ބިދޭސީއެއްގެ އަތުން މޯބައިލް ފޯނެއް ފޭރިގަނެގެން ފިލަން ދުއްވި ސައިކަލެއްގައި ފުލުހުންގެ ކާރަކުން ޖައްސާ ވައްޓާލުމަށް ފަހު ވަގުން އަތުލައިގެންފިއެވެ.
މަންޒަރު ދުށް މީހަކު ރާއްޖެ އެމްވީއަށް ބުނީ ބުދަ ދުވަހު ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު ލަގްޒަރީ ކުރިމަތިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން ސައިކަލެއްގައި ދިޔަ ދެ މީހަކު ފޯނެއް ފޭރިގަނެ މަޖީދީމަގުން އިރަށް ދުއްވާލިކަމަށެވެ. އެވަގުތު އެމަންޒަރު މަޖީދީމަގުން ހުޅަނގަށް އައި ފުލުހުންގެ ފެނިގެން އެކާރުން ސައިކަލްގައި ވަނީ ޖައްސާ ވައްޓާލާފައެވެ.
އެދެމީހުން ވައްޓާލާ ބިޑިއަޅުވުމަށް ފަހު ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ރާއްޖެ އެމްވީގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ. ޒުވާން ދެ ފިރިހެން ކުދިން ހައްޔަރުކޮށްގެން ގެންދިޔައިރު އެމީހުންނަށް އަނިޔާއެއްވެފައެއް ނުވެއެވެ. ނަމަވެސް ސައިކަލަށާއި ފުލުސް ކާރުގެ ކުރީ ކޮޅަށް ހިސާބަކަށް ވަނީ ގެއްލުންވެފައެވެ.
އެވަގުތު އެސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުންނާއި ފުލުހުން ޖަމާވިއެވެ.
ރޯދަމަހު ހެނދުނުގެ ވަގުތުގައި މާލޭގައި ފޭރުން އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާއިރު ފުލުހުން ބުނެފައިވަނީ އެކަމަށް ސަމާލުވެ މަގުމަތީގައި ހަރަކާތްތެރިވާނެ ފުލުހުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފޭރޭ ބައެއް މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.