ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 13:11
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުރު ޚުތުބާ
ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ޅަދަރީންގެ ހިތްތަކުގައި އިމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކުރެވެން ޖެހޭ - ޚުތުބާ
އަހަރުމެންގެ ހުރިހާކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް
ޒުވާނުންނަށް ދެވޭ ތަރުބިއްޔަތާއި، ތައުލީމުގެ މިސްރާބު ހުރި ނެތް ގޮތް ވަޒަން ކޮށްލަން ޖެހޭ

ގައުމުގެ ތައުލީމީ ފަލްސަފާއާއި، ގައުމީ މަންހަޖު ހަރުދަނާކޮށް، ޅަ ދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް، އެ މަންހަޖު ތަންފީޒުކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

އީމާންތެރިކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ މަންހަޖުގެ ތެރެއިން ޅަދަރީންގެ ހިތްތަކުގައި އިމާންތެރިކަން ހަރުދަނާކުރެވޭނެ ގޮތެއް ރޭވުމުގެ އިތުރުން، އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަންޖެހޭ ކަމަށެވެ.

އިސްލާމީ އުއްމަތް ބިނާކޮށް، ތަަރައްގީކުރުމުގައި، ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވީހިނދު، އަޅުގަނޑުމެންގެ ގައުމުގެ ޒުވާނުންގެ ހާލަކީ ކޮބައިތޯ ބަލާލަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެމީހުންނަށް ދެވޭ ތަރުބިއްޔަތާއި، ތައުލީމުގެ މިސްރާބު ހުރި ނެތް ގޮތް ވަޒަން ކޮށްލަންވެސް ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއަދުގެ ޒުވާނުންނަކީ، ކުރިމަގުގައި ގައުމު އާރާސްތުކޮށް، ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސްދެވޭނެ ފަދަ ބައެއްތޯ ސުވާލުކޮށްލުން މުހިންމު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގައުުމުގެ އާބަދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވާއިރު، ބައެއް ޒުވާނުން ދީނާ ދުރުވެ، ރިވެތި އަޚުލާގީ ސިފަތަކާ ދުރުހެލިވެފައިވުމަކީ ހިތާމަހުރިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޒުވާނުން މިފަދަ ދަށު ދަރަޖައަކަށް ވެއްޓުމުގެ ސަބަބަކީ ކޮބައިތޯ އަދި މިކަންކަމާ މެދު ސުވާލުކުރެވޭނެ ބަޔަކު ވާނެކަމަށާއި، ޒިންމާ ނަގަންޖެހޭނެ ބަޔަކު ވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އަހަރުމެންގެ ހުރިހާކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އަހަރުމެންގެ ދަރިންނަށް، މާތްﷲގެ އެއްކައުވަންތަކަމާއި، އެކަލާނގެ ގުދުރަތްތެރިކަމާއި، ކުޅަދުންދަވަންކަމުގެ ވާހަކަތައް ތުއްތު އިރުއްސުރެ ކިޔައިދޭންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ދީނުގެ އަގީދާއާއި އީމާންކަމުގެ ފުރިހަމަކަން ހާސިލްވާނީ ގިނަގިނައިން ގުރުއާން ކިޔަވައި، އޭގެ އާޔަތްތަކާ މެދު ރަނގަޅުގޮތުގައި ވިސްނާ ތަދައްބުރު ކޮށްގެން ކަމަށެވެ. އަދި ބަލިކަށިވެފައިވާ އަގީދާއާއި، އީމާންކަން ވަރުގަދަ ކުރުމަށް ހިފަން އޮތް އެންމެ މުހިންމު ވަސީލަތަކީ ކީރިތި ގުރުއާންކަމަށް ބުނެފައިވެއެވެ. އަދި ކީރިތި ގުރުއާން ކިޔަވައި އޭގެ އާޔަތްތަކާ މެދު ވިސްނައި ފިކުރު ހިންގުންކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް