ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ދުވަސްވީ މީހުންނަށް ހުރި ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަ ދައްކައި އެކަންތައްތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރުމެވެ.
މީގެ އިތުރުން 21 ވަނަ ގަރުނަށް މުޅި އާބާދީގައި ތިބި އުމުރުން ދުވަސްވާ މީހުންނަށް ހުރިހާ އުމުރެއްގެ ފަރާތްތަކަށް މުޖުތަމަޢެއް ބިނާކުރުމާއި މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
މިގޮތުން، މި ދުވަހުގެ ޝިއާރުގެ ގޮތުގައި މި އަހަރު އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރު މައިގަނޑުގޮތެއްގައި ފޯކަސް ކުރެވިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ހިއްސާއާއި ވިލުންވެރިކަމަށެވެ. މި ދުވަހުގެ ޝިއާރަކީ "އުމުރުން ދުވަސްވީ އަންހެނުންގެ ހިއްސާ އާއި ވިލުންވެރިކަން" އެވެ.
އުމުރުން ދުވަސްވީ މީހުންނަކީ ޤައުމަށާއި، މުޖުތަމަޢަށް އެތައް ގިނަގުނަ ޚިދުމަތްތަކެއްކޮށް ތަފާތު ތަޖުރިބާތައް ލިބިފައިވާ ފަރާތްތަކެކެވެ. އެހެންކަމުން، ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ މަޝްވަރާއާއި ޚިޔާލަކީ ވަރަށް މުހިއްމު އެއްޗެކެވެ. ވުމާއިއެކު، ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އެފަރާތްތައް ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު، އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ މަންމައިންނާއި ބައްޕައިންނާއި، މާމައިންނާއި، ކާފައިންނަށް ހެޔޮކަށް ހިތައި، ރައްކާތެރިކަމާއި އަބުރުވެރިކަމާއެކު، ކަރާމާތްތެރި ދިރިއުޅުމެއް އެފަރާތްތަކަށް ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށް ދިނުމަކީ މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެކެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައިވެސް ތަފާތު ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުން ދާކަމީ، ނުހަނުބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން، އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ދިމާވާ މިފަދަ އަނިޔާވެރި ޢަމަލުތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ފާހަގަ ކުރަމެވެ.
ޝައްކެއްނެތް ގޮތުގައި އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެހެންކަމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާ އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު 700 މިލިއަން މީހުންނަކީ 60 އަހަރުން މަތީގެ އުމުރުފުރައިގެ މީހުންނެވެ. 2050 ވަނަ އަހަރަށް ބަލާއިރު 2 ބިލިއަން މީހުން، މިއީ ދުނިޔޭގެ އާބާދީގެ 20 އިންސައްތަ، 60 އަހަރުން މަތީގެ މީހުންގެ ގޮތުގައި ތިބޭނެކަމަށް އަންދާޒާ ކުރެއެވެ. މިގޮތުން އެންމެ ބޮޑު ބަދަލެއް ނުވަތަ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އިންސައްތަ އެންމެ ބޮޑަށް އިތުރު ދާނެ ކަމަށް ލަފާ ކުރެވެނީ އިރުމަތި އަދި ދެކުނު އިރުމަތި އޭޝިއާގެ ގައުމުތަކުގައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054 އިން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްލަ އާބާދީގެ ނިސްބަތުންބަލާނަމަ 2014 ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންގެ އަބާދީއަކީ 5 އިންސައްތައެވެ. އަދި ރާއްޖޭގެ އާބާދީގެ އަންދާޒާތަކަށް ބަލާއިރު 2054 ވަނަ އަހަރުގައި ދޮށީއުމުރުގެ މީހުންގެ އާބާދީ 5 އިންސައްތައިން 14 އިންސައްތައަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.
މިހެންކަމުން އާބާދީއަށް މިފަދަ ބޮޑު ބަދަލެއް އަންނައިރު އިޖުތިމާޢީ ތަރައްޤީ ކުރިއެރުވުމުގެ ގޮތުން، ސިޔާސަތުތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ މިންގަނޑުތަކަށް ބަދަލުތައް ގެނެވެންޖެހެއެވެ. މީގެ އިތުރުން މިދުވަސް ފާހަޤަކުރަން ކުރެވޭ ކަންކަން ދުވަހުގެ މަޤްސަދު ހާސިލްވާނެހެން ބައްޓަން ކުރުން މުހިއްމެވެ. ޙާއްސަ ގޮތެއްގައި އާބާދީއަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތް އުމުރުން ދުވަސްވީ މީހުންގެ ހިޔާލާއި ލަފާގެ މަތިން ކުރުން މުހިއްމެވެ. އަދި ޤައުމު ބިނާކުރުމަށް ގިނަގުނަ މަސައްކަތްތައް ކޮށްފައިވާ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އެފަރާތްތައް ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ. ހަމައެހެންމެ، އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.