ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 13:10
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
ޑީއެންއާރުގެ މަސައްކަތްތައް
ޑީއެންއާރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައިވާގޮތުން، މި މަގާމުގެ މުސާރައަކީ 17،390 ރުފިޔާއެވެ. އެއީ ސިވިލް ސަރވިސް އެލަވަންސާއި، ސަޕޯޓިންގ ކޯ އެލަވަންސް ހިމެނޭހެންނެވެ. މީގެ އިތުރުން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން، ބޭސްފަރުވާގެ ޚިދުމަތާއި، ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޓް، އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި ލިބޭ ފައިސާވެސް އެ މަގާމު އަދާކުރާ ފަރާތަކަށް ލިބޭނެއެވެ.

ޑީއެންއާރުގެ ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ކާޑު ހެއްދުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެ ދާއިރާގައި މަސައްކަތްކުރާ މީހުންގައި ހުންނަން ޖެހޭ ހުނަރުތައް ދެނެގަނެ އެކަންކަން އެ މީހުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ޑީއެންއާރުގެ ކަންކަން ހިނގަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، އެ ޑިޕާޓްމަންޓުގެ މެންޑޭޓާ ގުޅިގެން ތައްޔާރުކުރުމަށް ބޭނުންވާ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި، އެކްޝަން ޕްލޭން ހެދުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުންވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން މަގާމުގެ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުމާއި، މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުންވެސް، ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މަގާމުގެ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޑީއެންއާރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ސިވިލް ސަރވިސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުމާއި، ޕްރެޒެންޓޭޝަން އަދި އިމްތިހާނު ބޭއްވުން އޮންނާނީ އަންނަ މަހުގެ 6އާ 29އާ ދެމެދު ކަމަށް ސިިވިލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް