ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 16:01
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ
ލަމްހާއާއި މާވިންއަށް ކުރާ ދައުވާ: މާވިން އުޅުނު ގޭގައި ދިރިއުޅުނު މީހެއްގެ ހެކިބަސް ނަގައިފި
ޗެޓްލޮގްތަކާއި ގުޅޭގޮތުން ޝަރީއަތުން އިތުރަށް ބެލުމަށްފަހު ގޮތެއް ނިންމަވާނެ
ދެ ހެއްކަކު ބަލި ޙާލަތު ހުރި ގޮތުން މި އަޑުއެހުމަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވޭ
ގިނަ ސުވާލުތަކުގެ ޖަވާބުގައި އެ ހެކިވެރިޔާ ވަނީ ކަންކަން ހަނދާނުގައި ނެތްކަމަށް ބުނެފައި

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި 4 ހެއްކެއްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތް ނަމަވެސް، އަޑުއެހުމަށް ހާޒިރު ކުރެވުނީ އެންމެ ހެއްކެކެވެ. އެގޮތުން ދެ ހެއްކަކު ބަލި ޙާލަތު ހުރި ގޮތުން މި އަޑުއެހުމަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވާއިރު، އެއް ހެކިވެރިޔަކު ވަނީ އޭނާ ކޯޓަށް އައި މަގުމަތީގައި އެކްސިޑެންޓު ވެފައިވާކަމަށް ކޯޓަށް އަންގާފައެވެ.

މި އަޑުއެހުމުގައި ހެކިބަސް ނަގަން ފެށުމުގެ ކުރިން ލަމްހާގެ ވަކީލުން ވަނީ ކަމެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ހުށައެޅި ލިއެކިއުންތަކުގެ ތެރޭގައި މޭރީއާއި މާވިންއާ ދެމެދުގައި ފިލިޕީންސް ބަހުން ދެކެވިފައިވާ ވާހަކަތަކެއްގެ ލެޓިން ޗެޓްލޮގްތަކެއް ހިމެނޭ ކަމަށާއި، އެ ޗެޓްލޮގްތައް ތަރުޖަމާ ކުރުމަށް ދިފާއުން އެދޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަރުޖަމާކޮށް ނުދެވޭނަމަ، އެ ލިއުން ބަލައިނުގަތުމަށްވެސް ދިފާއުން އެދިފައިވެއެވެ.

ގާޒީވެސް ވަނީ އެއީ ފިލިޕީންސް ބަސްކަން ނުވަތަ އޭގައިވާ އެއްޗެއް ޝަރީއަތުން ކަށަވަރު ކުރާނީ ކިހިނެއްތޯ ދައުލަތާ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ނުކުތާއަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާގައި ފާހަގަ ކުރެވެން އޮތް ނުކުތާއެއް ކަމަށާއި، ދައުލަތުން ހުށައަޅާފައިވާ ޗެޓްލޮގްތަކުގެ ތެރޭގައި އެ ދެމަފިރިންގެ ދެމެދުގައި ދެކެވިފައިވާ މައްސަލައާ ގުޅުން ނެތް އާދައިގެ ޗެޓްލޮގްތައްވެސް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް، ދިފާއުން އެދޭނަމަ އެ ޗެޓްލޮގްތައް ތަރުޖަމާ ކޮށްދެވިދާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

Advertisement

މި މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ޗެޓްލޮގްތަކާއި ގުޅޭގޮތުން ޝަރީއަތުން އިތުރަށް ބެލުމަށްފަހު ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

ދެން ކުރިއަށްދިޔައީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ މޭރީއާއި މާވިން ދިރިއުޅުނު ގޭގެ ފަންގިފިލާއެއްގައި ދިރިއުޅުނު މީހެކެވެ. ދައުލަތުން ކުރި ގިނަ ސުވާލުތަކުގެ ޖަވާބުގައި އެ ހެކިވެރިޔާ ވަނީ ކަންކަން ހަނދާނުގައި ނެތްކަމަށް ބުނެފައެވެ. އޭގެ ތެރޭގައި މާވިންއާއި މޭރީ ޒުވާބު ކުރި އަޑު އެހިކަން ނުވަތަ ނޫންކަން ހަނދާނުގައި ނެތް ކަމަށް ބުނުން ހިމެނެއެވެ.

ހެކިވެރިޔާ ވަނީ އެ ގޭގައި ދިރިއުޅުނު މުއްދަތާއި، ގޭގެ ސްޓްރަކްޗަރ އާ ގުޅޭގޮތުން ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދީފައެވެ.

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ ގޭގެ ސިޑިން އަރާ ފައިބާއިރު ބައެއް ފަހަރު މާވިންއާ ދިމާވެއެވެ. އެއީ ފަހަރަކު މީހަކަށް އެރޭ ވަރުގެ ޖާގައިގެ ސިޑިއެއްކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 1 ނޮވެމްބަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް