ދެކުނު ކޮރެއާ ގެ ފަސްޓް ލޭޑީ ގެ މައްޗަށް ކަރަޕްޝަނާއި, މަކަރު ހީލަތް ހެދުމާއި، ފިރިކަލުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުން ފަދަ އެތައް ތުހުމަތު ތަކެއް އައީ ކުރެވެމުންނެވެ. އެންމެ ފަހުން އޭނާގެ ފިރިކަލުން – ދެކުނު ކޮރެއާ ގެ ރައިސް ޔޫން ސުކް-ޔޯލް ގެ ސިޔާސީ ހަޔާތް ކަފުން ވަމުން ދާއިރު އެކަމުގެ ޒިންމާ އެންމެ ބޮޑަށް ނަގަން ޖެހޭ އެއް ފަރާތަކީ އޭނާގެ އަނބިކަނބަލުން މެޑަމް ފަސްޓްލޭޑީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ދާދި ފަހުން ދެކުނު ކޮރެއާ ގެ ރައީސް ޔޫން ސުކް-ޔޯލްގެ ނެރެއްވި މާޝަލް ލޯ އަމުރު ނާކާމިޔާބުވުމާ އެކު ދެކުނު ކޮރެއާ ގެ ސޯޝަލް މީޑިއާ ގައި ވައިރަލް ވެގެން ދިޔައީ އެކަމަށް ހަޖޫޖަހާ މަލާމާތްކޮށް ހަދާފައިވާ އެކި ޒާތްޒާތުގެ މީމް ތަކެވެ. އެ ތަކެތީގައި ގިނަ މީހުން ބުނަނީ ރައީސް މާޝަލް ލޯ އިއުލާން ކުރެއްވީ ފަސްޓް ލޭޑީ، ކިމް ކެއޮން-ހީ ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.
ޑިސެމްބަރ 12 ވަނަ ދުވަހު ސައުތު ޗައިނާ މޯނިންގ ޕޯސްޓް ގައި ލިޔެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ދެކުނު ކޮރެއާ ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވި މީމްތަކުގެ ތެރެއިން އެއް މީމް ގައި ލިޔެފައިވަނީ ޔޫން، މާޝަލް ލޯ އިއުލާނު ކުރެއްވީ އޭނާ އެންމެ ލޯބިވާ އަނބިކަނބަލުންނަށް ޓަކައި ކަމަށެވެ.
އުމުރުން 52 އަހަރުގެ ކޮރެއާ ގެ ފަސްޓް ލޭޑީ އާ މެދު ކުރެވޭ ކަރަޕްޝަން ގެ ތުމަތުތައް ތަހުގީގު ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ގޮވާލަމުންނެވެ. އެހެން ނަމަވެސް ރައީސް ގެންދަވަނީ އެކަމަށް ތަކުރާރު ކޮށް ހުރަސް އަޅުއްވަމުންނެވެ.
ދެކުނު ކޮރެއާ ގައި އޭޕްރީލް މަހުގެ އޮތް ޕާލިމަންޓަރީ އިންތިޚާބުގައި، ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާ (ޑީޕީކޭ) ހިމެނޭ އިދިކޮޅު ޕާޓީތަކުން ޔޫންގެ ޕީޕަލްސް ޕަވަރ ޕާޓީ (ޕީޕީޕީ) ބަލިކޮށް ނެޝަނަލް އެސެމްބްލީގެ ކޮންޓްރޯލް ހޯދިއެވެ. އޭގެ ފަހުން، އިދިކޮޅު ފަރާތްތަކުން ވަނީ ފަސްޓް ލޭޑީ އާ މެދު ކުރެވޭ ތުހުމަތުތައް ތަޙުޤީޤު ކުރުމަށް ޚާއްޞަ ޕްރޮސެކިއުޓަރެއް އައްޔަންކުރުމަށް ތިން ބިލެއް ފާސްކޮށްފައެވެ. އެހެން ނަމަވެސް އެއިން ކޮންމެ ބިލެއް ރައީސް ޔޫން ވަނީ ވީޓޯ ކުރައްވާފައެވެ.
މާޝަލް ލޯ އިއުލާން ކުރެއްވި މައްސަލައިގައި އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ރައީސް ޔޫން، ޑިސެމްބަރ 3 ވަނަ ދުވަހު އެ ގާނޫން ތަންފީޒު ކުރައްވަން ނިންމެވި ސަބަބު އަދިވެސް ސާފެއް ނޫނެވެ. ނަމަވެސް އޭނާގެ ސަރުކާރުގެ ތެރޭގައި ހިމެނޭ ފާޑު ކިޔާ ބައެއް ފަރާތްތަކާއި އިދިކޮޅު ލީޑަރުން ބުނެފައިވަނީ އެއީ އޭނާގެ އަނބިކަނބަލުންނަށް ޓަކައި ކުރެއްވި ކަމެއް ކަމުގައެވެ.
އިދިކޮޅު ފަރާތްތަކުން ފަސްޓް ލޭޑީ ސިފަ ކުރަމުން ބުނެފައިވަނީ އެނާ އަކީ "ޔޫންގެ ސިކުނޑީގެ ވެރިޔާ،" ކަމަށެވެ.
ޑިސެމްބަރ 14 ވަނަ ދުވަހު، ނެޝަނަލް އެސެމްބްލީން ޔޫން އިމްޕީޗްކުރުމަށް ފާސް ކުރިއެވެ. އަދި އެއާއެކު އެނާ ވަނީ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރެވިފައިވެއެވެ. ދެކުނު ކޮރެއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ޔޫންގެ އިމްޕީޗްމަންޓް މުރާޖަޢާ ކުރަންދެން، ބޮޑުވަޒީރު ހާން ޑަކް-ސޫ ވަނީ ދެކުނު ކޮރެއާގެ ވަގުތީ ރައީސްގެ ގޮތުގައި މިހާރު ވަނީ އައްޔަންކުރެވިފައެވެ.
ފަސްޓް ލޭޑީ - ކިމް ކެއޮން-ހީ އަކީ ކާކު؟
ދެކުނު ކޮރެއާގެ ފަސްޓްލޭޑީ އުފަންވީ 1972 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެ ގައުމުގެ ގިޔޮންގީ ޕްރޮވިންސްގައި ކިމް މިޔޮންގ-ސިން ގެ ނަމުގައެވެ. އެހެން ނަމަވެސް އެނަން ކަމު ނުގޮސްގެން 2008 ގައި ކިމް ކެއޮން-ހީ އަށް ނަން ބަދަލު ކުރިއެވެ.
ކިމް ވަނީ ކިޔޮންގީ ޔުނިވަރސިޓީން އާޓްސް ޑިގްރީއެއް ހާސިލު ކުރައްވާފައެވެ. އޭގެ ފަހުން 2012 ގައި ޔޫން އާ ކައިވެނި ކުރެއްވުމުގެ ކުރިން 2009 ގައި ކޮވާނާ ކޮންޓެންޓްސް ނަމަކަށް ކިޔާ އާޓް އެގްޒިބިޝަން ކުންފުންޏެއް އޭނާ އުފެއްދެވިއެވެ.
މި ކައިވެންޏަށް ބޭފުޅަކު ލިބިފައެއް ނުވެއެވެ. ލޯކަލް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ފަސްޓް ލޭޑީ އަކީ ޖަނަވާރަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެހެން ކަމުން މި ދެބޭފުޅުން ގާތްގަނޑަކަށް 6 ކުއްތާ އާއި 5 ބުޅާ ގެންގުޅުއްވައެވެ.
ކިމް އަކީ ޖަނަވާރުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވާ ފަރާތެކެވެ. އަދި އޭނާގެ ފިރިކަލުންގެ ރައީސްކަމުގެ ދައުރު ނިމުމުގެ ކުރިން ޤައުމުގައި ކުއްތާ މަސް ކެއުން މަނާ ކުރައްވާނެ ކަމަށް ފަސްޓް ލޭޑީ ވަނީ ވައުދުވެވަޑައިގެންފައެވެ.
ފަސްޓް ލޭޑީ އަކީ ފެޝަނަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ބޭރުގެ ކޮންފަރެންސް ތަކާއި ސަމިޓްތަކަށް ވަޑައިގަންނަވާ އިރު ތުރުކުރައްވާ ހެދުން ކޮޅުތަކުގެ ސަބަބުން ފެޝަނަށް ލޯބި ކުރާ ފަރާތްތަކުގެ ތައުރީފް އެކަމަނާ އަށް ހުންނަނީ އޮހިއޮހި އެވެ.
2022 ވަނަ އަހަރު ސްޕެއިންގައި ބޭއްވުނު ނޭޓޯ ސަމިޓްގައި އެކަމަނާ ތުރުކުރެއްވި ހެދުންކޮޅު ތަކުގެ ސަބަބުން ދެކުނު ކޮރެއާ ގެ ނޫސްތަކުގައި އެކަމަނާ އަކީ "ފެޝަނިސްޓާ" ކަމަށް ލިޔެފައިވެއެވެ.
ކިމް ކެއޮން-ހީ ގެ މައްޗަށް ކުރެވޭ ތުހުމަތުތައް
އޭނާ ތުރުކުރައްވާ ޒަމާނީ ހެދުންކޮޅުތަކަށާއި، ކުރައްވާ އާޓް ވިޔަފާރިއަށާއި، އަދި ޖަނަވާރުންގެ ޙައްޤުތަކަށް ކުރައްވާ މަސައްކަތަށްވުރެ ބޮޑަށް، ކިމް ސުރުޚީތަކަށް އަރާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކާ ގުޅޭ ގޮތުންނެވެ.
ކިމް ގެ މައްޗަށް އެތައް ކުށްތަކެއްގެ ތުހުމަތު ކުރެވިފައި ވާއިރު އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަންކަމަކީ:
- ސީވީ ގައި ދޮގު މަޢުލޫމާތު ހިމެނުން
2021 ގައި، ޔޫން ރައީސް ކަމަށް ވަޑައިގަތުމުގެ އަހަރެއްހާ ދުވަސް ކުރިން، ވަޒީފާ އަކަށް އެދި ހުށަހެޅުއްވި އިރު އޭނާގެ ތަޢުލީމީ ސަނަދުތަކާ ގުޅޭ ދޮގު މަޢުލޫމާތު ހިމަނާފައިވާ ކަމުގެ ތުހުމަތު ކުރެވުނެވެ.
ކޮރެއާ ޖޫންގ-އަންގް ޑެއިލީ ގައި ޝާއިއު ކުރި ލިޔުމެއްގައި ވާ ގޮތުން، ކިމް 2007 ގައި އެ ޤައުމުގެ ޔުނިވަރސިޓީ އޮފް ސުވޮން ގެ ވަޒީފާއަކަށް ކުރިމަތި ލެއްވިއެވެ. އެ ވަޒީފާ އަށް އެދި ހުށަހެޅުއްވި ސީވީ ގައި އޭނާ ލިޔުއްވާފައިވަނީ 2002 ން ފެށިގެން ކޮރެއާ އެސޯސިއޭޝަން އޮފް ގޭމް އިންޑަސްޓްރީ (ކޭ-ގޭމްސް) ގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެކަމަކު ކޭ-ގޭމްސް އުފެދުނީ 2004 ގައެވެ. އަދި ކިމް އެތަނުގައި ދުވަހަކު ވެސް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.
އޭގެ އިތުރުން ސީވީ ގައި ވަނީ 2006 ގައި ނިއު ޔޯކް ޔުނިވަރސިޓީ ގައި ކިޔަވާވިދާޅުވި ކަމަށެވެ. އެކަމަކު އޭނާ ކިޔަވާވިދާޅުވި ކަމަށް ވިދާޅުވި ޕްރޮގްރާމް އަކީ ހަމައެކަނި އެ ޔުނިވަރސިޓީގެ އެމްބީއޭ ދަރިވަރުންނަށް ޚާއްސަ ކޮށްފައި އޮންނަ ޕްރޮގްރާމެކެވެ. ހަގީގަތަކީ، ކިމް އަކީ ޔުނިވަރސިޓީ އަށް ކިޔަވާ ވިދާޅުވާން ދުވަހަކުވެސް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ.
2013 ގައި، އޭނާ ދެކުނު ކޮރެއާގެ އަމިއްލަ ޔުނިވަރސިޓީ އެއް ކަމަށްވާ އަންޔަންގ ޔުނިވަރސިޓީ އަށް އަނެއްކާވެސް ސީވީ އެއް ފޮނުއްވިއެވެ. އޭގައި އޭނާ ވިދާޅުވެފައިވަނީ 2004 ވަނަ އަހަރުގެ ސޯލް އިންޓަރނޭޝަނަލް ކާޓޫން އެންޑް އެނިމޭޝަން ފެސްޓިވަލްގައި އިނާމު ލިބިވަޑައިގެންނެވި ކަމަށެވެ. އެކަމަކު އެ ޤައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމްގެ ސްޕޮންސަރޝިޕްގެ ދަށުން ކުރިއަށް ދިޔަ މި އިވެންޓުގައި އިނާމު ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ.
"އަޅުގަނޑުގެ ކެރިއަރާއި ކިޔެވުން ބެލެންސް ކުރަން މަސައްކަތް ކުރުމުގެ ތެރެއިން ގޯސްތަކެއް ހެދުނު،" ކިމް 2021 ގައި މި ތުހުމަތުތައް އާންމުވުމުން އެ ގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އަދި އޭނާ އަށް ހެދިފައިވާ ގޯސްތަކުގެ ސަބަބުން އޭނާގެ ފިރިކަލުންނަށް ޕީޕަލްސް ޕަވަރ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަން ލިބުމުގައި "އުނދަގޫ ހާލަތަކަށް" އައިސްފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
- ހިއްސާގެ އަގު މެނިޕިއުލޭޓްކުރުން
2022 ގެ މެއި މަހު ޔޫން ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ކިމް އާއި އޭނާގެ މަންމަ އާ ދެކޮޅަށް ޑޮއިޗް މޯޓަރސްގެ ހިއްސާގެ އަގު މެނިޕިއުލޭޓްކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން 2.3 ބިލިއަން ވޮން (1.68 މިލިއަން ޑޮލަރު) ހޯއްދާފައިވާ ކަމުގެ ތުހުމަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކުރިއެވެ.
ނަމަވެސް މި އަހަރުގެ އޮކްޓޯބަރ މަހު ފަސްޓް ލޭޑީ މި ތުހުމަތުތަކުން ބަރީއަވިއެވެ. ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ޕްރޮސެކިއުޓަރސް އޮފީހުގެ އެންޓި-ކޮރަޕްޝަން ޑިވިޜަނުން ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ، މި މުއާމަލާތުގައި ކިމްގެ ހިއްސާ ވިޔަފާރީގެ އެކައުންޓް ބޭނުންކޮށްފައިވީ ނަމަވެސް، މިކަމުގައި ހިނގި މަކަރު ހީލަތް ހެދުމުގެ ކަންކަން އެކަމަނާ އަށް އެނގިވަޑައިގަންފައި ނުވާ ކަމަށެވެ.
- އެންޓި-ކޮރަޕްޝަން ޤާނޫނުތަކާ ޚިލާފުވުން
2022 ގެ ނޮވެމްބަރ މަހު ފަސްޓް ލޭޑީގެ ކުންފުނީގެ މައި އޮފީހުގައި 2,200 ޑޮލަރުގެ އަގުހުރި ކްރިސްޓިއަން ޑިއޯ ހޭންޑްބޭގެއް މީހެއްގެ އަތުން ހަދިޔާ އެއްގެ ގޮތުގައި ގަބޫލު ކުރެއްވި މަންޒަރު ހިމެނޭ ވީޑިއޯއެއް ހާމަ ވިއެވެ. އެކަމާ ގުޅިގެން އިދިކޮޅު ލީޑަރުން އޭނާ އެންޓި-ކޮރަޕްޝަން ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރި މައްސަލަ ބައިނަލް އަގްވާމީ ސުރުޚީ ތަކުގެ ސަމާލު ކަމަށް އައެވެ.
ކިމް އަށް މި ހަދިޔާ ދިން ކޮރެއާ-އެމެރިކަން ފާދިރީ ބުނެފައިވަނީ އޭނާ ކިމްއާ ބައްދަލު ކުރީ ރައީސްގެ ކިބައިން ނުފޫޒު "ގަންނަން" އުޅޭ މީހެއްގެ ގޮތުގައި ހެދިގެންނެވެ. ކިމް އަށް މި އަގުބޮޑު ދަބަސް ހަދިޔާ ކުރާ މަންޒަރު އޭނާ ސިއްރުން ވީޑިއޯ ކުރީ ފަސްޓް ލޭޑީ އަކީ ކަރަޕްޓް މީހެއް ކަން ސާބިތު ކޮށްދިނުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަން މިހެން ހިނގި ނަމަވެސް މި އަހަރުގެ އޮކްޓޯބަރ މަހު، ދެކުނު ކޮރެއާ ގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ޤާނޫނުތަކުގެ ދަށުން ކިމްއާ ދެކޮޅަށް މި މައްސަލައިގައި ދަޢުވާއެއް ނުކުރާނެ ކަމަށެވެ.
- އޭނާގެ ފިރިކަލުން 'މެނިޕިއުލޭޓް' ކުރުން
ކިމް އާ ގުޅޭ ގޮތުން ފެންމަތިވެފައިވާ އެތައް މައްސަލަ ތަކުގެ ތެރެއަށް ދާދި ފަހުން އިތުރުވި އަނެއް ކަމަކީ، ހުސްވި ހަފުތާގައި ވެރިރަށް ސޯލް ގައި ޕްރިމިއަރކުރި "ފަސްޓް ލޭޑީ" ނަމަކަށް ކިޔާ ޑޮކިއުމެންޓަރީއެއް ގައި ކިމްއާއި ވޮއިސް އޮފް ސޯލްގެ ތަޙުޤީޤީ ނޫސްވެރިޔާ ލީ މިޔުންގ-ސޫ އާ ދެމެދު ފޯނުން ދެކެވިފައިވާ ވާހަކަ ތަކަކުންނެވެ. މި މުޢާމަލާތް ތަކުގައި ފަސްޓް ލޭޑީ އޭނާގެ ފިރިކަލުން ގެ މައްޗަށް ނުފޫޒު ފޯރުވާ ކަމަށް ހާމަކޮށްފައިވާ ވާހަކަތައް ހާމަވެފައިވެއެވެ.
ނޫސްވެރިޔާ އާއެކު ދެކެވުނު ވާހަކަ ތަކުގެ ތެރެއިން އެއް ވާހަކައެއްގައި ކިމް ވިދާޅުވެފައި ވަނީ "އަހަރެން ނުދެކެން ޔޫން ސުކް-ޔޯލް އަކީ ހަޤީޤަތުގައި ރައީސެއް ކަމަކަށް. އެ މޮޔަ މީހާ އަކީ ހަމައެކަނި ޕަޕެޓެއް." ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ފަސްޓް ލޭޑީގެ އަމަލު ތަކުގެ ސަބަބުން ޔޫން އަށާއި ދެކުނު ކޮރެއާ އަށް ކޮށްފައިވާ އަސަރަކީ ކޮބާ؟
2019 ން 2021 ށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ފުރުއްވުމަށްފަހު ރައީސް ކަމަށް ވަޑައިގެންނެވި ޔޫން ވަނީ އޭނާގެ އަނބިކަނބަލުންގެ ދިފާއުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ދަ ޓައިމްސްގައި ޝާއިޢުކުރި ލިޔުމެއްގައިވާ ގޮތުން، ރައީސް ދެކެވަޑައިގަންނަވަނީ އޭނާގެ އަނބިކަނބަލުންނަށް ކުރިމަތިވާ އުނދަގޫ ތަކަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ ގޮތުގައެވެ. މީޑިއާ އިން އޭނާގެ ކަނބިކަނބަލުން "ޝައިތޯން" އަކަށް ހަދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަނެއްކޮޅުން ދެކުނު ކޮރެއާ ގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަނބިކަނބަލުންގެ ޢަމަލުތައް ދިފާއު ކުރެއްވުމަށާއި ގާނޫނު ހަދާ މަޖިލީހުން ފަސްޓް ލޭޑީ އާ މެދު ތަޙުޤީޤެއް ހިންގުމަށް ކުރާ މަސައްކަތްތައް ހުރަސް އެޅުއްވުމަށް އެހާ ގިނަ ވަގު ހޭދަ ކުރައްވާ އެހާ ގިނަ މަސައްކަތް ކުރެއްވުމުގެ ސަބަބުން ދެކުނު ކޮރެއާގެ ރައްޔިތުންގެ މެދުގައި ރައީސް ގެ މަގްބޫލު ކަން އިންތިހާ އަށް ވަނީ ކުޑަވެފައެވެ.
މާޝަލް ލޯ ތަންފީޒު ކުރައްވަން ރައީސް ކުރެއްވި ނާކާމިޔާބު މަސައްކަތްޕުޅަށް ފަހު، ގެލޮޕް އިން ހެދި ސާވޭ އެއްގެ ނަތީޖާ ދައްކާގޮތުގައި ޔޫން އަށް އޮތް ތާއީދު 11 އިންސައްތައަށް ވަނީ ދަށްވެފައެވެ. މިއީ 2022 ގައި ރައީސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން އޭނާގެ ތާއީދު އެންމެ ބޮޑަށް ދަށަށް ދިޔަ ކަމަށް ފާހަގަވި ފަހަރެވެ.
ސިޔާސީ ތަޖުރިބާކާރުންގެ ނަޒަރުގައި ފަސްޓް ލޭޑީ ކިމް ކެއޮން-ހީ އާ ގުޅޭ ގޮތުން ފެންމަތިވި މައްސަލަތަކަކީ ޔޫން ސުކް-ޔޯލްގެ ސިޔާސީ ހަޔާތް ބަނަވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ޤައުމު ވެރިކަން ކުރެއްވުމުގެ ބަދަލުގައި ރައީސް ގެންދަވަނީ އަނބިކަނބަލުންގެ ޢަމަލުތައް ދިފާޢުކުރުމަށް މާ ގިނަ ވަގުތު ހޭދަކުރަވަމުންނެވެ.