ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 07:19
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވާ އަޒްހާން
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވާ އަޒްހާން
މޯލްޑިވްސް ޕޮލިސް ސާރވިސް
އަޒްހާންގެ ހަށިގަނޑު ގެނައުން
ޕޯސްޓްމޯޓަމަށް ފަހު އަޒްހާންގެ ހަށިގަނޑު ގެނެސްފި، ޖަނާޒާ މިއަދު
އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިޔާއަށް ފޮނުވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު
ކަށުނަމާދު ޕޭޖްގައި ވަނީ އަޒްހާނުގެ ކަށުނަމާދު ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެކަން ހާމަކޮށްފައި

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިޔާއަށް ފޮނުވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު އަޒްހާންގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.

ހުޅުމާލެއިން ފެނިފައިވަނީ އަޒްހާންގެ ހަށިގަނޑުގެ ކަމެއް ކަމާބެހޭ އެއްވެސް ފަރާތަކުން ޔަގީންކޮށެއް ނުދެއެވެ. ނަމަވެސް ކަށުނަމާދު ޕޭޖްގައި ވަނީ އަޒްހާނުގެ ކަށުނަމާދު ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެކަން ހާމަކޮށްފައެވެ.

އަޒްހާންގެ މަރާ ގުޅިގެން ފުލުުހުން ނެރުނު ބަޔާނެއްގައި ވަނީ، 18 ސެޕްޓެމްބަރު ވަނަ ދުވަހުގެ ހެނދުނު 6:00ން ފެށިގެން އަޒްހާން ގެއްލިގެން އުޅޭކަމަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ 19 ސެޕްޓެމްބަރު ގައި ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް އެ މައުލޫމާތު ހިއްސާކުރިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން އަޒްހާން ގެންގުޅޭ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ. އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހާ ހަމައަށް ވެސް އަޒްހާންގެ ޚަބަރެއް ވެފައި ނުވާތީ، އާއިލާގެ ހުއްދައާއެކު އޭނާ ހޯދަން އިއުލާންކުރިކަމަށާއި، އޭނާ އާ އެންމެފަހުން ބައްދަލުވި ކަމަށް ފާހަގަކުރެވުނު މީހުންނާ ސުވާލުކޮށް، ފުލުހުންނާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތައް ބަލާފައިވާކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި ވަނީ، އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިޔާ ފްލެޓް ކައިރިން ޓެކްސީއެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓްހައުސްއަކަށް އަޒްހާން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި އެ ގެސްޓްހައުސްއާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓޭޖުތައް ނަގައި އެނަލައިޒްކޮށް، ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މިދިޔަ މަހުގެ 26 ވަނަ ދުވަހު، ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދު ފާސްކުރިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން، ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒުހާން ފައިބާ މަންޒަރާއި، އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި، އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައިވަނީ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދާ ދިމާ ނިރޮޅުމަގުގެ ހުޅަނގު ފަރާތުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވާކަމަށް ފުލުހުން ބުނެއެވެ. އަޒްހާންގެ ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައިވަނީ އަޒްހާންގެ ފޯނު ފެނިފައިވާ ކަމަށާއި އޭނާ މަރާލީ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް