ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 12:39
މާލޭ ސްޓްރީޓް ސްކޭޕިކް ޕްރޮޖެކްޓް
މާލޭ ސްޓްރީޓް ސްކޭޕިކް ޕްރޮޖެކްޓް
އާރްޑީސީ
ބަޖެޓް 2023: ބިން ހިއްކުމާއި މަގުތައް ހެދުން
އަންނަ އަހަރު 50ށް ވުރެ ގިނަ ރަށުގެ މަގުތައް ތަރައްގީކުރާނެ
ބިން ހިއްކުމާއި މަގު ހެދުމަށް ޖުމުލަ 1،456.3 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފައިވޭ
ކ.ގުޅީފަޅުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ 291.8 މިލިއަން ރުފިޔާ ލޯނުން ފަންޑުކުރުމަށް ހަމަޖެހިފައިވޭ

އަންނަ އަހަރު 50 އަށް ވުރެ ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ބިން ހިއްކުމާއި މަގު ހެދުމަށް ޖުމުލަ 1،456.3 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފައިވެއެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ ޖުމުލަ 17.3 އިންސައްތައެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނީ އެކި ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

މިގޮތުން، ކ.ގުޅިފަޅުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ 291.8 މިލިއަން ރުފިޔާ ލޯނުން ފަންޑުކުރުމަށް ހަމަޖެހިފައިވެއެވެ. ގުޅިފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ބޭނުމަކީ ޕޯޓް ތަރައްޤީކޮށް ނިމޭއިރު، ގުދަންކުރުމާއި ސިނާޢީ މަސައްކަތާއި ލޮޖިސްޓިކްސްއާ ގުޅުންހުރި ޚިދުމަތްތައް ފުޅާކުރުމެވެ. އަދި އައްޑޫ ސިޓީ ބިން ހިއްކުމަށާއި މަގު ހެދުމަށް 171.6 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއިން ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މިހާރު ހިނގަމުންދާ އަދި އެވޯޑްކުރެވިފައި ހުރި މަގު ހެދުމުގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 411.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އެކި ރަށްތަކުގައި އަލަށް ފެށުމަށް ރޭވިފައިވާ މަގު ހެދުމުގެ މަޝްރޫއުތަކަށް 23.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ރޭވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް