ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 08:36
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ އިހުތިޖާޖު
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ އިހުތިޖާޖު
ރާއްޖެއެމްވީ
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން
ދަރިވަރުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ގޮވާލައި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖުކޮށްފި
ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ސަރަޙައްދުގައި އިޖުތިޖާޖުކޮށްފައި
އެ ސަރަޙައްދުގައި ފުލުހުންގެ ޓީމެއް ވެސް ޙަރަކާތްތެރިވެފައިވޭ
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވާލާފައިވޭ

އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ހަވާލު ކުރުމާމެދު ނުރުހުން ފާޅުކޮށް އެ ސުކޫލުގެ ބެލެނިވެރިންތަކެއް އިހުތިޖާޖުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ސަރަޙައްދުގައި އިޖުތިޖާޖުކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުގައި ފުލުހުންގެ ޓީމެއް ވެސް ޙަރަކާތްތެރިވެފައިވެއެވެ.

ބެލެނިވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށް ޝުއޫރުތައް ހިމަނާފައިވާ ބޯޑުތައް ހިފައިގެން އެ ސަރަޙައްދުގައި އިހުތިޖާޖުކޮށްފައެވެ. އެގޮތުން އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށާއި، އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިންމައި ދިނުމަށާއި، އެ ސުކޫލާ މެދު އިހުމާލުވެފައިވާކަމަށް ބުނެ ބެލެނިވެރިން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

މީގެ އިތުރުން، އަރަބިއްޔާ ސްކޫލުގައި ހުންނެވި ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެންއައިއީއަށް ބަދަލުކޮށް، އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން، 7 ނޮވެންބަރުން ފެށިގެން އެ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުއާ ޙަވާލު ކޮށްފައިވާތީ އެކަމާ ވެސް ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ކުރިން ހުންނެވި ގޮތަށް ޝުޖާއު އަބްދުލްރަހީމް އެ މަޤާމުގައި ބެހެއްޓެވުމަށް ބެލެނިވެރިން ވަނީ ގޮވާލާފައެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ އިހުތިޖާޖު - ރާއްޖެއެމްވީ

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ސުކޫލުގެ ހިންގުން ބަދަލުކުރީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައެވެ.

އަރަބިއްޔާގެ ބެލެނިވެރިން އިހުތިޖާޖު ކޮށްފައިވާއިރު، އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިގެން ނުދާނެކަމަށާއި އަންނަ އަހަރުގެ ބަޖެޓުުން އިމާރާތް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބަޖެޓުގައި އަރަބިއްޔާ ސްކޫލުގެ ހަރަދުތަކަށް 34.7 މިލިއަން ރުފިޔާ ހިމަނާފައި ވިޔަސް ބާ ޖަމާލުއްދީން ސްކޫލުގެ ބިމުގައި ހަދަން ނިންމައި ކޮންޓްރެކްޓަރާ ހަވާލު ކޮށްފައިވާ އަރަބިއްޔާގެ އައު އިމާރާތުގެ ހަރަދުގެ ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ބަޔަކާ އެކު ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށާއި، މިހާރު ވެސް އަރަބިއްޔާގެ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް