހޭނެތީއެވެ. ދެ ޓީމުގެ ތެރެއިން މެޗު ޑްރޯކޮށްގެން ކުރި ލިބެން އޮތީ ކްރޮއޭޝިއާ އަށެވެ.

މި މެޗުގެ ކުރިން ބެލްޖިއަމް ޓީމުތެރޭގައި ބޮޑު ހައިޖާނުގަނޑެއް އުފެދިފައިވާ ވާހަކަ އާއި ކުޅުންތެރިން އެކަކު އަނެއްކަކަށް މޫނު ދިމާނުވާ ވާހަކަ ބެލްޖިއަމްގެ ނޫސްވެރިން ދަނީ ފަތުރަމުންނެވެ. ނަމަވެސް ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިކް ބުނީ ކްރޮއޭޝިޔާ މީހުންނަކީ މޮޔައިން ނޫން ކަމަށާއި، މިފަދަ ވާހަކަތަށް އޭނާ ގަބޫލުނުކުރާނެ ކަމަށެވެ. އަދި މިއީ އޭނާގެ ޓީމުގެ ފޯކަސް ގެއްލުވާލަން ބަޔަކު ފަތުރަމުންދާ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށް ޑަލިކް ވަނީ ބުނެފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ކްރޮއޭޝިއާގެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނަ އަޅައިދިއުމެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލް ކުޅުނު ނަމަވެސް ކްރޮއޭޝިއާގެ އުއްމީދުތައް މައްޗެއް ނޫނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ފެނުނު ޓީމަށްވުރެ، ކުޅުންތެރިން ވެސް މިހާރު ދޮށިވެފައިވާތީވެ ކްރޮއޭޝިއާގެ ކިބައިގައި ކުރީގެ ފަންވަރެއް ނެތެވެ. މިހެންވެ މެޗަކަށް ފަހު މެޗަކަށް ވިސްނުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އެމީހުން ދެކެއެވެ.

ދެ ވަނަ ބުރަށް ދަތުރުކުރި ނަމަވެސް ކޯޗު ގަބޫލުކުރާ ގޮތުގައި އެއަށްވުރެ ދުރަށް އޭނާގެ ޓީމަށް ދަތުރުކުރެވޭނީ ދެ ގޮތަކުންނެވެ. އެއީ ބައްދަލުކުރަންޖެހޭ ޓީމެއްގެ ގޮތުންނާއި، ނަސީބު އެހީވާ ގޮތަކުންނެވެ. މިހެންވެ ގިނަ ބަޔަކު ދެކޭ ގޮތުގައި ބެލްޖިއަމް ޓީމަކީ ކްރޮއޭޝިއާ އަށްވުރެ ހާސްބައި މޮޅު ޓީމަކަށްވާތީވެ، މިރޭގެ މެޗަކީ މިހާތަނަށް މި މުބާރާތުގައި ޑަލިކްގެ ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާނެެވެ.

ތިން ޑިފެންޑަރުންނާއެކު ކުޅެން މި އަހަރުގެ ކުރީކޮޅު ކްރޮއޭޝިއާ އިން ފެށި ނަމަވެސް، ފަހުން ކޯޗު ޑަލިކް ވަނީ ވިސްނުން ބަދަލުކޮށް އަނެއްކާވެސް 4-2-3-1 (ފޯ، ޓޫ، ތްރީ، ވަން) ފޯމޭޝަނަށް އެނބުރިގެންފައެވެ. މި ފޯމޭޝަންގައި މިޑްފީލްޑް އެތުރޭނީ ޑައިމަންޑް ޝޭޕަށެވެ. ކުރީގައި ހުންނާނީ އެންމެ ކުޅުންތެރިއެކެވެ. އެކަމަކު އިދިކޮޅު ޓީމުގެ ގޮތުން ކުރީގައި ތިބޭ ކުޅުންތެރިންގެ އަދަދަށް ކޯޗު ބަދަލުގެނެއެވެ. އެއީ 4-4-2 (ފޯ، ފޯ، ޓޫ) ފޯމޭޝަނަށް ބަދަލުކޮށްގެންނެވެ.

ކްރޮއޭޝިއާ ޓީމުން ކެޕްޓަން ލޫކާ މޮޑްރިޑް ދެކޭ ގޮތުގައި މިރޭގެ މެޗަކީ އެހެން ހުރިހާ މެޗަކަށްވުރެ ބޮޑަށް ކުޅުންތެރިން ވިސްނުން ބޭނުންކޮށްގެން ކުޅެން ޖެހޭ މެޗެކެވެ. އޭނާ ބުނީ ހުނަރުގެ ގޮތުން ދެ ޓީމު ވަރަށް ތަފާތު ކަމަށާއި، ބެލްޖިއަމް ޓީމުގައި ވަރަށް ތަފާތު ސްޓައިލްތަކުގެ ކުޅުންތެރިން ތިބުމަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. މިހެންވެ ޓީމެއްގެ ގޮތުގައި ކްރޮއޭޝިއާ އިން މެޗުގެ އެއްވެސް ވަގުތެއްގައި ކޮންސަންޓްރޭޝަން ގެއްލުވާނުލުމަކީ މި މެޗުގެ ކާމިޔާބު ކުރަން ވަރަށް ބޮޑަށް އެހީވެދޭނެ އުކުޅެއް ކަމަށް އޭނާ ބުނެފައިވެއެވެ.

- ކޮމެންޓް