ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 07:03
ޗައިނާގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން
ޗައިނާގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން
ރޮއިޓާސް
ޗައިނާގައި ކުރިއަށްދާ މުޒާހަރާ
ރައީސްގެ އިސްތިއުފާއަށް ގޮވާލައި، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގެ ރައްޔިތުން މުޒާހަރާ ކުރަނީ
މިއީ އެ ޤައުމުގައި ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކެއް

ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި މި ހަފްތާ ބަންދުން ފެށިގެން މުޒާހަރާތައް ފަށާފައިވާއިރު މީގެ ތެރޭގައި ޔުނިވަރސިޓީތައް ވެސް ހިމެނެއެވެ. މުޒާހަރާ ކުރާ ރައްޔިތުން ދަނީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ އިސްތުފާއަށް ގޮވާލަމުންނެވެ.

މި މުޒާހަރާތައް ފަށައިފައިވަނީ ޗައިނާގެ ސަރުކާރުން ގެންގުޅޭ "ޒީރޯ ކޮވިޑް" ޕޮލިސީއާ ގުޅިގެންނެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު އެ ޤައުމުގެ ޝިންޖިއަންގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެ 9 މީހަކު ޒަހަމްވިއިރު އެތަނަށް ފަޔަރ ފައިޓަރުންނަށް ދިއުމުގައި ލަސްތަކެއް ދިމާވީ މި ޕޮލިސީގެ ސަބަބުން ކަމަށް ވަނީ ލަފާކޮށްފައެވެ. އެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ 100 ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި ބާއްވާފައިވާއިރު އެއްވި ފަރާތްތަކުން ވަނީ މިނިވަންކަމާއި ޑިމޮކްރަސީ ގާއިމްކުރުމަށް ގޮވާލައިފައެވެ.

މި މުޒާހަރާތައް ހުއްޓުވަން ޗައިނާގެ ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ގިނަ ބަޔަކު ވަނީ އާދީއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ. އެ މީހުން ދޫކޮށްލުމަށް ގޮވާލައި ވެސް އެ ޤައުމުގެ ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާ ކުރާ ފަރާތްތަކުން ޚިޔާލު ފާޅު ކުރަމުން ދަނީ ހުދު، ހުސް ކަރުދާސް ބޭނުންކޮށްގެންނެވެ. މިއީ ހައްޔަރުވުމުން ސަލާމަތްވުމަށް ބޭނުން ކުރާ އުކުޅެކެވެ. މޮސްކޯގައި ވެސް ދާދިފަހުން ކުރި މުޒާހަރާތަކެއްގައި މި އުކުޅު ވަނީ ބޭނުންކޮށްފައެވެ.

ޗައިނާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުކުރެވި މިހާރު ވަނީ ތިން އަހަރުވެފައެވެ. މީގެ ސަބަބުން އެ ޤައުމުގެ ސަރުކާރުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅައި ސަރަހައްދުތައް ލޮކްޑައުން ކުރަމުންނެވެ. މީގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ދަތިތަކާ ދިމާވާ ކަމަށް ދަނީ ބުނަމުންނެވެ.

- ކޮމެންޓް