ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 20:51
ސްޕްރީމް ކޯޓުގެ އެސްޖީގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ފާއިޒު
ސްޕްރީމް ކޯޓުގެ އެސްޖީގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ފާއިޒު
ސަން
ސުޕްރީމްކޯޓުގެ އެސްޖީގެ މަގާމުން ވަކި ކުރުން
ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލީކަން ސާބިތުވެ ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކޮށްފި
ބުދަ ދުވަހުން ފެށިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފައި
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފުވިކަން ވަނީ ސާބިތުވެފައި

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. ޙުސައިން ފާއިޒް ކޯޓުގައި ކެމެރާ ހަރުކޮށް ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލިކަން ސާބިތުވެ މަގާމުން ވަކިކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އޭނާ މަގާމުން ވަކިކޮށްފައިވަނީ ބުދަ ދުވަހުން ފެށިގެންނެވެ. އެގޮތުން، އޭނާ އެ މަގާމުން ވަކިކުރަން ނިންމާފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާކަން ޑީޖޭއޭއިން ކުރި ތަހްގީގަށް ސާބިތުވުމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޑީޖޭއޭއިން ބުނީ ފާއިޒު މަގާމުން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަމަށް ބުނެ، ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމައި އެކަން ތަންފީޒުކޮށް، އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުން އެ ގޮތުގެ މަތިން ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާތީކަމަށެވެ. އަދި ކެމެރާ އެޅުމުގެ މަސައްކަތަށް ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރުދުކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ތައްޔާރުނުކޮށް، ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށްކަން ވެސް ތަހުގީގަށް ސާބިތުވެފައިވާކަން ޑީޖޭއޭއިން ފާހަގަކުރިއެވެ.

މިއީ ޒިންމާދާރުކަން ކުޑަ، ގޮތްކުޑަ އަމަލެއް ކަމަށާއި އެހެންވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން ފާއިޒަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފައިކަމަށް ޑީޖޭއޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ޝަރުއީދާއިރާގެ ކޮންމެ މުވައްޒަފަކީ ޝަރުއީދާއިރާގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، ގަދަރު ހިފެހެއްޓުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހޭކަމަށާއި، އިދާރީ އިސްވެރިޔާއަކީ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަންޖެހޭ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ވަކި އަތަކަށް ނުޖެހުމާއި، ނުޖެހޭ ކަން އަމަލުން ދެއްކުމާއި އެކަމުގައި އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކުމާއި އެކަމަށް މުވައްޒަފުންނަށް ބާރުއެޅުމަކީ ވެސް އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާގެ ޒިންމާއެއްކަން އެ ޑިޕާޓްމަންޓުން ފާހަގަކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުގެ މުވައްޒަފުން އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ފަނޑިޔާރުން ދީފައިވާ އިރުޝާދުތަކާއި ހިލާފުވެ މުވައްޒަފުންނަށް ނުރަނގަޅު ނަމޫނާ ދައްކާފައިވާކަން ބެލިބެލުމުން ފާއިޒުގެ މައްޗަށް ސާބިތުވާކަަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

މި ސަބަބުތަކާހުރެ ފާއިޒުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާއިރު މި އަމަލަކީ ޝަރުއީ ދައިރާއާ ދޭތެރޭ އާންމުން ދެކޭގޮތް ކިލަނބުވާފަދަ އަމަލެއްކަމަށް ޑީޖޭއޭއިން ފާހަގަކުރިއެވެ.

ޑރ.ފާއިޒްގެ މައްޗަށް ސާބިތުވި މި މައްސަލަ ތަހުގީގުކުރަމުން ދިޔައިރު، އޭނާ ހުރީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ސަސްޕެންޝަންގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް