ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 17:50
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތައް
ގަސްތުގައި ދޮގު ވާހަކަ ފަތުރާނަމަ ޕާޓީތަކަށް ފިޔަވަޅުއަޅަން ފެނޭ: އަހުމަދު އަބްދުﷲ
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ 40ށްވުރެ ގިނަ އިސްލާހު
ސީދާ ކަނޑައެޅިގެން ދޮގުކަން އެނގިހުރެ ވާހަކަތައް ދައްކަމުންދަނީ ފިތުނަ އުފެއްދުމަށްކަމަށް ވިދާޅުވި

ގަސްތުގައި ދޮގު ވާހަކަ ފަތުރާނަމަ ޕާޓީތަކަށް ފިޔަވަޅުއަޅަން ފެނިވަޑައިގަންނަވާކަމަށް, ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާގެ އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ސީދާ ކަނޑައެޅިގެން ދޮގުކަން އެނގިހުރެ ވާހަކަތައް ދައްކަމުންދަނީ ފިތުނަ އުފެއްދުމަށްކަމަށެވެ. އެފަދަ ވާހަކަދެއްކުމަކީ އާއްމު މަސްލަހަތަށްވެސް ބުރޫއަރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއީ ފިޔަވަޅު އެޅެންޖެހޭ މައްސަލައެއްކަމަށް ގަބޫލުފުޅުކުރައްވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެފަދަ ބަދަލެއް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހިމަނަން ވާނީ ކުށް ބަޔާންކޮށް، އަދަބުވެސް ބަޔާންކުރުމާއެކު ކަމަށް، ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އަހުމަދު ވަނީ ވިދާޅުވެފައެވެ. އަންގާރަ ދުވަހުގެ ކޮމިޓީގައި އެ ބަދަލު ގެނެވިދާނެ ގޮތަކާމެދު މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.

ބުދަ ދުވަހުގެ ކޮމިޓީގައި، އެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކާއެކު ކުރާ މަޝްވަރާތަކުގައި ހިމަނާނެ ކަންކަމާމެދު ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ކޮމިޝަނަށް ޕާޓީތަކާމެދު ފިޔަވަޅު އަޅަން ބާރު ދިނުމާމެދު ޕާޓީތަކާއެކު މަޝްވަރާކުރުން މުހިންމުކަން ކޮމިޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޚިޔާލު ފާޅުކުރުމާ ގުޅުންހުރި މާއްދާއާއި އެ ނޫން ބައެއް އިސްލާހުތަކާމެދު ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ 40ށްވުރެ ގިނަ އިސްލާހާމެދު ކޮމިޓީ މަރުހަލާގައި ދަނީ މަޝްވަރާކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް