ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 18:11
                                             "ބޮންޑޭ"
"ބޮންޑޭ"
ރައްޔިތުންގެ މަޖިލިސް
ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަކުރުން
ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަކުރުން: ކޮމިޓީ ހޫނުވެ މެމްބަރު ބޮންޑޭ ކޮމިޓީ ދޫކުރައްވާ ވަޑައިގަންނަވައިފި!!
މާލެ އާއި ރަށްރަށުގައި ޓެރިފް ރޭޓް 2023 ޖޫން މަހުގެ ނިޔަލަށް ހަމަހަމަ ކުރުމަށް ހުށަހަޅާފައިވޭ
ފެނަކަ އާއި ސްޓެލްކޯ އަށް ބޭނުންވާ ވަރަށް ވުރެ ގިނައިން މުވައްޒަފުން ނަގާކަމަށް ބޮންޑޭ ތުހުމަތުކުރައްވާ

ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ދާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެން، އިބްރާހީމް ރަޝީދު (ބޮންޑޭ) މަޖިލީހުގެ އެސްއޯއީ ކޮމިޓީ ދޫކުރައްވާ ވަޑައިގަންނަވައިފިއެވެ.

ބުދަ ދުވަހުގެ އެސްއޯއީ ކޮމިޓީގައި އޮތީސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި، ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލުކުރަމުންދާ ރޭޓާއި ބޭންޑްކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި،ބޭންޑާއި ރޭޓް ހަމަހަމަކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރާއި ގުޅޭ މަސައްކަތެވެ. އެ މަސައްކަތް ކުރިއަށް ދިޔަ އިރު ބޮންޑޭ ވަނީ ސަރުކާރަށް ފެނަކަ އާއި ސްޓެލްކޯ އަށް ބޭކާރު މުވައްޒަފުން ނަގާ ކަމަށް ބުނެ އެކަމާއި މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި މިހާރު ކަރަންޓުގެ އަގު ހަަމަހަމަ ކުރަން ކަަމަށް ބުނެ މަސައްކަތް ކުރަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެއް ހަލީމް) ވަނީ ބޮންޑޭގެ އެ ވާހަކަތަކަށް ތާއީދު ނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި ފެނަކަ ފަދަ ތަންތަނުގެ ޒިންމާ ބޮޑުތަނުން އިތުރުވެފައި ވާތީ އެ ތަންތަނަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބު ވަނީ ބޮންޑޭގެ އެ ހުށަހެޅުން ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ތެރެއިން ކުރެވިދާނެ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެކަމާއި ޚިޔާލު ތަފާތުވެ ހިތްހަމަޖެހިވަޑައި ނުގެން ބޮންޑޭ ވަނީ ކޮމިޓީ ދޫކުރައްވާ ވަޑައިގަންނަވާފައެވެ.

އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ސުވާލުކުރުމުން ބޮންޑޭ ވިދާޅުވީ އަންނަ އަހަރު ޓެރިފް ރޭޓް ހަމަހަމަކުރުމުގެ ވާހަކަދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ކުރަނީ އިންތިޚާބާއި ދިމާކޮށް ކަމަށެވެ. އޭގެ ބަދަލުގައި ކުންފުނިތަކުގެ މުވައްޒަފުން މަދުކޮށް ހަރަދުކުޑަކޮށްގެން ޚިދުމަތުގެ އަގު ހެޔޮކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހު މި މައްސަލައިގެ ކޮމިޓީ ރިޕޯޓަށް ހުށަހަޅާފައިވާ 3 އިސްލާހެއް ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި އެކި މޮޑެލްތަކާއި އެކި އެކި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަރަންޓް އުފައްދަން ކުރާ މަސައްކަތް ދެނެގަނެ، ޓެރިފަށް ކުރާ އަސަރު ދިރާސާކުރުމާއި، މާލެ އާއި ރަށްރަށުގައި ޓެރިފް ރޭޓް 2023 ޖޫން މަހުގެ ނިޔަލަށް ހަމަހަމަ ކުރުމަށް ހުށަހެޅި އިސްލާހު ފާހަގަކޮށްލެވެއެވެ. އަދި ދެވަނަ ހުށަހެޅުން ކަރަންޓް ދިނުމަށް ދޭ ސިސްޓަމްގެ ފެންވަރު ރަނގަޅުކުރުމާއި ހަރަދު ކުޑަކުރުމުގެ އިތުރުން ހަކަތަ ގިނައިން އުފައްދަން ހުށަހަޅާފައި ވާއިރު، ބިލްކުރުމުގައި ހުރި ތަފާތުކުރުންތައް ދެނެގަންނަނަން ވެސް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް