ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 21:01
އިރާގުގެ ރައީސް އަބްދުއްލަތީފް ރާޝިދު
އިރާގުގެ ރައީސް އަބްދުއްލަތީފް ރާޝިދު
ޑެއިލީ ސަބާހް
އިރާގުގެ އައު ރައީސް
އިރާގުގެ ރައީސްކަމުގެ މަގާމަށް އަބްދުއްލަތީފް ރާޝިދު އައްޔަންކުރައްވައިފި
ގާނޫނު ހަދާ މަޖިލީހުން، އަބްދުއްލަތީފް އެ މަގާމަށް އައްޔަންކުރެއްވުމަށް ބޭއްވި ވޯޓިންގ ސެޝަނަށް 269 މެމްބަރުން ހާޒިރުވި

އިރާގުގެ ރައީސްކަމުގެ މަގާމަށް އަބްދުއްލަތީފް ރާޝިދު އައްޔަންކުރައްވައިފިއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުން އަބްދުއްލަތީފް އެ މަގާމަށް އައްޔަންކުރެއްވުމަށް ބޭއްވި ވޯޓިންގ ސެޝަނަށް 269 މެމްބަރުން ވަނީ ހާޒިރުވެވަޑައިގެންފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާގޮތުގައި މަޖިލީހުގެ އެ ސެޝަނަށް ފެށުމުގެ ކުރިން، ގާނޫނު ހަދާ މަޖިލިސް ހުންނަ ސަރަހައްދަށް 9 ރޮކެޓް ހަމަލާ ވަނީ ދީފައެވެ. އަދި މި ހަމަލާތަކުގައި އާންމުންނާއި ސެކިއުރިޓީ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.

މި ސެޝަންގެ ފުރަތަމަ ބުރުގައި މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވޯޓްލުން ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. ފެބްރުއަރީ 7ން މާރޗް 30ށް ރައީސްއަކު ހޮވުމަށް އިރާގުން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށް، ވަނީ ނާކާމިޔާބުވެފައެވެ.

އިރާގުގެ ސިޔާސީ މަސްރަހުގައި އެޅުވިފައިވާ ތަޅާއެކު، މިދިޔަ އަހަރު އިރާގުގެ ބާރުގަދަ ޝީއީ އިމާމް މުގްތަދާ އައްސަދްރު ވަނީ ޕާލިމެންޓްރީ ވޯޓުން ކުރި ހޯއްދަވާފައެވެ. އެހެންނަމަވެސް އައު ސަރުކާރެއް އެކުލަވާލުމަށް ކުރައްވަމުން ގެންދެވި މަސައްކަތްތަކުގައި ނާކާމިޔާބުވެވަޑައިތުމުން ސިޔާސީ މަސައްކަތްތަކުން އެއްފަރާތަށް ވަނީ ޖެހިވަޑައިގެންފައެވެ.

ސަދްރު ވަނީ ޝީއީންގެ ސިޔާސީ ލީޑަރުންނަށް ފާޑުވިދާޅުވެ، މަގާމުން އިސްތިއުފާދެއްވަނީކަން އިއުލާންކުރައްވާފައެވެ. އަދި ސަދްރުގެ އިންސްޓިޓިއުޓްތައް ބަންދުކުރައްވާކަން ވަނީ އިއުލާންކުރައްވާފައެވެ. ބަންދުކުރައްވާ އޮފީސްތަކުގެ ތެރޭގައި ކަލްޗަރަލް އަދި ރިލިޖަސް އިންސްޓިޓިއުޓް ނުހިމެނޭކަމަށް ސަދްރު ވިދާޅުވިއެވެ.

ސަދްރު ވަނީ މީގެކުރިންވެސް ސިޔާސީ މަސައްކަތްތަކުން ފެއަށް ޖެހިވަޑައިގެން ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވާފައެވެ. ނަމަވެސް ސަދްރުގެ ބާރު އިރާގުގެ އިދާރާތަކާއި ގާނޫނު ހަދާ މަޖިލީހުގައި ވަރަށް ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް