ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 17:16
ޒަކާތު ނަފާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ޒަކާތު ނަފާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
"ޒަކާތު ނަފާ" ޕްރޮގްރާމު
ފުރަތަމަ ފިޔަވަހީގައި 96 ރަށަކުން ފަގީރުކަން ނައްތާލެވޭނެ: ފައްޔާޒު
މިއީ މުޖުތަމައުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމެއް
އެމީހުންނާއެކު އެއްބަސްވުން ހަދާތާ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތައް ފަށައިގަނެވޭނެ
މިކަން ކުރިއަށްގެންދާނީ ވަރަށް ބޮޑަށް ސަޕޯޓް ދީގެން

ޒަކާތު ނަފާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި 96 ރަށަކުން ފަގީރުކަން ނައްތާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮގްރާމުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އާދިއްތަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މާލޭގައި އެކަނިވެސް ފަގީރުންގެ ގޮތުގައި 467 ގޭބީސީއެއް ކަނޑައަޅާފައިވާކަމަށެވެ. އެހެންނަމަވެސް މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި މަސައްކަތްކުރާނީ އަތޮޅުތެރޭގެ 96 ރަށަކުން ފަގީރުކަން ނައްތާލުމަށް ކަމަށެވެ. އެއީ 350 ގޭބިސީއެކެވެ. އަދި 1،077 މީހުންނެވެ. ފައްޔާޒު ވިދާޅުވީ މި ރަށްރަށުން ފަގީރުކަން ނައްތާލެވުމުން މުޖުތަމައުގައި ދިމާވާ ބައެއް އެހެން މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އެމީހުންނާއެކު އެއްބަސްވުންތަކެއް ހެދިގެންދާނެ ކަމަށެވެ. އެމީހުން ކުރަން ބޭނުންވާ މަސައްކަތްތައް ދެނެގަނެ، ގުޅުންހުރި ފަރާތްތަކާއެކު އެކަންކަން ކުރިއަށްގެންދާ ގޮތް ރޭވިގެން ދާނެކަމަށެވެ. އުންމީދަކީ އެއްބަސްވުން ހަދާތާ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެން ދިއުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ކުރިއަށްގެންދާނީ ވަރަށް ބޮޑަށް އެމީހުންނަށް ސަޕޯޓް ދީގެން ކަމަށެވެ. އެހެންނަމަވެސް ކާމިޔާބުވާނީ އެ މީހަކުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕްރޮގްރާމް ނިމޭއިރު އެމީހުން މިހާރު ތިބި ހާލަތަށްވުރެ ދަށް ހާލަތަކަށް ނުދާނެ ގޮތްތައް ބަލަމުންދާކަަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
- ކޮމެންޓް