ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 06:07
މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާގައި މީހުން މަރުވުން
އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި، ބަޔަކު މަރުވެފައިވާކަމަށް ބެލެވޭ
އިމާރާތުން ދެމީހެއްގެ ހަށިގަނޑު ނެރެގެން އެމްބިޔުލަންސް އަށް އެރުވި މަންޒަރު ފެނިފައިވޭ

އަލިފާން ރޯވި ގޭގެތެރޭގައި މަރުވެފައިވާ މީހުން ތިބުން އެކަށީގެންވާކަމަށް މައުލޫމާތުލިބުނެވެ.

މ.ނިރުފެހި ގެއިން އެސަރަހައްދުގައި ހަރަކާތްތެރިވި "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް ވަނީ ދެމީހެއްގެ ހަށިގަނޑު ނެރެގެން އެމްބިޔުލަންސް އަށް އެރުވި މަންޒަރު ފެނިފައެވެ. އެއީ އަންހެނެއްކަމެއް ނުވަތަ ފިރިހެނެއްކަމެއް އަދި ދިވެހިންކަމެއް ނުވަތަ ބިދޭސީންކަމެއް ސާފެއް ނޫނެވެ. މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތު ދީފައެއްނުވެއެވެ. އޭގެފަހުން ތިން މީހެއްގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެން ނެރޭ މަންޒަރު ފެނިފައިވާކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. އެތަނުގައި 12 ބިދޭސީން ދިރިއުޅޭކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް އެއިމާރާތް ސިފައިން އަންނަނީ ބަލަމުންނެވެ.

އެމްއެންޑީއެފުން ބުނީ އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:30 ހާއިރުކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި އިމާރާތުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30އެހާއިރުކަމަށެވެ. ބުދަ ދުވަހުގެ ރޭ މެންދަމު 3:56 އެހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އިމާރާތުގައި އިތުރު މީހުން ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

Advertisement

ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައެވެ. ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ފެތުރިގެންދިޔައެވެ.  މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ.

މިހާދިސާއާ ގުޅިގެން ކައިރީގައި ހުރި ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. އަދި ކައިރި އިމާރާތްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ދުމުގެ އަސަރު މީހުންނަށްކޮށްގެން ބައެއް މީހުންނަށް ފަރުވާދީފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަރަކާތްތެރިވަމުން އައިސްފައި ވެއެވެ.

އަލިފާން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު, ލިބުނު ގެއްލުންތައް ވެސް އަދި ސާފެއް ނުވެއެވެ.

މިހާދިސާގައި އަލިފާން ރޯވި ތަނުން ފެނުނު މީހުންގެ ހަށިގަނޑުގެ އަދަދު އަދި މުޅިން ސާފު ނުވާކަމަށް އެމްއެންޑިއެފުން ފަތިހު މައުލޫމާތު ދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް