ދެކުނު ކޮރެޔާ އަކީ އޭޝިޔާގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. ކުޅުންތެރިންނާއި ވަސީލަތުގެ ގޮތުން ބެލި ނަމަވެސް އެމީހުންނަކީ އޭޝިޔާގެ ފުޓްބޯޅައިގައި އެންމެ ނަގާކިޔާ އެއް ޓީމެވެ. ހާއްސަކޮށް ކޮރެޔާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ފަހު ކޮރެޔާގެ ވިދުން އަންނަނީ ގަދަވަމުންނެވެ. އެކަމަކު ވޯލްޑްކަޕުގައި އަމިއްލަ ގައުމުގައި ހަތަރު ވަނަ ހޯދި ފަހުން އެމީހުންނަށް ގަދަ ހަތަރަކާ ކައިރިއަށް ވެސް ދެވިފައިނެތެވެ. މިހެންވެ ކޮރެޔާ އަކީ ފެންވަރު ސާބިތުކުރަންޖެހިފައިވާ ޓީމެކެވެ.
މި ފަހަރުގެ ވޯލްޑްކަޕަށް ނުކުންނައިރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސޮން ހޮންގް މިން ވަނީ މި މެޗުގައި އުރުގުއޭއާ ދެކޮޅަށް ކުޅެން ފިޓްވެފައެވެ. އެކަމަކު ވާތު ލޮލުގެ އޮޕަރޭޝަނަށްފަހު އޭނާ މި މެޗުގައި ކުޅޭއިރު މޫނުގައި މާސްކެއް ބޭނުންކުރަން ޑޮކްޓަރު ވަނީ ލަފާދީފައެވެ. މެޗުގެ ފުރަތަމަ 11 ގައި އޭނާ ހިމަނާނެ ކަމުގެ ޔަގީންކަން ކޯޗު ޕައުލޯ ބެންޓޯ ވަނީ ކަށަވަރުކޮށްދީފައެވެ. ސޮން އަކީ ކޮރެޔާ ޓީމުގެ މައި ތަނބެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 104 މެޗުން 35 ގޯލު ޖަހާދީފައެވެ. މިވަރުގެ ފޯވަޑަކު ކިރިޔާ ވެސް ބޭނުން ކުރެވެން އޮއްވައި ދޫކޮށްލަން ކޯޗު ބޭނުމެއްނުވެއެވެ.
ބެންޓޯ ވަނީ މިދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ގިނަ ފޯމޭޝަންތަކަށް ކުޅުވައިފައެވެ. އެއީ ކުރިއަށް ކުޅުވާނީ ކިތައް ކުޅުންތެރިންކަން ކަނޑައަޅަން ދަތިވެގެންނެވެ. އޭނާ އަކީ ފަހަތާއި މެދުތެރެ ބައިވެރިވެގެން އެޓޭކް ފަށަން ބޭނުންވާ ކޯޗެކެވެ. މިހެންވެ އޭނާއާ މެދު ޝައްކުކުރާ މީހުން ބުނަނީ ކޮރެޔާގެ ޒަމާންވީ އާދަކާދަ ނައްތާލާފައިވާ ކަމަށެވެ. އެއީ ކޮރެޔާގެ ފޯވަޑުންގެ ސްޕީޑާއި ވަރުގަދަކަން ބޭނުންނުކުރާ ކަމަށްބުނެއެވެ. އާއްމުކޮށް މިފަހުން އޭނާ ކުޅުވަނީ 4-2-3-1 އަށެވެ.
މި މެޗަށް ނުކުންނައިރު ކޮރެޔާ ޓީމުގައި ނުތަނަވަސްކަން އުފެދިފައި އޮތީ ވެސް ސޮންގެ ސަބަބުންނެވެ. އެނާ އަށް ގައުމީ ޓީމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭތީވެ އެކަމާ މައްސަލަ ޖެއްސިއެވެ. ސޮން ޖައްސާ މައްސަލައަކީ ގައުމީ ޓީމުގައި އޭނާ އަށް ހާއްސަކަމެއް ނެތުމެވެ. މީގެ އިތުރުން ޓީމުގެ ޑިފެންޑަރުން މުޅިން ފިޓްނުވުމުގެ މައްސަލަ ވެސް ބޮޑެވެ. މިހެންވެ ކޮރެޔާއިން ގަތަރުގައި ކުރާނީ ކޮންކަމެއްތޯ ބަލަން އިންތިޒާރުކުރަން ޖެހޭނެއެވެ.